އެމްޑީޕީގެ އާންމު މެންބަރުންނަށް ދޭ ޚިދުމަތްތައް އެޕާޓީގެ އެންމެ ތިރީ އޮފީހަށް ބަދަލުކޮށްފި

އިބްރާހީމް ރާމިޒް

reeko-moosa

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މައި އޮފީހުން އެޕާޓީގެ އާންމު މެންބަރުންނަށް ދެމުންގެންދާ ޚިދުމަތްތައް އެ އޮފީހުގެ އެންމެ ތިރީ ފަންގިފިލާއިން ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މިއަދު ވިދާޅުވީ ކުރިން ޕާލަމެންޓްރީ ގްރޫޕްގެ އޮފީހުގެ ގޮތުގައި ބޭނުންކުރި އެމްޑީޕީ އޮފީސް ހުންނަ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ އިން އެ ޕާޓީގެ އާންމު މެންބަރުންނަށް ޚިދުމަތްދޭ ގޮތަށް ހަމަޖެއްސީ، އެކި ޚިދުމަތްތައް ހޯދުމަށް އަންނަ އެޕާޓީގެ މެންބަރުންނަށް ވީހާވެސް ބޮޑަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.
އެ ގޮތުން ޕާޓީގެ ރައީސް އާއި ނައިބު ރައީސް އާއި ބައްދަލުކުރަން އަންނަ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހަދައިދިނުމާއި، އެ ބޭފުޅުންނާއި ބައްދަލުކުރުމުގެ އިންތިޒާމް ވެސް މިއަދުން ފެށިގެން ހަމަޖެހިފައިވާނީ، ސޯސަންމަގު، ހ.ޝަރާޝާގައި ހުންނަ އެ ޕާޓީގެ މައި އޮފީހުގެ އެންމެ ތިރީ ފަންގިފިލާގައެވެ.
އެހެން ކަމުން މެންބަރޝިޕް ފޯމާއި އިދާރީ ލިޔެކިޔުންތައް ބަލައިގަތުމާއި ދޫކުރުން ފަދަ ރިސެޕްޝަންގެ ޚިދުމަތްވެސް މިހާރު ދެމުން ގެންދާނީ އެންމެ ތިރީ ފަންގިފިލާއިން ކަމަށް ޗެއަރޕާސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް މޫސަ އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނު ގެންދަވަނީ ޕާޓީގެ އޮފީހުގެ އިދާރީ އޮނިގަނޑަށް ތަފާތު ބަދަލުތައް ގެންނަވައި އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިދާރީ ހިންގުން މައިގަނޑު 3 ޑިޕާޓްމަންޓަކަށް މިހާރުވަނީ ބަދަލުކުރެވިފައެވެ. އެއީ ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރާ ޑިޕާޓްމަންޓަކާއި، ޕާލަމެންޓްރީ ގްރޫޕާ ގުޅިގެން މަސައްކަތްކުރާ ޑިޕާޓްމަންޓަކާއި، އާންމު މެންބަރުންނާ ގުޅިގެން މަސައްކަތްކުރާ ވަކި ޑިޕާޓްމަންޓެކެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެޕާޓީގެ އިދާރީ ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރައްވަންޖެހޭ ފަރާތަކީ އެޕާޓީގެ ޗެއަރޕާސަނެވެ. އަދި ޤައުމީ މަޖިލީހާއި، ޤައުމީ ހިންގާ ކޮމިޓީގެ މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތައް ތަންފީޒްކުރުމާއި، އުމީ މަޖިލީހާއި، ޤައުމީ ހިންގާ ކޮމިޓީގެ ލަފަޔާއެކު ސަރުކާރާއި، ސިޔާސީ ޕާޓީތަކާއި، އެހެނިހެން ފަރާތްތަކާއެކު މުޢާމަލާތްކުރުމުގެ ޒިންމާ އުފުއްލަވަން ޖެހޭ ފަރާތަކީ ވެސް ޗެއަރޕާސަން އެވެ.