ޓެކްސް ނެގުމާ ދެކޮޅަށް ދައްކާ ވާހަކަ.. ބޮޑު އަރަތެއް!!

ފުނަމާ

tax

ސަރުކާރުން މިއަދު އެންމެ އިސްކަން ދީގެނ ކުރަން ހަމަޖައްސާފައިވާ އެއްކަމަކީ ރާއްޖެއަށް ޓެކްސްގެ ނިޒާމް ތައާރަފު ކުރުމެވެ. މިގޮތުން މިހާރުވެސް މިވަނީ ޓީޖީއެސްޓީ ނަގާން ފަށާފައެވެ. އަދި ވިޔަފާރި ފައިދާއިން ޓެކްސްއެއް މިހާރު އެގެންދަނީ ނަގަމުންނެވެ. އަދި ވިޔަފާރު ފައިދާއިން ނަގާންޖެހޭ ޓެކްސްތައް ނެގުމަށް ބޭނުންވާ ގާނޫނުތަކާއި އެކަމާގުޅޭ ކަންކަން ސަރުކާރުން މިހާރު އެގެންދަނީ ކުރައްވަމުންނެވެ. ޓެކްސް ނެގުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި އިދިކޮޅު ފަރާތްތަކުންވެސް ގަބޫލުކުރެއެވެ. އަދި ކޮންމެހެން އެކަން ކުރަންޖެހޭ ކަމުގައިވެސް ވާހަކަ އެބަދައްކަވައެވެ. އެހެންނަމަވެސް އެކަން ކުރާންވީ ގޮތާއި ، ޓެކްސްއަށް ނަގާނެ މިންވަރަކާއި ، ނަގާނެ އިރެއް މިއީ ސުވާލު އުފައްދާ ކަންކަމެވެ. ވޭތުވެދިޔަ ދިގުމުއްދަތުގައިވެސް ރާއްޖޭގެ ސަރުކާރުން އަންނަނީ ޓެކްސް ނަގަމުންނެވެ. ނަމަވެސް އެޓެކްސް ނަގަމުން ގެންގޮސްފައިވަނީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާނުބެ ރާއްޖެވަންނަ ކޮންމެ އެއްޗަކުން ޓެކްސް ނަގާއުސޫލަކުންނެވެ. ވަކިގިންތިއެއް އިސްތިސްނާ ނުކޮށެވެ. ފަގީރުންނާއި މުއްސަނދީންގެ އަތުންވެސް މެއެވެ.
ނަމަވެސް މިއަދު ޓެކްސް ނެގުމަށް މިއެކުލަވާލެވެނީ ދުނިޔޭގައި މިކަން އެންމެ ރަނގަޅު ގޮތުގައި ކޮށްއުޅޭ ގައުމުތަކުގައިވެސް މިކަންކޮށްއުޅޭ ގޮތަށް ބަލައިގެންނެވެ. ވޭތުވެދިޔަ ސަރުކާރުތަކުން މިކަން މިގޮތައް ނުކޮށް އެންމެހައި ރައްޔިތުން ” ފެލައިގެން ” ޓެކްސް ނަގައި ނުވިތާކަށް ފައިސާ ޗާޕުކޮށް މިރާއްޖެއަކީ މުއްސަނދި ގައުމެއްގެ ގޮތުގައި ތޮށިގަނޑު ބަދަލުކޮށް އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުން މިގައުމު މިވަނީ ބޭރުކޮށްފައެވެ. މެދުފަންތީގެ ގައުމަކަށް ރާއްޖެ ބަދަލުވެގެން މިދިޔައީ މިސަރުކާރު ފެށި ، މުޅިދުނިޔެ ދެކެމުންއައި އިގްތިސާދީ ހީނަރުކަމެއްގެ ތެރޭގައި ދުނިޔެ ފަތަފަތައި އޮތް ދުވަސް ވަރެއްގަވެސް މެއެވެ. ރާއްޖޭގެ ބޭރުގެ ދަރަނީ އިންތިހާއަށް ބޮޑުވެ ދިކޮޅުނުޖެހޭ ބަޖެޓެއްގައި ރާއްޖެ ހިންގަމުން ގެންދާތާ އެތަކެއް އަހަރު ވެފައި ވަނިކޮންނެވެ. ރާއްޖެއަށް ބޭރުގެ ފައިސާ ވަންނަމުން ދިޔަ އެންމެ ބޮޑު އެއް ސިނާއަތެއްގެ ގޮތުގައި ހަތްދިހައިގެ އަހަރުތަކުގައި އޮތް އާގުބޯޓު ފަހަރުގެ ސިނާއަތް ބަނގުރޫޓު ކޮށްލައި ، މަސްވެރިކަމުގެ ސިނާއަތް އަޑިއަޅުވާލައި ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވާންޖެހިފައިވާ ދުވަސްވަރެއްގައެވެ.
