އެމްޑީޕީ އަންހެނުންގެ ރޫހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) އަންހެނުންގެ ރޫހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
ދެރޭ ވަންދެން އެމްޑީޕީ މައި ސެކްރެޓޭރިއަޓްގެ ކޮންފަރެންސް ހޯލުގައި ކުރިޔަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމަކީ އަންހެނުންގެ ރޫހުގެ ހިންގާ ގަވައިދު އެކުލަވާލުމަށް ބޭއްވި ބައްދަލުވުމެކެވެ. އެ ގޮތުން ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި އެކި ދާއިރާތަކުން ލިބުނު ޚިޔާލުތަކާ އެއްގޮތަށް އަންހެނުންގެ ރޫޙްގެ ހިންގާ ގަވައިދުގެ ޑްރާފްޓަށް މައިގަނޑު 2 އިސްލާހެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙުމަދު ވިދާޅުވިއެވެ.
އެގޮތުން އަންހެނުންގެ ރޫޙްގެ ވަކިވަކި ދާއިރާތަކުގެ އެއްވުމުގައި އެމްޑީޕީގެ އަސާސީ ގަވައިދުގައި ބަޔާންކުރާ އެމްޑީޕީގެ ދާއިރާ ރައީސް އާއި، އެ ދާއިރާެއެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ އެމްޑީޕީ މެންބަރެއް ނަމަ އެފަރާތެއް ހިމެނުމަށް ނިންމުމާއި، އަންހެނުންގެ ރޫޙަށް ނިސްބަތްވާ ވަކި ގޮފިތަކެއް ގާއިމްނުކޮށް، އެމްޑީޕީގެ ކޮންމެ ގޮތްޕަކުން އަންހެނުންގެ ރޫޙަށް މަންދޫބަކު ކަނޑައެޅުމަށް ނިންމުނެވެ.
އަދި މި އިޞްލާޙްތަކާއި އެކު ވަރަށް އަވަހަށް އަންހެނުންގެ ރޫޙްގެ ހިންގާ ގަވައިދުގެ ޑްރާފްޓް އެމްޑީޕީގެ ރަސްމީ ވެބްސައިޓަށް އަޕްލޯޑްކުރާނޭ ކަމަށާއި، ދެން އެންމެ އަވަހަށް ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާ އަކަށް މި ގަވައިދު ފާސްކުރުމަށް ހުށަހެޅުއްވުމުގެ ގޮތުން އެޖެންޑާކޮށްދެއްވުމަށް، އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މުސާ މަނިކުގެ އަރިހުގައި އެދިލައްވާފައިވާނޭ ކަމަށް ޝިޔާމާ ވިދާޅުވިއެވެ. އަދި ގައުމީ މަޖިލީހުން މި ގަވައިދު ފާސްކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޝިޔާމާ ވިދާޅުވިއެވެ.