މެންބަރުންގެ ޚިޔާލު: އަނެއްކާވެސް ކަށިޖަހާން ތައްޔާރުވަނީ …

ފުނަމާ

މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑަށް ދެކެވޭ އެއްވާހަކައަކީ ހަނގުރާމަވެރި ޒައީމާއި ލީޑަރުގެ ދެމެދު ސުލްހަ ކުރުމަށް އެހައްދުވަހު ރައްޔިތުން ކައުންސިލަރުންގެ ގޮތުގައި ހޮވި ކައުންސިލަރުންތަކެއް ދައުލަތުގެ މުސާރަ ކައިގެން އެމީހުންނާއި ހަވާލުކޮށްފައިވާ ވާޖިބުތައް ދޫކޮށްލާފައި މަސައްކަތް ކުރަމުން ގެންދާ ވާހަކައެވެ. ރައްޔިތުން ކައުންސިލަރުން ހޮވާފައި އެތިބީ ކީއްކުރާންކަން މިހާރު މިއެނގެނީތާއެވެ. ކޮންމެ ނަމެއްގައި ނަމަވެސް މިކުރާން އުޅެނީ ކޮންކަމެއްތޯ ބަލާލަން އެބަޖެހެއެވެ. މިހާތަނަށް ކަންހިނގާފައިވާ ގޮތަށް ބަލާލާއިރު އެބުނާ ޒައީމަކު ހަމަ ހެޔޮހިތުން ލީޑަރާ ގުޅި ސުލްހަވެދާނެ ކަމުގައި ގަބޫލުކުރާން ދައްޗެވެ. އެހެންކަމުން ދެކަފިވެފައިވާ ބައެއް މެންބަރުންގެ ހިތުގައިވެސް މިކަމުގެ އަސްލާމެދު ޝައްކުއުފެދިފައި ވެއެވެ.
އޮޅުމެއް ނެތި އެނގޭ ކަމަކީ ޒައީމު އޭނާގެ ވެރިކަމުގެ ކެމްޕޭނުގައި އޭނާއާއި އެކު ނެރުނީ ލީޑަރެވެ. އެކަމުގައި ލީޑަރު ޚަރަދުކޮށް ބޮޑު “ދަރަނި ބޮލަކަށް” ވަނީ ވެފައެވެ. މިއަކީ އަޅުގަނޑު ބުނާއެއްޗެއް ނޫނެވެ. ޚުދު ލީޑަރުގެ އަމިއްލަ ދުލުން ވިދާޅުވި ވިދާޅުވުމެކެވެ. ކެމްޕޭނު ” ތޮއްޑުދަށުންގޮސް” ވީރާޑީގައި ދެން ހުރި ދަރަނިތައް ތިމާގެ ބޮލުގައި އެޅި ސަލާމަތް ނުވެދާނެތީވެ ލީޑަރަކީ އެވަރުގެ ކުޅަދާން ، އިޚްލާސްތެރި އެހެން މީހަކު ނެތް ވަރުގެ ވަފާތެރިއެއް ކަމުގައި ބުނެ ، ތިމަންނާ ދެން ސިޔާސީ ކަންކަމުން ދުރަށްދަނީއޭ ، އަނބި ދަރީންނާއި އެކު އުފާކުރުމުގައި އުމުރުގައި ބާކީ އޮތްދުވަސްތައް ހޭދަކޮށްލާނީއޭ ބުނެ ، އެއްކަލަ ހާމުދުރުން މަރުކައިރިވީމައި ގައިގައި ފޮށައެއް އޮޅާލައިގެން ފަރުބަދަ މައްޗަށް ދާހެން ދިޔަތަން ފެނުނެވެ. ޕާޓީ ހަވާލުކުރީ އެބުނާ ވަފާތެރި، އިޚްލާސްތެރި ލީޑަރާއެވެ. ލީޑަރުވެސް އުފަލުން ކުރީން އެއްކަލަ ނަސޯރާއީން ދިން ކަހަލަ ދެ ފާދިރީންގެ ބޮޑު ގިލަފަތި ކަހަލަ ގިލަފައްޗަކާއެކު ޒައީމުގެ ލަގަބުވެސް ދީ ކަރުނައަޅައި ރޮއެ ހެދިތަން ފެނުނެވެ.
