ޔޫއެން ޗެމްޕިއަން އޮފް ދަ އާތު އެވޯޑާ އެކު ރައީސް ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ކިޔައިފި

25 އެޕްރީލް 2010

nasheedraees6

ޔޫ.އެން. ޗެމްޕިއަންސް އޮފް ދި އާރތް އެވޯރޑް ހާޞިލް ކުރައްވައިގެން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، އަނބިކަނބަލުން ލައިލާ ޢަލީ، ރޭ މާލެ ވަޑައިގަތުމުން ސަރުކާރުގެ ވަޒީރުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، އެމްޑީޕީގެ އާންމު މެންބަރުންނާއި، ދިވެހި ރައްޔިތުންގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ.
ސަރުކާރުގެ އިސްވެރިންނާއި ވަޒީރުން މާލޭ ބައިނަލް އަޤްވާމީ ވައިގެ ބަނދަރުން ރައީސަށް މަރުހަބާ ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި އާންމު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރަސްމީ ފާލަން ދޮށުންނެވެ. އެއްވެ ތިބި ގިނަ މީހުން ތިބީ ދިވެހި ދިދައާއި އެމްޑީޕީ ދިދަ އަދި ރީނދޫ ފުއްޕާހަން ހިފައިގެންނެވެ. އަދި މަރުހަބާގެ ޝުޢޫރުތައް ފާޅުކޮށް ލިޔުންތައް ލިޔެފައިވާ ރީނދޫ ބެނާތައް ވެސް ޖުމްހޫރީ މައިދާނުގައި ދަމާފައިވެއެވެ. ރައީސް ހިންގަވާފައި މުލިއާގެ އަށް ވަޑައިގެންނެވި އިރު ފަހަތްޕުޅުން ހަރުބީ ޖައްސަވަމުން ގެންދެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި މީހުންނާ މުޚާޠަބުކޮށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ބައިނަލް އަޤްވާމީ މުޖުތަމައުގައި ރާއްޖެއަށް މިއަދު މިލިބޭ ކާމިޔާބީ އަކީ ދިވެހި އެންމެހާ ރައްޔިތުން އެކުގައި ކުރާ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށާއި، މިފަޚުރަކީ ހަމައެކަނި ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ ފަޚުރެއްނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ކާމިޔާބީއަކާ ހަމައަށް ވާޞިލް ވުމުގައި އެންމެ ބޮޑު އެއް ހިއްސާ އެއް އަދާކޮށްދިން ބަޔަކީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ކަމުގައި ރައީސް ވިދާޅުވިއެވެ.
“ޔޫ.އެން. ޗެމްޕިއަންސް އޮފް ދި އާރތް އެވޯޑް” އަކީ ދުނިޔޭގެ ސަލާމަތަށް ދުރުވިސްނުމާއެކު، ދެމެހެއްޓެނިވި ގޮތުގައި ވަސީލަތްތައް ބޭނުންކުރުމާއި، ތިމާވެށްޓާ ރަޙްމަތްތެރި ގޮތެއްގައި ތަރައްޤީ ޙާޞިލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރުމުގައި ދެމިތިބޭ ފަރާތްތަކުގެ ތެރެއިން މުޅި ދުނިޔެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް، އެފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެގޮތުން އ.ދ.އިން ދޭ އެވޯޑެކެވެ. ރައީސް ނަޝީދަށް މިއެވޯޑު ލިބިވަޑައިގަތީ ޕޮލިސީ އަދި ލީޑަރޝިޕްގެ ދާއިރާއިންނެވެ.
ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ޒަޢާމަތުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެމަނިކުފާނަށް ވަނީ ބައިނަލްއަޤްވާމީ ތަފާތު އެކި އެވޯޑް ލިބިވަޑައިގެންފައެވެ. އެގޮތުން ސްވިޑްންގައި ދެވޭ އެންމެ ޝަރަފްވެރި އެއް އިނާމުކަމުގައިވާ އަނާ ލިންދު އެވޯޑް މިދިޔައަހަރު ލިބިވަޑައިގެންފައެވެ. އަދި މިދިޔައަހަރު ޓައިމް މެގަޒިންއިން “ހީރޯ އޮފް ދި އެންވަޔަރަންމަންޓް” ގެގޮތުގައި ހޮވި ބޭފުޅުންގެތެރޭގައިވެސް އެމަނިކުފާނުވަނީ އެއް ވަނަ އަށް ހޮވިވަޑައިގެންފައެވެ. މީގެ ކުޑަދުވަސްކޮޅެއް ކުރިން އިނގިރޭސި ވިލާތުގެ އެންމެ މަޝްހޫރު އެއް ނޫސް ކަމަށްވާ “ދި އިންޑިޕެންޑެންޓް” ނޫހުން ހޮވި 2009 ވަނަ އަހަރުގެ އެންމެ ވަރުގަދަ ސިޔާސީ ޝަޚްޞިއްޔަތުގެ މަގާމް ވެސް ރައީސް ނަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ.