ފ. އަތޮޅުގެ ބައެއް ކައުންސިލަރުން އެމްޑީޕީގެ ރައިސާ ބައްދަލުކޮށްފި

ފ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިދްރީސް އަބޫބަކުރާއި ފ. އަތޮޅު ކައުންސިލް މެމްބަރ އަލްފާޟިލް މޫސާ އިސްމާއިލާއި ، ފ. ދަރަނބޫދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އަލީ ސަމީރު އެމް.ޑީ.ޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކޮށްލުމުގެ ބޭނުމެއްކަމަށް އެބޭފުޅުން ވިދާޅުވެފައިވަނީ ފ.އަތޮޅުގެ ތަރައްޤީއަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި ޑިޕާޓްމެންޓްތަކާއި، އަދި އެހެނިހެން މުއައްސަސާތަކުން ފ.އަތޮޅުގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައެއް މުއައްސަސާ ތަކުން އެންމެ ފުރިހަމަ ގޮތުގައި އެހީތެރިކަން ލިބެމުން ނުދާތީ ޕާޓީ މެދުވެރިވެގެން އަވަސް ގޮތެއްގައި އެފަދަ ފަރާތްތަކުން އެހީ ތެރިކަން ހޯއްދަވައިދިނުމަށް އެދިއެވެ. އެބެފުޅުން ދެކި ވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ ކަމާބެހޭ ބައެއް މުއައްސަސާތަކުން އެބޭފުޅުންނާއިމެދު މުއާމަލާތް ހިންގުމުގައި ވަރަށް ދަށުދަރަޖައިގެ މީހުންގެ ގޮތުގައި ދެކިލައްވާ ކަމަށެވެ. އަދި އެކަމާއި ވަރަށް ބޮޑަށް ހިތާމަފުޅުކުރައްވާ ކަމަށެވެ. އެބޭފުޅުން ޒިޔާރަތްކުރެއްވި މިނިސްޓްރީތަކުގެ ތެރެއިން މިނިސްޓްރި އޮފް އިސްލާމިކް އެފެއާރޒް އިންނާއި ، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓްއިން އެބޭފުޅުންގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ފުރުސަތު އިތުރުވެގެން ދިޔައެވެ. ނަމަވެސް މިނިސްޓްރީ އޮފް ހެލްތާއި އެމިނިސްޓްރީގެ ދަށުގައިވާ ތަންތަނުން ލިބެންޖެހޭ ހިދުމަތްތައް އެކަށީގެންވާ ހަލުވި ގޮތުގައި ލިބެމުން ނުދާ ކަމަށާއި، ފ. އަތޮޅު ހޮސްޕިޓަލްގައި ވަޒީފާއަދާ ކުރައްވާ ސިވިލް ސަރވިސްގެ މުއައްޒަފުން ބޭކާރު ގިނަ ހަރަދުތަކެއް ކުރަމުންދާތީ އެކަން ކަން ހުއްޓުވައި ރަނގަޅުކުރުމަށް އެތަށް ފަހަރެއްގެ މަތިން ކުރި މަސައްކަތް ބޭކާރުވެފައިވާ ކަމަށެވެ.
ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަ ފުޅާ ގުޅިގެން ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ދެއްކެވި ވާހަކަ ފިޅުގައި ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ޕާޓިގެ ކައުންސިލަރުންނަށް ދިމާވާ އިދާރީ ދަތިތައް ހައްލުކޮށްދިނުމުގައި ޕާޓިގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެކަމަށެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން ދިމާވާ ދަތިތަކުގެ ތަފްސީލް އެނގޭ ގޮތަށް ޕާޓީ އޮފީހަށް ހުށަހެޅުއްވުމަށް އެދިވަދައިގަތެވެ. އަދި ހެލްތް މިނިސްޓްރީގެ އިސްވެރިންގެ ފަރާތްޕުޅުން ލިބިވަޑައި ގަންނަވަންޖެހޭ އެހީތެރިކަން ހޯދައިދިނުމުގައި ޕާޓީގެ ފަރާތުން އެހީތެރިވެދެއްވާނެ ކަމަށް ޑރ. އިބްރާހިމް ދީދީ ވިދާޅުވިއެވެ.