އެމްޑީޕީގެ އާ ޗެއަރޕާސަން އަތޮޅުތަކަށް ސިލްސިލާ ދަތުރުފުޅުތަކެއް ފައްޓަވަނީ

އިބްރާހީމް ރާމިޒް

reeko-moosa-450-x-3011

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާ ޗެއަރޕާސަން ކަމަށް ގައުމީ މަޖިލީހުން ކަނޑައަޅާފައިވާ މޫސާ މަނިކު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކެއް ވަރަށް އަވަހަށް ފައްޓަވާނޭ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން ޗެއަރޕާސަން ވިދާޅުވީ މި ދަތުރުފުޅުތަކަކީ ހުރިހާ އިދާރީ ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށާއި، މި ދަތުރުފުޅުތަކުގައި ކޮންމެ ދާއިރާއަކުން ވެސް ހޮވާލެވޭ ރަށްތަކެއްގައި އެ ދާއިރާގެ މެންބަރޝިޕް މިހާރު އޮތް ހާލަތާއި، ޕާޓީގެ ހަރަކާތްތައް ކުރިޔަށްދާ މިންވަރު ދެނެގަތުމަށް އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާނޭ ކަމަށެވެ.
” އަޅުގަނޑުމެން ކޮންމެ ދާއިރާއަކުން ވެސް ހޮވާލެވޭ ވަކިރަށްރަށެއްގަ މި ބާއްވަނީ އެއް ދުވަހުގެ، ދެ ދަންފަޅީގެ ވޯކްޝޮޕެއް. މި ވޯކްޝޮޕްތަކުގަ (އެމްޑީޕީގެ) ގޮފިތަކުގެ ރައީސުންނާ، ދާއިރާ ހިންގާ ކޮމިޓީއާ، ޕްރޮވިންސް ސެކްރެޓޭރިއަޓް ބައިވެރިކުރާގޮތަށް މި ހަމަޖެއްސީ” ޗެއަރޕާސަން ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ މި މަސައްކަތު ބައްދަލުވުންތަކުގައި، ދާއިރާތަކުގައި އެމްޑީޕީގެ ޙަރަކާތްތައް ހިންގުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެމްޑީޕީގެ ޙަރަކާތްތައް އެ ދާއިރާގައި އިތުރަށް ހަރުދަނާކުރަން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބެލުމާއި، ރަށްރަށުގައިޤާއިމްކުރެވިފައިވާޕާޓީގެ އޮފީސްތަކާއި، ހަރުގެތައް އަމަލީ ގޮތުން ޙަރަކާތްތެރިކުރުވުމާއި، ދާއިރާތަކުގައި ހިންގާ އެމްޑީޕީގެ ޙަރަކާތްތަކުގެ މައޫލޫމާތު ޕާޓީގެ އޮފީހަށާއި، އެމްޑީޕީގެ ރަސްމީ ވެބަސައިޓަށް ފޯރުކޮށްދޭނޭ އިންތިޒާމް ހަމަޖެއްސުން ހިމެނޭ ކަމަށް ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވިއެވެ.
މޫސަގެ މި ދަތުރުފުޅުގައި ޗެއަރޕާސަންގެ ނައިބުންނާއި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން މާލޭގައި ތިއްބެވި އެދާއިރާއެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
މި ގޮތުން ޗެއަރޕާސަން ކުރައްވާ ފުރަތަމަ ދަތުރުފުޅު މި އަންނަ ހަފްތާގައި ކުރެއްވުމަށް ޕްލޭން ކުރެވިފައިވާ ކަމަށް ޗެއަރޕާސަން މޫސާ މަނިކު މިއަދު ވިދާޅުވިއެވެ.