މާގިނަދުވަހެއްނުވެ އެއްކަލަ ހާމުދުރުވެގެން އަނބި، ދަރީން ގޮވައިގެން ދިޔަ ޒައީމުފެނުނީ އަނެއްކާ ކޯޓުފަޓުލޫނު ލައިގެން ، އަމިއްލައަށް ހެލިފެލިވެ އުޅޭން ދަތިވާތީވެ ދިހަވަރަކަށް މީހުންގެ އެހީގައި ދެފައިދަމަމުން ސިޔާސީ މައިދާނަށް ނުކުތްތަނެވެ. އަނބިދަރީންގެ ކިބައިން އެބުނާ ” އުފާވެރި ” ކަމެއް ނުލިބުނީވެސް ތޯއްޗެކެވެ. ނޫނީ ޕާޓީގެ އެންމެ އިސް ގޮނޑީގައި ލީޑަރު އެއިންނަވާ އަބުއިގޮތް ފެނުމުން ހިތްދަތިވީކަންވެސް ނޭނގެއެވެ. ބައެއް މީހުން ބުނަނީ އެހެން ބުނެ ފެއަށް ޖެހިލީ ރައީސްމީހާ ޒައީމު ގެނެސް ގާތުގައި ބަހައްޓާނެ ކަމުގައި ހީކޮށް ކަމުގައެވެ. ކޮންމެއަކަސް އެމަޅީގައި ރައީސްމީހާ ނުޖެހުނަތީވެ ﷲއަށް ހަމްދާއި ޝުކުރުކުރަމެވެ. އެންމެ ފުރަތަމަވެސް ކޯޓުފަޓުލޫނަށް އެރިގެން ނުކުމެ ” ތިމަންނާއަކީ މުސްކުޅިއެއް ނޫނޭ ” ބުނެފައި ޒައީމު އޮޅުލައިގަތީ ލީޑަރު ކޮށްޕައި އަނގަވަތަށް ވައްޓާލާށެވެ. މީނާޔާ ހުރެ ހަސްގަނެ އަޅުކަން ކުރާ މީހުންގެ ވެރިއަކަށް އެއްކަލަ އޮޑިފައްތާ ކަލޭގެ ލައިގެން ނުވިތާކަށް އަންހެން ވެރީންވެސް ހޯދައި ނެރެގެން ލީޑަރުގެ ބޮލުރޮދި ކަނޑާލުމުގެ މަސައްކަތް ފަށައިފިއެވެ. މުޅިގައުމުގައި ޒައީމާއި ލީޑަރުގެ ” ލޯބީގެ ” ދިގު ސިޓީތަށް ވިހުރުވެން ފަށައިފިއެވެ. އެކަކު އަނެކަކަށް ދޭންފެށި ރައްދުތަކުން ޕާޓީގެ އެންމެހާ މެންބަރުންވެސް ބޮލާފޮށާއެޅި ދުވެފިލާން ފަށައިފިއެވެ. މިހާލަތުގައި އޮއްވައި ލޯކަލް ކައުންސިލްގެ އިންތިޚާބާއި ގުޅިގެން ” ސީސްފަޔަރ” އިއުލާނުކޮށް މީހުންނަށް ހަމަނޭވާ ލާނެ ފުރުސަތު ލިބުނެވެ. ހަމަ ނިމުމާއެކު އަނެއްކާ ދެފަރާތުން ފޫގަޅައި ނުކުމެ ހެއްދެވި ނުހެއްދެވިއަށް ގޮވާންފެށުމުން ، ބަޔަށް ހޮވުނު ކައުންސިލަރުންކޮޅު މިއަދު އުޅެނީ އިންތިޚާބުވި ގޮނޑި ގަނޑު ގެއްލުނަސް ހެޔޮކަމުގައި ބަލައިގެން ރަށްދޫކޮށް މާލެއައިސް ، ޒައީމާއި ލީޑަރު އެއްގަލަށް އެރުވޭތޯއެވެ. މިކަމުގައި އަދި ބުނާއަޑު އިވެނީ މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމުގައެވެ.
