އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން މިއަދު އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު މެންދުރުފަހު އޮންނާނެއެވެ.
މިއަދު މެންދުރުފަހު 3 ޖަހާއިރު އެމްޑީޕީގެ މައި ސެކްރެޓޭރިއަޓްގައި ބާއްވާ މި ވޯޓަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ހުޅުހެންވޭރު ދާއިރާގެ މެންބަރު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ބާއްވާ ބައި އިލެކްޝަން އެކެވެ.
މި މަޤާމަށް ކުރިމަތިލައްވާފައިވަނީ ހަމައެކަނި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށް ވުމާއެކު މިއަދު ބާއްވާނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ނަމަވެސް މި ވޯޓަކީ ވެސް ސިއްރު ވޯޓެއް ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުން މުސާ މަނިކު އިސްތިއުފާދެއްވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ފުރިހަމަ އަޤްލަބިއްޔަތުން، އެއް އަހަރު ދުވަހުގެ މުއްދަތަށް އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އެމަނިކުފާނު އައްޔަންކުރެއްވުމާ ގުޅިގެންނެވެ.