ބައިނަލް އަގްވާމީ މައިދާނުގައި ދިވެހީން ” މެކުހަށް”

ފުނަމާ

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އދ ގެ ދޮރޯށި ހުޅުވާލަ ދެއްވީ ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އެމަނިކު ފާނެވެ. ރާއްޖެފަދަ ކުޑަ ގައުމެއް އެމަޖުލީހުގައި ބައިވެރި ނުކުރުމަށް ގައުމުތަކުގެ މެދުގައި ބަހުސުތަކެއް ކުރެވުނު ނަމަވެސް ނާސިރުގެ ވަރުގަދަ ސިޔާސަތުގެ ދަށުން އދ ގައި ރާއްޖެ ބައިވެރި ކުރާން ޖެހުނެވެ. އަދި ނާސިރުގެ ވެރިކަން ނިމުނުއިރު ރާއްޖެވަނީ ބައިނަލް އަގްވާމީ އެތައް ގުޅުންތަކެއް އުފައްދައިފައެވެ. ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައިވެސް ހަމަޖެހިފައެވެ. ހަމައެހެންމެ ނާސިރުގެ ވެރިކަމުގައި ރާއްޖެއަށް ތައާރަފު ކުރެވުނު ފަތުރުވެރިކަމުގެ ސިނާޢަތުގެ ސަބަބުން ބޭރު ގައުމުތަކުގައި ރާއްޖޭގެ ނަންހިނގާން ފެށިކަމީވެސް ހަގީގަތެކެވެ. ނާސިރަށްފަހު ދެން ފެށި 30 އަހަރަށް ދިގުދެމިގެން ދިޔަ ވެރިކަމުގައިވެސް ރާއްޖެއިންވަނީ ދުނިޔޭގެ އެތަކެއް ގައުމުތަކާއި ގުޅުން އުފައްދާފައެވެ. ނަމަވެސް އެވެރިކަމުގައި ރާއްޖެއާއި ބޭރު ގައުމުތަކާ ދެމެދު ހިންގަމުން ގެންދިޔަ ބައެއް ކަހަލަ ގުޅުންތަކަކީ ދިވެހީންނަށް އޭގެ ދެފުށް ފެންނާންއޮތް ގުޅުން ތަކެއް ނޫނެވެ. ރާއްޖެ ފާހަގަ ކުރެވެނީ އދގައި މާބޮޑު ބަހެއް ނުކިޔާ އަދި ފާހަގަ ކުރެވޭ މާތަފާތު ދައުރެއް ނޯންނަ ގައުމެއްގެ ގޮތުގައެވެ. އދ ގައި ހިމެނޭ ގައުމެއްގެ ނަމުގައި އެޖަމާއަތުގެ ގޮނޑި ” ހިމޭންކަމާއެކު ” ހޫނުކުރާ ގައުމެއްގެ ގޮތުގައެވެ. ބާރުގަދަ ކޮޅަކަށް އާނއެކޭ ބުނެލުމަކީ ރާއްޖޭގެ އޭރުގެ ޚާރުޖީ ސިޔާސަތު ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް މެދުއިރުމަތީގެ ގައުމުތަކާއި އެކު ގާތްގުޅުމެއް ބާއްވަމުން ގެންދިއުމުގެ އިތުރުން އިންޑިޔާއާއި ޗައިނާ އާއިއެކު ގުޅުންތަކެއް ގެންގުޅެމުން ގެންގޮސްފައި ވެއެވެ. އެކަމަކު މިގުޅުންތައްވެސް އޮންނަނީ މާބޮޑު ސިޔާސަތެއް ނެތިކަމުގައި ދަންނަވާން ޖެހެއެވެ. މިސާލަކަށް އިރާގުން ރާއްޖެއަށް ހަތިޔާރުގެ އެހީއާއި އެނޫން އެހީތައްވެސް ހޯދަމުން ދިޔައިރު އިރާގުގެ ރައްޔިތުންގެ ގަޔަށް ބޮންއެޅުމަށް އިރާގާއި އިދިކޮޅަށް ހަނގުރާމަ ކުރި ފަރާތްތަކުން ރާއްޖޭގެ ވައިގެ ބަނދަރާއި ވައިގެ ސަރަހައްދު ބޭނުން ކުރުމަށް ސިއްރުން އެހީތެރިވެ ދީފައިވެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް މާހެޔޮއެދޭ ބައެއް ކަމުގައި ދެއްކުމުގެ ގޮތުން އިޒުރޭލާ އެއްވެސް ގުޅުމެއް ނެއްކަމުގައި ބުނަމުން ގެންދިޔައިރު އިޒުރޭލާއެކު ގޮތްނޭނގޭ ސިއްރު ގުޅުންތަކެއް ގެންގުޅެފައި ވެއެވެ. އދ ގައި ބާރުގަދަ ގައުމަކާ އިދިކޮޅަށް ބަހެއް ބުނުމަކީ ވަކިފަރާތަކަށް ނުޖެހުން ކަމުގައި ބުނެ ނިންމާލަމުން ގެންގޮސްފައި ވެއެވެ. ސާކު އުފެދި ސާކުގެ މެންބަރަކަށް ރާއްޖެ ވުމުން ސާކުގެ ތެރޭގައިވެސް ބޮޑަށް ރާއްޖެ ފެންނަމުން ގޮސްފައިވަނީ ” ބަސްއަހާ ކުޑަކުއްޖެއްގެ” ދައުރެވެ. ރާއްޖެއިން އެންމެ ފުރަތަމަ ސާކުގެ ސެކްރެޓަރީ ޖެނަރަލް ކަމުގެ ގޮނޑި ފުރުއްވާފައިވަނީ މިޕާޓީ އެބޭފުޅަކަށް ޓަކައި ފަޚުރުވެރިވާ އަދި ، މިޕާޓީގެ ލޮބުވެތި ބައްޕައެއް ކަމުގައި ގިނަބަޔަކު ގަބޫލުކުރާ އޮނަރަބަލް އިބްރާހީމް ހުސައިން ޒަކީއެވެ. ނަމަވެސް އެއީ އެމްޑީޕީ އުފެދުމުގެ މާކުރިއެވެ. މައުމޫނުގެ ސަރުކާރުގައެވެ. ދެވަނައަށް އެމަގާމު މިހާރު ފުރުއްވަމުން އެގެންދަވަނީ މިސަރުކާރުގެ އެންމެފުރަތަމަ އެޓަރނީ ޖެނެރަލްގެ މަގާމްވެސް ފުރުއްވި އަދި، މިޕާޓީ އެބޭފުޅަކަށް ފަޚުރުވެރިވާ އަލްއުސްތަޛާ ދިޔާނާ ސައީދުއެވެ. މިސަރުކާރު އައިފަހުން މިސަރުކާރުގެ ޚާރުޖީ ސިޔާސަތައް ގެނެވުނު ބަދަލާއެކު ރާއްޖެއިންވަނީ އެންމެ ފުރަތަމަ ދުވަހުއްސުރެ ބައިނަލް އަގުވާމީ މައިދާނުގައި ދުވެލި ހަލުވިކުރާން ފަށާފައެވެ. ވަކި ގައުމެއް ތަފާތުނުކޮށް ކޮންމެ ގައުމަކާވެސް އޮންނަ ގުޅުން ބަދަހިކުރަމުން ދުނިޔޭގެ ވަކިބައެއް ވަކި ނަސްލެއް ނުބަލައި އެންމެންނާއި މެދުވެސް ހުޅުވާލެވިގެން ދެފުށްފެންނަ ގޮތަކަށް ގުޅުންތައް ބަދަހިކުރަމުން ގެންދާން ފަށާފައެވެ. ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެއަކީ ” ކުޑަކުއްޖެއް ” ކަމުގައި ނުދެކި ރާއްޖެއިން ބުނާންބޭނުންވާ ކޮންމެ ބަހެއް ހައްގުގޮތުގައި ބުނާން ފަށާފައެވެ. ތިމާވެށީގެ މައްސަލަތަކުގައި ބޮޑެތި ގައުމުތަކަށް ގޮންޖަހާފައެވެ. ކޮޕް15 ގައި ރާއްޖެއިން ކުޅުނު ދައުރު މުޅިދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ލިބިގެން ދިޔައެވެ. ހަމައެހެންމެ އދގެ އިންސާނީ ހައްގުތަކާ ބެހޭ ގޮނޑިއެއް ރެކޯޑެއް ގާއިމްކޮށް ރާއްޖެއިން ހޯދި ހޯދުމަކީ ކުޑަކުޑަ ކަމެއް ނޫނެވެ. މިސަރުކާރު އައުމުގެ ކުރީން ދިވެހީން ހުވަފެނުންވެސް ދުށްކަމެއް ނޫނެވެ. މިއަދު ބަލާލާއިރު ފާހަގަކުރެވޭ ފަދަ އދ ގެ މަގާމްތަކުގައި ގާޟީ އައިޝަތު ސުޖޫނު އާއި އިބްތިޝާމް އާދަމް އެބަތިއްބެވިއެވެ. ހަމައެހެންމެ ދާދިފަހުން އދ އިން އީރާނުފަދަ ނުފޫޒުގަދަ ގައުމެއްގެ އިންސާނީ ޙައްގުތައް މޮނިޓުކޮށް ބެލެހެއްޓަވާ ސްޕެޝަލް ރެޕެޓުއަރ އެއްގެ މަގާމަށް މިސަރުކާރުން ހުށައެޅުއްވި ޑރ ޝަހީދުގެ ނަންފުޅު ވޯޓަކާއިނުލައި އިއްތިފާގުން ފާސްވެގެން ދިޔަކަމީ ރާއްޖޭގެ މިއަދުގެ ސަރުކާރާއި ޚާރުޖީ ސިޔާސަތައް ދުނިޔެއިން ކުރާ އިޙްތިރާމް ކަމުގައި ނުދެންނެވޭނޭ އެއްވެސް ސަބަބެއް ނެތެވެ. ކުރިމަތި ވަމުން މިއަންނަ ސާކުސަމިޓުގައި ރާއްޖެއިން އެކަށީގެންވާ ކާމިޔާބެއް ހޯދާނެ ކަމުގައިވެސް ގަބޫލުކުރެވެއެވެ. އަދި ބައިނަލް އަގްވާމީ ގުޅުންތައް އެންމެފުރިހަމަ ގޮތުގައި ކުރިއަރުވައި ރާއްޖެއަކީ އާބާދީ ކުޑަނަމަވެސް އދ ގައި “ބޮޑުގައުމެއްގެ” ރޯލުއަދާކުރާނެ ގައުމަކަށް ވެގެން ދާނެ ކަމުގައި މިހާރު ގަބޫލުކުރެވެއެވެ. އެހެންކަމުން މިސަރުކާރުން މިއަދު މިވަނީ ބައިނަލްއަގުވާމީ މައިދާނުގައި ” މެކުހަށް ” ޖަހާފައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެެވެ. މީގެފައިދާ ދިވެހީންނަށް ކުރާނެކަމާމެދަކު ޝައްކެއް ނެތެވެ. އެހެނަސް އެކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ޚާރުޖީ ސިޔާސަތަށް ފުރުސަތުދީގެން ކަމުގައިވެސް ދަންނަވާލަން ޖެހެއެވެ. ކޮސޯވޯގެ ގުޅުމާ ފަލަސްތީނުގެ މައްސަލައާއި ގުޅިގެން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ކުށްވެރިކޮށް ހައިޖާނު އުފައްދާން އުޅުނު ގޮތައް ކަންކަން ކުރުމުގެ ބަދަލުގައި ސަރުކާރުން ކަންކުރަމުން ގެންދާ ގޮތް ރަނގަޅަށް އޮޅުން ފިލުވައިގެން ކުރިއަށް ދިއުމަށް މަގުފަހި ކޮށްދީގެންނެވެ