މިކަމާމެދު ވިސްނާލުމުން އެހެންކަމެއް އުޅޭ ކަމުގައި މިހާރު ޔަގީންއެބަވެއެވެ. މިދުވަސް ކޮޅަކީ ރައްޔިތުންގެ މަޖުލީހުގައިވެސް އެޕާޓީގެ މެންބަރުން ދެފެކްޝަނަށް ބެހިގެން އެއްބަޔަކާ އަނެއް ބަޔަކު އިދިކޮޅަށް ހަޅޭއްލަވަމުން ގެންދާ ދުވަސްވަރެކެވެ. ލީޑަރަށް އިހުތިރާމު ނުކޮށް ފާޅުގައި ލީޑަރާ އިދިކޮޅަށް ވޯޓުވެސް ދެމުންދާ ދުވަސްވަރެކެވެ. އަދި ކުރީން އޮތް މެޖޯރިޓީ ގެއްލިފައިވާ ދުވަސްވަރެކެވެ. އަމިއްލަ ބާރުގައި އެއްވެސް ކަމެއް ނިންމޭކަށް ނެތެވެ. މިފަދަ ދަނޑިވަޅެއްގައި އެއްކަލަ ޒައީމަށް ވާރުތަކޮށްދީފައިވާ ” ބަންޑާރަ ބޯގަތަށް ” އުނިކޮއްލާން މަޖުލީހަށް ހުށައެޅިއްޖެއެވެ. މިކަމަކީ ހަމަގައިމުވެސް ލީޑަރު ކިރިޔާވެސް ނުގޮތަކަށް ބަލާލައިފިނަމަ ޒައީމު ” ވަތަކުތޯ ” ޖެގިގެން ދާނެ ކަމެއްކަން ޒައީމުގެ ވަފާތެރި “ޒެޑޭ” މެންނަށް އެނގި ޔަގީން ވެއެވެ. އެހެންވެ ގަންނާ ކުރައްވާ ބިރުން އަނެއްކާވެސް ލީޑަރުވަރެއް ނެއްކަމުގައި ހަދައިގެން ލީޑަރު ހައްލާލަން އުޅެނީ ކަމުގައި މިހާރު އެބަ ޔަގީންވެއެވެ. މިހެން މިބުނަނީ އެއްކަލަ އޮޑި ފައްތާ ބޮޑުބުމަރުވެސް މިދުވަސްކޮޅު އުޅެނީ އަނގައިގައި ޓޭޕު އޮޅައިގެން ކަމުގައި ވާތީއެވެ. އެއީ ފަހަރެއްގައި ލީޑަރަށް މިހާރު ބުމަރުގެ ބާރެއް ޒައީމުގެ ގާތުގައި ނެއްކަމުގައި ދެއްކުމަށް ކަމުގައިވެސް ވެދާނެއެވެ.
ކޮންމެއަކަސް ލީޑަރަކީވެސް މީހެއްތާއެވެ. އެކަމަކު ކަންވާގޮތް ބަލާލަން އަދި މިޖެހެނީ ތިބޭށެވެ. ގައިމުވެސް އެނގޭ ކަމަކީ ލީޑަރުގެ އުނުފޭލި ބާލައި ލީޑަރު ހިތުހުރި ގޮތަކަށް އޮރިޔާން ކުރި ނަމަވެސް މިއަދު ޒައީމުގެ ހާލާމެދު ހަމްދަރުދީވާން ވެސް އެހުރީ ލީޑަރެވެ. ސިޔާސީ ގޮތުން ޒައީމު އިނދަޖައްސާލުމަކީ މިއަދު ލީޑަރަށް ” ފެންބޮއެފައި ވައިލުންހާ ” ފަސޭހަ ކަމެކެވެ. އެކަމަކު ލީޑަރު ހަނދާން ކުރާންޖެހޭނެ ކަމަކީ ހިތައް ރަހުމު ވަދެގެން ނަމަވެސް ކިތަންމެ ކުޑަދުލެއް ދިނަސް ނަނުގައި ގަނެފައި އޮންނަ ފެމުނު ކެނބެއް ދަމައި ގަންނާނެ ކަމެވެ. މާދަމާ އަނެއްކާ ހިންދަމާ ލެވެންދެން ޒައީމު އުޅޭނީ ކިތަންމެ ރޫގިނަޔަސް ރީތި މޫނެއް ދެއްކޭތޯއެވެ. އެކަމަކު ހަމަޔަގީނުންވެސް ހިންދަމާ ލެވިއްޖެނަމަ އަނެއްކާވެސް ހަމަ ކުރީން ޖެހި ހަރުން ކަށި ޖަހާނެއެވެ. ” މުއުމިނެއްގެ ގަޔަށް އެއްހަރަކުން ދެ ފަހަރަކު ކައްޓެއް ނުޖެހޭނެޔޭ ” ބުނާ ބަސްފުޅެއްވެސް އަހަރެމެންގެ ތެރޭގައި އެބައޮވޭތާއެވެ. ވާގޮތެއް އެނގިދާނެތާއެވެ.