ރައީސުލްޖުމްހޫރިއްޔާ ޑިފެންސް މިނިސްޓަރު ކަމަށް ޠަލްޙަތު އިބްރާހީމް ކަލޭފާނުޢައްޔަން ކުރައްވައިފި

– ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޤާސިމް އިބްރާހީމް މިއަދު ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް މާފަންނު އަރާރޫޓްވިލާ ޠަލްޙަތު އިބްރާހީމް ކަލޭފާނު މިއަދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޠަލްޙަތު އިބްރާހީމް ކަލޭފާނު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމުގެ މަގާމުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޠަލްޙަތު އިބްރާހީމް ކަލޭފާނަކީ، މިމަގާމަށް ވަރަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އަދި ޠަލްޙަތަކީ ސިފައިންގެ ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ރަނގަޅު އަޚްލާޤެއްގެވެރި، ދެގޮތެއްނުވާ ޢަޒުމެއްގައި ދެމިހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

ޠަލްޙަތު އިބްރާހީމް ކަލޭފާނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ޠަލްޙަތު އިބްރާހީމް ކަލޭފާނަކީ، މީގެކުރިން 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެން.އެސް.އެސް ގައި ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، އެން.އެސް.އެސް ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސަރޖަންޓް ކަމާއި، ސްޓާފް ސަރޖަންޓްކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 1ގެ ރޭންކްގައި ޚިދްމަތް ކުރައްވާފައިވެއެވެ. އަދި ލެފްޓެނަންޓް ކަމުގެ ރޭންކާއި، ފަސްޓް ލެފްޓެނަންޓް ކަމުގެ ރޭންކްގައިވެސް ޚިދްމަތް ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށްޤާސިމް އިބްރާހީމް މިއަދު ހަމަޖައްސަވައިފިއެވެ. ޤާސިމް އިބްރާހީމަކީ، ރައްޔިތުންގެ މަޖިލީހުން އެކޮމިޝަނަށް ހޮއްވެވި މެންބަރެވެ.

ޤާސިމް އިބްރާހީމް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިރަސްމިއްޔާތުގެ ކުރިން ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިމަތީގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ،ޤާސިމް އިބްރާހީމް ކުރެއްވިއެވެ.