އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އާ ރައީސަށް އެޕާޓީގެ ޗެއަރޕާސަން މަރުހަބާ ވިދާޅުވެ ނެރުއްވި ބަޔާން

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް މިއަދު އިންތިޚާބުވެވަޑައިގެންނެވި،ހިންނަވަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އިބްރާހީމް މުޙައްމަދު ޞާލިޙަށް މި ޕާޓީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީގެ ސެކްރެޓޭރިއަޓް އާއި، ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މަރުހަބާ ވިދާޅުވެއެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙަކީ މަޖިލީހުގެ ދިގު ތާރީޚްގައި ވަރަށް ވަފާތެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެއް ކަން ޝުކުރުވެރިކަމާއެކު ޗެއަރޕާސަން ފާހަގަކުރައްވައެވެ. އަދި އެމްޑީޕީގެ އެންމެ ފުރަތަމަ ޕާލަމެންޓްރީ ގްރޫޕުން ފެށިގެން ވެސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ އިސް މަގާމެއް އަދާނުކުރެއްވި ކަމުގައި ވިޔަސް ޕާލަމެންޓްރީ ގްރޫޕުގައި އެންމެ އިސް ރޯލެއް އަދާކުރައްވަމުން ގެންދަވާ އެއް ފަރާތްކަން ވެސް ޗެއަރޕާސަން ފާހަގަކުރައްވައެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތްތައް އާ ހިއްވަރަކާއި، އާ ބާރަކާއި އެކު މެކުހަށް ޖަހާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުން ޗެއަރޕާސަން ކަމުގެ މަގާމަށް މޫސާމަނިކު މިހާރު ބަދަލުވެ ވަޑައިގެންފައި ހުންނެވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ކުރާ ހުރިހާ މަސައްކަތެއްގައި ވެސް އެމަނިކުފާނުގެ ތަޖުރިބާ ޙިއްސާ ކުރައްވައި ޕާލަމެންޓްރީ ގްރޫޕްގެ ރައީސަށާއި، މުޅި ޕާލަމެންޓްރީ ގްރޫޕަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނޭ ކަމަށް ޗެއަރޕާސަން ވިދާޅުވެއެވެ.
މި ޕާޓީން، ފުރާފުރިހަމަވެފައިވާ ޑިމޮކްރަސީއެއްގެ ރީތި ނަމޫނާ ދައްކަމުން، އެހެން ސިޔާސީ ޕާޓީތަކަށް ގެންނަން ނުކެރޭ ފަދަ ބޮޑެތި ބަދަލުތަކެއް، ޕާޓީގެ ލީޑަރޝިޕަށް ގެންނަމުން މި ދަނީ މި ޕާޓީގެ ލީޑަރޝިޕްގެ ހަރުދަނާ ކަމާއި، ސާބިތުކަމުގެ އިތުރުން ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދުރުވިސްނިވަޑައިގަތުމާއި، ޙިކުމަތު ޢަމަލީގެ ސަބަބުން ކަމަށްވާތީ އެމަނިކުފާނަށް، ޗެއަރޕާސަން ހިފެހެއްޓުމެއްނެތް ޝުކުރަކާއި، މުބާރިކްބާދީއެއް އަރިސްކުރައްވައެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހިންގުމަށް އެއިރަކު ގެންނަންޖެހޭ ބަދަލުތައް ޙިކުމަތްތެރިކަމާއެކު ގެންނެވުމުގައި ޕާޓީގެ އެންމެ އިސް އެއް ގުނަން ކަމަށްވާ ޤައުމީ މަޖިލީހުގެ މެންބަރުން ދައްކަވަމުން ގެންދަވާ ސާބިތުކަމަށް ވެސްމި ފުރުޞަތުގައި ޗެއަރޕާސަން ނިހާޔަތަށް ޝުކުރުއަދާކުރައްވައެވެ.
އެމްޑީޕީން އެދެނީ މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގައި މި ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި މަޖިލީހުން ބޭރުގައި ވެސް ކާމިޔާބީ އާއި، ނަސްރު މިންވަރުކުރައްވައި، މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނަށާއި، ޕާޓީގެ ލޮބުވެތި މެންބަރުންނާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ މާ ފަހި، މާ ފާގަތި މާދަމާ އަކަށް އެދެމެވެ.