މިއަދު ރާއްޖެއަށް ޓެކްސްގެ ނިޒާމެއް ތައާރަފުކޮށް ކުރިއަށްދާން ގަސްތުކުރުމުން އިދިކޮޅު ފަރާތްތަކުން މިކަމާމެދު ދެކޭގޮތް ވަރަށް ތަފާތެވެ. މިސަރުކާރު ވެރިކަމަށް އައިސް ސިވިލްސާވިސްގެ މުސާރަ 60 އިންސައްތައިން ބޮޑުކުރި ނަމަވެސް ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ހީނަރު ކަމާއި ގުޅިގެން އެމުސާރައިން ދިހަވަރަކަށް އިންސައްތަ ވަގުތީގޮތުން ކުޑަ ކުރުމަށް ސަރުކާރުން ނިންމުމުން އެދުވަހު އެފަދަ ހާލަތެއް ކުރިމަތި ވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން އެއްބަހެއް ނުވިއެވެ. ނަމަވެސް ޓެކްސް ނަގާން ޖެހުމުން ރާއްޖެއޮތީ ބަނޑަށް ޖެހިފައި ކަމުގައި އެބަބުނެއެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ޖެހޭއިރު ދައުލަތުގެ ޚަރަދު ކުޑަކުރުމަކަށް އެއްބަހެއް ނުވެވެއެވެ. މީގެ ކުރީން މީޑިޔާ އޮންނަނީ ސަރުކާރުގެ މުށުގެ ތެރޭގައި ކަމުން ސަރުކާރުން ކުރާ ކަންކަމުގެ މޮޅުވާހަކައާއި ބޭނުންތެރި ކަމުގެ ވާހަކަ ނޫނީ މީހުންނަކަށް ނީވެއެވެ. ނަމަވެސް މިއަދު އެކަންއޮތީ އެގޮތައް ނޫންކަމުން ސަރުކާރާ ދިމާ އިދިކޮޅަށް އަޑުތައް ފަތުރައި ސަރުކާރުން ކުރާ ކޮންމެ ކަމަކީ ރައްޔިތުން ބަނޑަށް ޖައްސާލަން ކުރާ ކަމެއްގެ ގޮތުގައި އަޑުފަތުރަމުން ފުރައްސާރަ ކުރަމުން ގެންދިއުން މިވަނީ އާންމުވެފައެވެ.
މީޑިޔާ ރެގިއުލޭޓުކުރާން އުފައްދާފައިވާ މުއައްސަސާ ތަކަކީ އެމީހުންގެ މަސްލަހަތު އޮންނަ ކަމެއްގައި މެނުވީ ބަހެއް ބުނާން ބޭނުންވާ ބައެއް ނޫނެވެ. ހަމައެހެންމެ މީޑިޔާގެ އުސޫލެއް ކޯޑެއް ، އެތިކްސްއެއް ނެތެވެ. ސަރުކާރު ވައްޓާލުމަށް ބާރުދިނުމުގެ ގޮތުން މަހުޖަނުން ހަދައިގެން އުޅޭ ޓީވީ ޗެނަލް ތަކުން މީހަކު ކިއްލިހަދައިގެން އެމީހާއަށް ލިބޭ ދެރުފިޔާއިން ތިރީސްލާރި ސަރުކާރަށް ޓެކްސްގެ ގޮތުގައި ދައްކާން ޖެހޭގޮތަށް ވިޔަފާރި ފައިދާގެ ޓެކްސް ރައްޔިތުންނަށް ސިފަކޮށްދެމުން ގެންދާއިރު ، ރާއްޖޭގައި ހިންގާ އެންމެހާ ވިޔަފާރިއެއް ރަޖިސްޓްރީ ކުރާން ޖެހޭތީވެ އެކަން ކުރަމުން ގެންދާތީވެ އެކަމަކީ މަހަކު ތިންސަތޭކަ ރުފިޔާއަށް ކުއްޔަށްދޭ ކޮޓަރީންވެސް ޓެކްސް ނަގަންވެގެން ކުރާ ކަމެއް ކަމުގައި ރައްޔިތުންނަށް ވިސްނައިދޭން އުޅޭއިރު މީޑިޔާ ކައުންސިލް ކޮބައިބާވައެވެ؟ އަދި ނުވިތާކަށް ފޯނުކޮށްގެން ތިމާމެން ބޭނުން ގޮތަކަށް ވަކިބަޔަކު ލައްވައި ބޭނުން ޕުރޮޕެގެންޑާއެއް ފަތުރަމުން ގެންދާއިރު ، ކަން އޮތްގޮތާ މުޅީން ޚީލާފަށް އަޑުތައް އަރުވަމުން ގެންދާއިރު މިކަންކަން ބަލާނެ ބަޔަކު ނެތެވެ.
