އިމިގްރޭޝަނާއި، ހިއުމަން ރިސޯސް މިނިސްޓްރީގެ އައި.ޓީ ނިޒާމު ބަލަހައްޓައި ހަރުދަނާކުރުމުގެ މަސައްކަތް ސިފައިން ފައްޓަވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

president-nasheed

އިމިގްރޭޝަނާއި، ހިއުމަން ރިސޯސް މިނިސްޓްރީގެ އައި.ޓީ ނިޒާމު ބަލަހައްޓައި ހަރުދަނާކުރުމުގެ މަސައްކަތް ސިފައިން ފައްޓަވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގައި، ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެވާ ބިދޭސީންގެ ޢަދަދު، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، އިތުރުވާ ބިދޭސީންގެ ކަންތައްތައް ޙައްލު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢްލޫމާތު ބެލެހެއްޓުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގައި، ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ އިމިގްރޭޝަންގެ ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި މަސައްކަތް ކުރަން ތިބީ ނުވަދިހަ ހަތަރުހާސް ބިދޭސީން ކަމަށާއި، އެހެން ނަމަވެސް، ހިއުމަން ރިސޯސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ތިބީ ހަތްދިހަ ތިންހާސް މީހުން ކަމަށެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު، ސާޅީސްހާހަށްވުރެ މަތިވާނެ ކަމަށް ލަފާކުރެއްވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިހިސާބަށް މިކަން ގޮސްފައިވަނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް، އެކަށީގެންވާ ގޮތެއްގައި ބެލިފައި ނުވާތީއާއި އަދި ބޭރު މީހުން ރާއްޖެ އައުމާއި، ރާއްޖޭގައި މަސައްކަތް ކުރުމާއި، ދިރިއުޅުމާ ބެހޭގޮތުން ހަރުދަނާ ނިޒާމެއް ޤާއިމް ކުރެވިފައި ނެތުމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަންކަން ބައްލަވައި، ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް މިހާރު ނިންމަވާފައިވާ ކަމަށާއި، އެގޮތުން ރާއްޖެއަށް ބިދޭސީން އިތުރުވުމުގައި، ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ބައްލަވައި، އެކަންކަމުގެ ތަޙުޤީޤު ހިންގެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި މިހާރު ދަންނަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމް.އެން.ޑީ.އެފް.ގެ ބެއްލެވުމުގެ ދަށުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނާއި، ހިއުމަން ރިސޯސް މިނިސްޓްރީގެ އައި.ޓީ ނިޒާމު ބަލަހައްޓަވައި، ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވަނީ މިދެންނެވި ސަބަބުތަކަށްޓަކައި ކަމުގައި ވިދާޅުވެ، މިހާރުހުރި ޤާނޫނުތައް ފުރިހަމައަށް ތަންފީޛު ކުރައްވައި، އޭގައި ހުރި އުނި ކަންތައްތައް ބައްލަވައި އިޞްލާޙު ކުރެއްވުމަށާއި، އިމިގްރޭޝަން އޮފިސަރުންގެ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި ތަމްރީނު ދެއްވުމާއި، ސުލޫކީ މިންގަނޑުތަކެއް ކަނޑައެޅުއްވުމަށް ހަމަޖެހިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ގަވާއިދާ ޚިލާފަށް ރާއްޖެއަށް އިތުރުވާ ބިދޭސީންގެ ކަންތައްތައް ޙައްލު ކުރެއްވުމަށް އެޅުއްވެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ އިންސާނީ ކަރާމާތަށް އިޙްތިރާމްކުރާ ޤައުމަކަށް އަދި ރާއްޖޭގެ ރައްޔިތުންނަކީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް، ތަހުޒީބީ ދިރިއުޅުމަކަށް ދިޔުމަށް މަސައްކަތްކުރާ ބައެއް ކަމަށް ހެއްދެވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާތީއާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢްލޫމާތު، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބެލެހެއްޓެވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިއޯ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ ހިއުމަން ޓްރެފިކިންގެ ހާއްޔަކަށްވިޔަ ނުދެއްވާނެ ކަމުގެ ޔަޤީންކަން ވެސް، ރާއްޖޭގެ ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވިއެވެ.