އެމްޑީޕީގެ ޗެއަރޕާސަން ހއ. އަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ޕާޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ – ހއ. ދާއިރާތަކުގެ އެމްޑީޕީ ރައީސުން

– ޗެއަރޕާސަން އަކީ އެމްޑީޕީގެ އިންޖީން ކަމަށް ހޯރަ އިއްބެ ވިދާޅުވި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ހއ. އަތޮޅަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ސަބަބުން އެ ޕާޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނޭ ކަމަށް ހއ. ގެ އިދާރީ 5 ދާއިރާގެ އެމްޑީޕީ ރައީސުން ހާމަކުރައްވައިފިއެވެ.
މި ޖޫންމަހުގެ ފަހުކޮޅު އެމްޑީޕީގެ ޗެއަރޕާސަން ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅާއި މެދު އެ އަތޮޅުގެ އެކި ދާއިރާތަކުގެ އެމްޑީޕީ އިސްވެރިންގެ ބަހެއް ހޯދާލުމަށް މިއަދު އެމްޑީޕި ވެބްސައިޓްގެ ފަރާތުން ގުޅާލުމުން ހުރިހާ ދާއިރާތަކެއްގެ ރައީސުންވެސް ވަނީ މި ދަތުރުގެ ސަބަބުން އެމްޑީޕީގެ ރޫހު އަތޮޅުގައި އިތުރަށް ވަރުގަދަވެ، ޕާޓީގެ ހަރަކާތްތައް އިތުރުވެގެންދާނޭ ކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން އެ ދާއިރާތަކުގެ ޕާޓީގެ ގޮފިތަކާއި، އޮފީސް، ހަރުގެ ފަދަ ތަންތަނުގެ ހިންގުން އިތުރަށް ހަރުދަނާ ވެގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް އެދާއިރާތަކުގެ ރައީސުން ވިދާޅުވިއެވެ.
އެ ގޮތުން އިހަވަންދޫ ދާއިރާގެ އެމްޑީޕި ރައީސް އަދި އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ޢަބްދުﷲ ވިދާޅުވީ ޕާޓީގެ އާ ޗެއަރޕާސަންގެ މި ދަތުރުފުޅުގެ ސަބަބުން އެ ދާއިރާގައި ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނޭ ކަމަށާއި، ޗެއަރޕާސަން އަމިއްލަފުޅަށް ދާއިރާ ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށް އެއަތޮޅަށް ވަޑައިގަތުމަކީ ވަރަށް މުހިންމު އަދި އެހާމެ ބެނުންތެރިކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
ކެލާ ދާއިރާގެ އެމްޑީޕި ރައީސް އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) ވިދާޅުވީ ” އަޅުގަނޑުމެންގެ ޗެއަރޕާސަން ކަމާ ހަވާލުވެވަޑައިގެން މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ދަތުރުފުޅެއް ރޭއްވެވީތީ މިހާރުގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކަށް ވަރަށް އުފަލާއެކު ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން. އެމްޑީޕިގެ ކޮންގްރެސް އާއި، ގައުމީ މަޖިލިސް ފިޔަވައި އެޕާޓީގެ އިދާރީ ހިންގުމަށް އެންމެ ބޮދު ބާރެއް ފޯރުވޭނެ ފަރާތަކީ ޗެއަރޕާސަން އެހެން ކަމުން ދެންނެވިދާނެ އެއީ އެމްޑީޕީގެ އިންޖީނޭ ވެސް. އެހާ ބާރުވެރި މަޤާމެއްގައި ހުންނެވި ބެފުޅަކު އަމިއްލަފުޅަށް އިސްނަންގަވައިގެން އަޅުގަނޑުމެންގެ ދާއިރާގެ ޙާލަތު ބައްލަވާލެއްވުމަށް ވަޑައިގަންނަވާކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ޗެއަރގެ (މޫސަގެ) މި ދަތުރުފުޅަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ދޭނަން.”
