މެދު އުތުރު ޕްރޮވިންސްގެ އއ.ފެރިދޫގައި އެމްޑީޕީގެ 2 ގޮފި އިފްތިތާހް ކޮށްފި

24 އެޕްރީލް 2010

މެދު އުތުރު ޕްރޮވިންސްގެ އއ.ފެރިދޫގައި ފެރިދޫ އެކުވެރިންގެ ޑިމޮކްރެޓިކް ގޮފި އަދި ފެރިދޫ ސަންގޯރު ގޮފީގެ ނަމުގައި އެމްޑީޕީގެ 2 ގޮފި މިއަދު އިފްތިތާޙް ކޮށްފިއެވެ.
މި 2 ގޮފި އިފްތިތާޙް ކުރުމަށް ފެރިދޫ އިޖްތިމާޢީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ގޮފިތައް އިފްތިތާހްކޮށްދެއްވީ މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު އިބްރާހީމް ރަޝީދު އަބޫބަކުރެވެ. މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރުގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ފެރިދޫ ޒުވާނުން އެރަށުގައި އެމްޑީޕީ ކުރިއެރުވުމަށް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ފެރިދޫގެ ޒުވާނުންނަށާއި ޚާއްސަކޮށް، އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެއް ކަމަށްވާ ސައީދު ހަސަން އަށް ޝުކުރު އަދާކުރައްވައި ކުރިޔަށް އޮތްތަނުގައިވެސް މިގޮތުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.
މިއަދު މެންދުރު ފަހު ބޭއްވި މި ރަސްމިއްޔާތުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި، އެމްޑީޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ވަހީދު، އއ.އަތޮޅު ކައުންސިލަރ މޫސާ ނައީމް، އެމްޑީޕީގެ އިސް މެންބަރު އަދި ތިލަފުށީ ކޯޕަރޭޝަންގެ ޗެއަރމަން މުހައްމަދު ޒާހިރާއި ފެރިދޫގެ ޒުވާނެއް ކަމަށްވާ އަހުމަދު ޝަކީލު އަދި އެރަށުގެ އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ސަޢީދު ހަސަން ވެސް ވާހަކަ ދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ސަޢީދު ހަސަން ވިދާޅުވީ އެމްޑީޕީން ފެރިދޫގައި ތިބި އެޕާޓީގެ މެންބަރުންނާ ވަރަށް ގާތްގުޅުމެއް ބާއްވަމުންދާ ކަން ފާހަގަކޮށް ކުރިޔަށް އޮތްތާނގައި މިއަދު ހުޅުވުނު 2 ގޮފީގެ ސަބަބުން މިގުޅުން އިތުރަށް ހަރުދަނާ ވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.