ޓެކްސް ނެގުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެއްކަމުގައި މަޖުލީހުގައި އިދިކޮޅު މެންބަރުން އެބުނަނީ ފަހަރެއްގައި ބޭރުގެ މާލީ އިދާރާތަކަށް އެމީހުންވެސް މިކަން ގަބޫލުކުރާކަން ދެއްކުމަށް ކަމުގައި ހީވެއެވެ. ނޫންނަމަ އެވެރީން އެބޭނުންވަނީ މިސަރުކާރު އޮތްދަރުގައި ބާއްވައިގެން އެމީހުންނަށް ކައިރި މުސްތަގުބަލެއްގައި ވެރިކަމަށް އާދެވިދާނެ ކަމުގެ އުންމީދެއް އޮތަތީވެ އެދުވަހަކުން މިކަންކުރާން ބޭއްވުމަށް ހުއްޖަތެއް ދެއްކުމަށް ކުރާ ކަމެއް ބާވައެވެ؟ ޓުއަރިޒަމް އިން ޓެކްސް ނެގުމަށް ސަރުކާރުން ކުރީން ހުށައެޅި މިންވަރު ކުޑަކޮށް ބިލްފާސްކޮށް މިއަދު ސަރުކާރުން އެމިންވަރު ބޮޑުކުރާން އުޅޭތީވެ ، ޓޫރަޒަމް އިންޑަސްޓްރީ އޮތީ ދަރާބޯހިކެން ނެތިފައި ކަމުގައި ބުނާއިރު، އަދި ޓެކްސް ނަގާން ފެށުމުން އެދާއިރާގައި އިންވެސްޓު ކޮށްގެންތިބި މީހުން ރާއްޖޭން ބޭރުގައި އިންވެސްޓު ކުރުމަށް ވިސްނަމުން ދާކަމުގައި އެބުނަނީ ރައްޔިތުން ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލާން ހެއްޔެވެ؟ މީގެކުރީންވެސް ރާއްޖެއިން ބޭރުގައި އިންވެސްޓު ކުރެވޭމިންވަރަށް ފައިސާ އެއްކުރެވިފައިވާ މީހުން ތިބީ އެކަން ކޮށްގެންނެވެ. އެމިންވަރު ނެއްމީހުން އެކަމެއްނުކުރެއެވެ. ރާއްޖޭގައި ފަތުރުވެރި ކަމުގެ ސިނާއަތުގައި އިންވެސްޓު ކޮށްގެންތިބި ބޭރުގެ ނަންހިނގާ ބޮޑެތި ހޮޓެލް ޗޭން ތަކަކީ ބޭރުގައިވެސް އިންވެސްޓު ކޮށްގެންތިބި ފަރާތްތަކެވެ. އެމީހުންނަކު ރާއްޖެއިން އެމީހުންގެ ވިޔަފާރި އުފުރާލާކަށް އުޅޭތީއެއް ނުފެނެއެވެ. ނޫންނަމަ އެބުނާ ގައުމުތަކުގައި އިންވެސްޓު ކުރާނެ ކަމުގެ ބިރު އެދައްކަނީ އެގައުމުތަކުގައި ޓެކްސް ނުނަގާތީބާވައެވެ؟ އެހެން ކަމުގައި ވާނަމަ މިޓެކްސް ނެގުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ބިޑިއަނބުރާ މީހުން ވިއްކާ ކޮންމެ ބިޑިއަކުން ސަރުކާރަށް ޓެކްސް ދައްކާގޮތަށް އޮންނަނަމަ މިކަމަކީ ކުރާވަރުގެ ކަމެއް ނޫނެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން އެދައްކާ ވާހަކަތަކުން ރައްޔިތުންނަށް ހީވަމުން މިދަނީ މިފަދަ ގޮތަކަށެވެ. ކަމުގެ ހަގީގަތް މުޅީންއޮޅި މިކަންމިވަނީ އަރަތަކަށް ވެފައެވެ.