ދ.މީދޫގެ ކައުންސިލާ އެމްޑީޕީގެ ރައީސް ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

dhmeedhoo-council-450-x-259

ނިލަންދެ އަތޮޅު ދެކުނު ބުރީ މީދޫގެ ކައުންސިލް މެންބަރުންނާ އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި ބޭއްވި ބައްދަލުވުމުގައި މީދޫ ކައުންސިލް މެންބަރުން ކަންބޮޑުވެލައްވާ ބައެއް ކަންތައްތަކުގެ ވާހަކަ ޑރ.ޑީޑީއަށް ހުށަހެޅުއްވިއެވެ. އެ ގޮތުން މީދޫގައި އެކަށީގެންވާ ރަގަޅު ފެންވަރެއްގެ ބަނދަރެއް ނެތުމުގެ ސަބަބުން އެކަމުގެ ދަތިކަން އެރަށުގެ ރައްޔިތުން އިންތިހާއަށް ތަހައްމަލްކުރަން ޖެހިފައިވާ ކަމަށާއި، ބަނދަރުހެދުމުގެ މަޝްރޫއާއި އެކު އޮދި ދޯނި ފަހަރު އެހެލާނެ ތަނެއް ހެދުމަށް ރަށުގެ އޮޑިވެރިން ބޭނުންވާ ކަމަށާއި، އޭގެ އިތުރުން އެރަށުގައި ކުށްކުރުން ގިނަވަމުން ދިއުމުގެ ސަބަބުން ޕޮލިސް ސްޓޭޝަނެއްގެ މުހިންމުކަން ވަރަށް ބޮޑުވެފައިވާ ކަމަށް ވެސް ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އެރަށަކީ އާބާދީގެ ގޮތުން ވެސް އެ އަތޮޅުން ފާހަގަކޮށްލެވޭ ރަށަކަށް ވެފައި ގިނަ އަދަދެއްގެ ފަތުރުވެރިން އަރާ ފައިބާ ރަށަކަށްވާތީ އެ ރަށުގެ ސިއްޚީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ.
ޑރ.ޑީޑީ ދެއްކެވި ވާހަކަފުޅުގައި މި ޝަކުވާތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހައްލެއް ހޯދުމަށް މަސައްކަތްކުރައްވާނޭ ކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރުން މިވީ ކުޑަ ދުވަސްކޮޅުގެތެރޭގައި ވެސް އާންމު ރައްޔިތުން ހުވަފެނުން ވެސް ނުދެކެ ފަދަ ޚިދުމަތްތަކެއް މި ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް މި ކަންތައް ހަޖަމްނުކުރެވި މިފަދަ ކަންތައްތައް އޮޅުވާލުމަށް މަސައްކަތްކޮށް، ސަރުކާރުންކުރާ ކޮންމެ ކަމަކާ އިދިކޮޅުވުމުގެ އުސޫލު ގެންގުޅެމުންދާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް މީދޫގެ ކަރަންޓު ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށްދެއްވައި، ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
އެމްޑީޕީގެ އަޤްލަބިއްޔަތު އޮންނަ މީދޫގެ ކައުންސިލް ގައި ތިއްބަވަނީ އެމްޑީޕީގެ 3 މެންބަރުންނާއި، އަމިއްލަ 2 މެންބަރުންނެވެ.