އެމްޑީޕީގެ އަހާރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ދުއާއެއް ކުރަނީ

– މާލޭ އެމްޑީޕީ ހަރުގޭގައި ދިދަ ނަންގަވައިދެއްވާނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ހެނދުނު ދިދަ ނެގުމާއި، ޚާއްސަ ދުޢާ އެއް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީގެ އެކްޓިވިޓީސް (ހަރުގެ) ކޮމިޓީން ބުނެފިއެވެ.
ހަރުގެ ކޮމިޓީން ވާހަކަ ދެއްކެވި އެ ކޮމިޓީގެ އޮފިޝަލަކު ވިދާޅުވީ ދިދަ ނެގުމާއި، ޚާއްސަ ދުޢާކުރުން މާލޭގައި އޮންނާނީ އަމީނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި ކަމަށެވެ. އަދި މީގެ އިތުރުން މާލޭގައި މި ހަރަކާތް ފަށާ ގަޑި ކަމަށްވާ ހެނދުނު 6 ޖަހާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން، އެމްޑީޕީގެ އޮފީސް ހަރުގެ ފަދަ ތަންތަން ގާއިމްކުރެވިފައިވާ ހުރިހާ ރަށެއްގައި ދިދަ ނެގުމާއި ޚާއްސަ ދުއާއެއް ކުރުން އޮންނާނެއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި، އިސްލާޙީ ބަދަލުތަކަކަށް ގޮވަމުން ދިޔަ އެތައް ބައެއްގެ މިންނެތް މަސައްކަތުން، ޚާއްސަކޮށް މިހާރުގެ އެޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ވަރަށް ބޮޑު އިސް ނެންގެވުމަކާއެކު 26 ޖޫން 2005 ގައި ރާއްޖޭގައި ރަޖިސްޓްރީވި ސިޔާސީ ޕާޓީއެކެވެ.

މާލޭ އެމްޑީޕީ ހަރުގޭގައި ދިދަ ނަންގަވައިދެއްވާނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެވެ. އިސްވެ ދުއާ ކުރައްވާނީ އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އަލް ޙާފިޒް އަޙުމަދު ޒަކީއެވެ.