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދާއި، ހޯރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް މައުމޫން އަބްދުﷲ ލަތީފް އާ 2 ބޭފުޅުން ވެސް މާލީ ދަތިތަކުގެ ސަބަބުން ޕާޓީގެ ޙަރަކާތްތައް އެ ދާއިރާގައި ހީނަރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އާ ޗެއަރޕާސަން އެއަތޮޅަށް މި ކުރައްވާ ދަތުރުފުޅުގެ ސަބަބުން އެދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވިދާޅުވީ “ޗެއަރޕާސަން ދާއިރާގެ ހާލަތު ބައްލަވާލެއްވުމަށް ވަޑައިގެންނެވުމަށް ޕާސަނަލީ ރިކުއެސްޓްކުރައްވަން ބޭނުންފުޅުވާ” ކަމަށާއި، ސަރުކާރުގެ ވަޒީރުން ވެސް ދާއިރާއަށް ވަޑައިގެން އެ ދާއިރާގައި ރަގަޅުކުރަންހުރި ކަންތައްތައް ބައްލަވައި އެ ކަންތައް ރަގަޅު ކުރުމުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެއްޓެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ބާރަށު ދާއިރާގެ އެމްޑީޕީ ރައީސް ދާއޫދު އިބްރާހީމް ވެސް ވިދާޅުވީ މި ފަދަ ދަތުރުފުޅެއް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އާ ޗެއަރޕާސަންގެ މި އިސްނެންގެވުމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
އެމްޑީޕިގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން މިހާރު ކުރައްވަމުން ގެންދަވާ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރުވެސް ވަނި މިފަދަ ދަތުރުފުޅެއް ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޕާލަމެންޓްރީ ގްރޫޕް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ލީޑަރުގެ ހައިސިއްޔަތުން ” ޗެއަރޕާސަންގެ މި ދަތުރުފުޅަށް، އެއްބާރުލުން ދެއްވައި، އެބެފުޅުންނަށް ވަގުތުދެއްވެން އޮތްނަމަ ޗެއަރޕާސަންގެ އަރިހުގައި ވަޑައިގެން އެ ބެފުޅެއްގެ ދާއިރާއެއްގައި ހުރި ދަތިތައް އިތުރަށް އޮޅުން ފިލުއްވައި، އެ ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް” ހއ. އަތޮޅުގެ އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ގޮވާލެއްވިއެވެ. ދިއްދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އާދަމް ސަލީމް ވެސް ވަނީ މި ދަުރުފުޅު ކުރެއްވުމަށް ހަމަޖެއްސެވުމާ ގުޅިގެން ޗެއަރޕާސަން މުސާ މަނިކަށް މަރުހަބާ ވިދާޅުވެ، މިހާއަވަހަށް މިފަދަ ދަތުރުފުޅެއް ރޭއްވެވި ކަމީ ޗެއަރޕާސަން މޫސާ މަނިކުގެ ހިތްޕުޅުގައި ޕާޓީއަށް އުފެދިފައިވާ ލޯތްބާއި، ކުލުނު ވަރަށް ރަގަޅަށް ހާމަވެގެން ދިޔަ ކަމެއް ކަމުގައި ހާމަކުރައްވާފައެވެ.
މަތިއުތުރު ޕްރޮވިންސްގެ އެމްޑީޕީ ރައީސް އާދަމް ނަސީރު (އެޑަމް) ވެސް ވަނީ މި ދަތުރުފުޅު ކާމިޔާބު ދަތުރުފުޅަކަށް ހެއްދެވުމަށް ވެދެއްވެން އޮތް އެހިތެރިކަމަކާއި، އެއްބާރުލެއްވުމެއް ދެއްވާނޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއަރޕާސަންގެ ހައިސިއްޔަތުން މޫސަ ކުރައްވާ ފުރަތަމަ ދަތުރުފުޅު އެ ޕްރޮވިންސަށް ކުރެއްވުމަށް ނިންމެވިތީ އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.