24 އެޕްރީލް 2010
ލާމަރުކަޒީ އުސޫލުން ދިވެހި ދައުލަތް ހިންގައި، ދިވެހި ރައްޔިތުން ބާރުވެރި ކުރުވުމަށްޓަކައި ނުފުރޮޅާ އެންމެ ގަލެއް ވެސް ނުބާއްވާނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއް ނައިބު ރައީސް ކަމަށްވާ އިހަވަންދޫ ދައިރާގެ މެންބަރު އަހުމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަތި އުތުރު ޕްރޮވިންސްގެ ހއ.ކެލާ ސްޓޭޖް ސަރަހައްދުގައި ރޭ ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި އަހުމަދު ވިދާޅުވީ ދިވެހި ރައްޔިތުން އެދޭ ކާމިޔާބީ ގެނެސްދިނުމަށް ފަހު ނޫނީ އެމްޑީޕީން އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނާޅާނެ ކަމުގައެވެ. އަދި މިހާރުވެސް ބައެއް ގާއިރާތަކުން ކާމިޔާބު ހާސިލްވާން ފަށާފައިވާ ކަމުގައި ވިދާޅުވަމުން، ދުވަސްވި މީހުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ ފައިސާގެ އިނާޔަތާއި، ރަށުބަންދުން ވީއްލުމުގެ ވައުދު ފުރިހަމަ ކުރުމަށްޓަކައި އެންމެ ފުރިހަމަ ގޮތުގައި ނޫން ނަމަވެސް ޕްރޮވިންސް ތަކުގައި ދަތުރުފަތުރުގެ ޚިދުމަތް ފެށިފައިވާ ކަމުގައި އަހުމަދު ޢަބްދުﷲ ވިދާޅުވިއެވެ.
މި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވީ އެމްޑީޕީ އަކީ ވަކި މީހެއްގެ ފަހަތުން ދުވުމުގެ ބަދަލުގައި މުޅިރައްޔިތުންގެ ފަހަތުން ދުވަމުންދާ ޕާޓީ އެއް ކަމުގައެވެ. އަދި ކެލާ ރައްޔިތުން ކުރީގެ ރައީސް މައުމޫން ރައީސް ކަމުގައި އިތުރު ދައުރަކަށް ހުންނަން ނުފެންނަ ކަމަށް ތަންކޮޅެއް ކުރިން ވަރަށް ސާބިތުކަމާއެކު ވޯޓުދިން ކަމަށާއި، އެކަމުގެ އަދަބެއްގެ ގޮތުން ކެލަ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ވަރަށް އަނިޔާކުރި ކަމުގައެވެ. އަދި މިސަރުކާރުން އެގޮތަށް އަމަލު ނުކުރާނޭ ކަމުގައިވެސް ސަމީރު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވަނީ މިޖަލްސާގައި ކެލާގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިސަރުކާރުން އެންމެ އިސްކަންދޭނެ އެއް ރަށަކަށް ކެލާ ވެގެންދާނޭ ކަމަށާއި، ކެލަ އަކީ މުސްތަޤްބަލެއް އޮތް، ކެރޭ، ހޭލުންތެރި ރައްޔިތަކު ދިރިއުޅެމުންދާ ރަށެއް ކަމުގައެވެ. އަދި ޑީއާރުޕީގެ އެއް ނައިބު ލީޑަރު ކަމަށްވާ ސިޔާސީ ގޮތުން އެއްވެސް އުރަތްޕެއް ނެތް، އުމަރު ނަސީރަށް ވުރެ، ތަޢްލީމީ ބޭފުޅެއް ކަމުގައިވާ ކެލާ ދާއިރާގެ މެންބަރު ޑރ. އަހުމަދު މައުސޫމްގެ އަގު ދިވެހި ރައްޔިތުންގެ ކުރިމަތީގައި ޑީއާރުޕީން ދަށްކޮށް، މައުސޫމްގެ އަގު ވެއްޔާ މޮޑެފައިވާ ކަމަށް ވިދާޅުވެ އެފަދަ ހަރުދަނާ ބޭފުޅެއްގެ އިއްޒަތާއި ޝަރަފަށްޓަކައި އަދި ކެލާ ދާއިރާގެ ރައްޔިތުންގެ އަގު ހިފެހެއްޓުމަށް ޑީއާރުޕީން ވަކިވެ ވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޑރ.މައުސޫމަށް މޫސަ ގޮވާލެއްވިއެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ވާހަކަ ދެއްކެވި މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠޯރިޤްގެ ވާހަކަފުޅުގައި އެމްޑީޕީ އަށް ނިސްބަތް ނުވާ ބައެއް ބޭފުޅުން ސިޔާސީ މަގާމް ތަކުގައި ތިބުމުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަން އެނގިވަޑައިގެންފައިވާ ކަމުގައި ވިދާޅުވިއެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު ދީނީ ނަޒަރަކުން ވެރިކަމަށް ބައްލަވާލެއްވި އިރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް މުހައްމަދު ޝިފާޒް ވަނީ ޑީއާރުޕީން 2013 ވަނަ އަހަރު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނޭ ކަމަށް ބުނަމުންދާ އެޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާ މެދު ޑީއާރުޕީ ތެރެއިން ވަރަށް ނުބައި ރޭވުން ތަކެއް ރާވަމުންދާ ކަމަށާއި، ޑީއާރުޕީގެ އިތުރު ކޮންގްރެސް އެއް 2012 ވަނަ އަހަރު ބާއްވައި ތަސްމީންގެ ސިޔާސީ ހަޔާތުގައި ޑީއާރުޕީން ސިއްކަ ޖަހާނޭ ކަމުގައި ޝިފާޒް ވިދާޅުވިއެވެ.
ކެލާގައި މިބޭއްވި ޚާއްސަ ޖަލްސާގައި އެޕްރޮވިންސްގެ ހދ.ފިނޭ އިން ދެގޮފި އުފެއްދުމަށްޓަކައި އެމްޑީޕި އޮފީހާ ހަވާލުކޮށްފައިވެއެވެ. ފަހަކަށް އައިސް ރާއްޖެގެ އެކިކަންކޮޅުތަކުން އެމްޑީޕީގެ ގޮފިތައް އުފެއްދުމުގެ ފޯރި އެކި ޕްރޮވިންސްތަކުގައި ވަނީ ވަރަށް ގަދަވެފައެވެ.
ކެލައަށް އެމްޑީޕީން ދިޔަ 15 މެންބަރުންގެ މައްޗަށް އެކުލެވޭ މިވަފްދު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ އެނބުރި މާލެ އައިސްފައެވެ. މިވަފްދުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 9 މެންބަރުންގެ އިތުރުން އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީވަހީދު އަދި އެމްޑީޕީގެ ކިދުމަތްތެރި އިސް މެންބަރެއް ކަމަށްވާ ތިލަފުށީ ކޯޕަރޭޝަންގެ ޗެއަރމަން މުހައްމަދު ޒާހިރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.