އެމްޑީޕީގެ ޗެއަރޕާސަންގެ ބަޔާން

reeko-moosa-450-x-301mdp-logo

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ކަމުގެ މަގާމަށް ޤައުމީ މަޖިލީހުގެ ވަރަށް މަތީ އަޤްލަބިއްޔަތަކުން އަޅުގަނޑު ހޮއްވަވައިދެއްވި ކަމަށްޓަކައި، އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންނަށް ހިތުގެ އިޚްލާސްތެރި ޝުކުރެއް ދަންނަވަމެވެ.
އެމްޑީޕީ އާއެކު އެ ޕާޓީ އުފެދުނީއްސުރެ މިއަދާ ހަމައަށް ދެގޮތެއްނުވެ އަޅުގަނދު މަސައްކަތްކުރަމުން މިދަނީ، އެއިރަކު ޕާޓީން ބޭނުމެއް ޖެހިއްޖެ ކޮންމެ ކަމެއްގައިމެ، އަޅުގަނދުގެ ލަުޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުޅާދާއިރާއެއްގައި ވަފާތެރިކަމާއެކު ޚިދުމަތްކުރުމުގެ ރޫހުގައެވެ.
18 ޖޫން 2011 ވީ ހޮނިހިރު ދުވަހު އެމްޑީޕީގެ ްައުމީ މަޖިލީހުން ނިންމި ނިންމުމަކީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން، ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާއެއް އުފުލަންޖެހޭ ފަރާތަކީ ޕާޓީގެ ޗެއަރޕާސަން ކަމަށްވެފައި، އެމަޤާމުގައި ދެމިހުންނެވި ޕާޓީގެ ކުރީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން ޕާޓީގެ އެފަދަ މުހިންމު، ޒިންމާދާރު މަޤާމެއް ހުސްކޮށް އޮތުމަކީ ޤައުމީ މަޖިލީހުން އެދެެގޮތް ނޫން ކަމަށް ދެކޭތީ، އަޅުގަނޑާ އެ މަސްއޫލިއްޔަތު ހަވާލުކުރުމަށް ކަމަށްވީހިނދު، އަޅުގަނޑު ކުރިން އަދާކުރަމުން އައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުމކަމުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމުން އަޅުގަނޑު އިސްތިއުފާދީފައިވާ ވާހަކަ ދަންނަވަމެވެ.
2005 ވަނަ އަހަރު ހައްދުންމަތީ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި އަޅުގަނޑު، ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އިޞްލާޙަށް މަސައްކަތްކުރަމުން ގޮސް، ސިޔާސީ ޕާޓީ އުފެއްދުމަށް މަޖިލީހުން ނިންމި ހިސާބުން، އެމްޑީޕީ އުފެދި، މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް އުފެދި އެ ގްރޫޕްގައި އަޅުގަނޑު މަސައްކަތްކުރަމުން އައިސް އެ ގްރޫޕްގެ ތަފާތު މަގާމުތައް އަޅުގަނޑުވާނީ ފުރާފައެވެ. އާ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އިންތިޚާބުކުރި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެއްގެ ގޮތުން އަޅުގަނޑު މަސައްކަތްކޮށްފައިވާނީ ޕާޓީއަށް އެންމެ ފައިދާކުރަނިވި ގޮތުގައެވެ.
އިއްޔެ އަޅުގަނޑު ޗެއަރޕާސަން ކަމުގެ މަޤާމަށް އައްޔަންކުރެއްވުމުން، އަޅުގަނޑު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުން އިސްތިޢުފާދިނީ އަޅުގަނޑު ޤަބޫލުކުރާ އަދި އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި އޮންނަ ޑިމޮކްރެޓިކް ރިވެތި އުސޫލުތަކަށް ތަބާވުމުގެ ގޮތުންނެވެ. މި ފުރުޞަތުގައި އަޅުގަނޑު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެއްގެ ގޮތުން މަސައްކަތްކުރެއްވި ދުވަސްވަރު، އެ ގްރޫޕްގެ މެންބަރުން އަޅުގަނޑާމެދު ބެހެއްޓެވި ގާތްކަމާއި، އަޅުގަނަޑަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަކީ އެފަދަ ދެވަނައެއް ނުވާ ލާމަސީލު މިސާލެއްކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެންމެހާ މެންބަރުންނަށް ހިތުގެ ލޯތްބާއެކު ޝުކުރުދަންނަވަމެވެ.
ރާއްޖެގެ އެންމެ ބޮދު ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހިންގުމުގެ ބުރަ މަސްއޫލިއްޔަތު، އަޅުގަނޑަށް އިތުބާރުކުރައްވައި، އެމްޑީޕީގެ ޤައުމީ މަޖިލީހުން އަޅުގަނޑާ ހަވާލުކުރެއްވި ހިނދު، ޕާޓީގެ ލީޑަރޝިޕާއި، އެންމެހާ ގުނަންތަކާއި، އެންމެހާ އާންމު މެންބަރުން އަޅުގަނޑަށް ފުރިހަމަ އެއްބާރުލުން ދެއްވާނޭ ކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. އަދި ހަމަ އެހެންމެ ޕާޓީގެ ޤައުމީ މަޖިލީހުގެ ނިންމުމާމެދު ބައެއް މީޑިއާތަކުން ތަފާތު ވާހަކަތައް ފަތުރަމުންދާ ދިއުމާ ގުޅިގެން ޕާޓީގެ އާންމު ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދިއުމާ ގުޅެގޮތުން ދަންނަވަމެވެ. އެމްޑީޕީގެ އެންމެ މަތީ ގުނަނަކީ ކޮންގްރެސް ކަމަށްވީ ހިނދު، ޕާޓީގެ ކޮންގްރެސް އިން ކަންކަން ނިންމުމަށް ޖާގަދިނުމާއި، ޕާޓީގެ ޤައުމީ މަޖިލީހުގެ ނިންމުންތަކަކީ އެ ނިންމުމަކާ މެދު ސުވާލު އުފައްދާނޭ ޖާގައެއް ނެތް ނިންމުމެއްކަން ޕާޓީގެ އަސާސީ ޤަވައިދާއި، ހިންގާ ޤަވައިދުން ވަރަށް ސާފުކޮށް ކަޅާއި ހުދުން ފެންނަން އެބައޮތެވެ. ވީ ހިނދު، ޤައުމީ މަޖިލީހުގެ މި ނިންމުމާމެދު އެއްވެސް ސުވާލެއް އުފެދޭ ފަދަ ވާހަކައެއް ޕާޓީގެ ނަމުގައި އެއްވެސް ބޭފުޅަކު ނުދެއްކުމަށް އަޅުގަނޑު ޗެއަރޕާސަންގެ ޙައިސިއްޔަތުން އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ އާ ޗެއަރޕާސަން މޫސާ މަނިކު