އެމްޑީޕީގެ ލީޑަރޝިޕް ތެރޭގައި އެއްވެސް މައްސަލައެއް ނެތް: ވަގުތީ ޗެއަރޕާސަން

އިބްރާހީމް ރާމިޒް

އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި މޫސަ ވާހަކަ ފުޅު ދައްކަވަނީ ..
އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި މޫސަ ވާހަކަ ފުޅު ދައްކަވަނީ ..

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަރޝިޕްގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ގައުމީ މަޖިލީހުގެ ފުރިހަމަ އަޤްލަބިއްޔަތުން އިއްޔެ ހަމަޖެއްސި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ރައީސް (ރީކޯ) މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
” އަޅުގަނޑު މި ޕާޓީގެ މެންބަރުންނަށާއި، އިދިކޮޅު ފަރާތްތަކަށާއި، މީޑިއާ އަށް ވަރަށް ޔަޤީން ކަމާއެކު ދަންނަވަން. އެމްޑީޕީގެ ލީޑަރޝިޕްތެރޭގައި އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑާ ޑރ.ޑީޑީއާ ދެމެދުގަވެސް، އަޅުގަނޑާ ގައުމީ މަޖިލީހާ ދެމެދުގަ ވެސް އަދި ގައުމީ މަޖިލީހާ ޑރ.ޑީޑީއާ ދެމެދުގަ ވެސް އެއްވެސް މައްސަލައެއް ނެތް.” މިއަދު ހަވީރު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި މޫސަ ވިދާޅުވިއެވެ.
އިދިކޮޅު ޑީއާރުޕީ ގޮތަށް އެމްޑީޕި ދުވަހަކުވެސް ފެކްޝަންތަކަށް ބެހިގެން ނުދާނޭ ކަމަށް ވިދާޅުވަމުން، ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީ އަކީ ވަރަށް ޑިމޮކްރެޓިކް ޕާޓީއަކަށް ވާތީ ޚިޔާލު ތަފާތުވުމެއް އުފެދުނަސް އެކަން ފޮރުވައިގެން އެއްވެސް ބޭފުޅަކު ނުހުންނަވާނޭ ކަމަށާއި، އެމްޑީޕީ އަކީ އެކަކު ވަށައިގެން އެނބުރޭ ޕާޓީއެއް ނޫން ކަމަށާއި، އެޕާޓީ ދެމިއޮންނަނީ އާންމު މެންބަރުންގެ މައްޗަށް ކަމަށެވެ.
ޗެއަރޕާސަންގެ ވާހަކފުޅަށް ތާއީދު ކުރައްވަމުން ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވީ ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގެނެސްދިން ބަޔަކީ ވެސް އެމްޑީޕި ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވަމުން، ޑރ. ޑީޑީ އަދި ވިދާޅުވީ “އެމްޑީޕީ އަކީ ޚިޔާލު ތަފާތުވުންތަކާއެކުވެސް އެންމެން ގުޅިގެން މަސައްކަތްކުރަން އިނގޭ ބަޔަކު ތިބި ޕާޓީއެއް” ކަމަށެވެ. މީގެ އިތުރުން “ވަރަށް ބޮދު ްުރުބާނީ އެއް ވެވަޑައިގެން ޕާޓީގެ ވަގުތީ ޗެއަރޕާސަންކަން ޤަބޫލުކުރެއްވި ކަމަށްޓަކައި މޫސާ މަނިކަށް ޝުކުރުދަންނަވާ” ކަމަށާއި، މޫސަގެ އެ ނިންމެވުމުގެ ސަބަބުން ޕާޓީގެ އިދާރީ މަސައްކަތްތަކަށް އިތުރު ހިއްވަރެއް ލިބިގެން ހިނގައްޖެކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
” އަޅުގަނޑުމެން މިތިބީ ގުޅިގެން މަސައްކަތްކުރުމުގެ ރޫޙުގަ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގުޅިގެން ޕާޓީއަށް ދިމާވާ މައްސަލަތައް ހައްލުކުރާނަން. އަޅުގަނޑުމެން އެމްޑީޕީގެ ހުރިހާ މެންބަރުންގެ ވެސް އަމާޒަކީ އެއް އަމާޒެއް. އެއީ 2013 ވަނަ އަހަރުގެ ބޮޑު މަންޒަރު އެމްޑީޕީއަށް، ޚާއްޞަކޮށް ރައީސް ނަޝީދަށް ކާމިޔާބުކޮށްދެއްވުން.” އެމްޑީޕީގެ ރައީސް މިއަދު ވިދާޅުވިއެވެ.
މި ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މުޙަންމަދު އިމްތިޔާޒް (ގައްދޫ އިންތި)އާއި، އެޕާޓީގެ ޗެއަރޕާސަން ނައިބު (މާލީ) އަޙުމަދު މައުސޫމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިންތިގެ ވާހަކައިގައި އިއްޔެގެ ގައުމީ މަޖިލީހުގައި އަސާސީ ގަވައިދާ ޚިލާފަށް އެއްވެސް ކަމެއް ގެންދިޔަކަމަށް ފާހަގަކުރެވިފައިވާ ނުވާ ކަމަށް ވިދާޅުވިއެވެ.