ސާކު ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ބޫޓާނަށް ފުރާ ވަޑައިގެންފި

26 އެޕްރީލް 2010

dr-waheed

ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، 16 ވަނަ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ބޫޓާނަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
މި އެޕްރީލް މަހުގެ 28 ން 29 އަށް ބާއްވާ 16 ވަނަ ސާކް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ، ބޫޓާނުގެ ވެރިރަށް
ތިމްޕޫގައެވެ. މި ސަމިޓްގައި ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ތަޤުރީރު ކުރައްވާނެއެވެ. މީގެއިތުރުން މި ސަމިޓްގެ ހަވާސާގައި، ސާކުގެ ބައެއް ޤައުމުތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި އެޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، އަދި ސަރަޙައްދީ މައްސަލަތަކާ ބެހޭގޮތުން ރައީސް އެބޭފުޅުންނާ މަޝްވަރާ ކުރައްވާނެއެވެ.
މިދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، މާލޭ ރަސްމީ ފާލަމުގައި ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މި ސަމިޓްގެތެރޭގައި ސަރަޙައްދީ ކަންކަމުގައި ސާކުން އަދާކުރާ ދައުރު ހަރުދަނާ ކުރައްވައި އިތުރަށް ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސާކުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޤާބިލް އަންހެން ބޭފުޅެއްގެ ނަން ހުށަހަޅުއްވާނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޫޓާނަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ޗައިނާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަންނަ މެއި މަހުގެ 1 ވަނަ ދުވަހު ފުރާ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.