ނޫސް ބަޔާން: އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަށް ޕާޓީގެ ރައީސް މަރުހަބާ ވިދާޅުވުން

މި ޕާޓީގެ ގައުމީ މަޖިލީހުގެ 91 ވަނަ ޖަލްސާގައި ބޮޑު އަޤްލަބިއްޔަތަކުން، ޕާޓީގެ ވަގުތީ ޗެއަރޕާސަން ކަމަށް މި ޕާޓީގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހޮވިވަޑައިގަތުމާ ގުޅިގެން އެކަމާ ނިހާޔަތަށް އުފާކޮށް، އެ މަނިކުފާނަށް މި ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ.ޑީޑީ) މަރުހަބާ ވިދާޅުވެއެވެ.
ވަގުތީ ޗެއަރޕާސަންގެ މަގާމާއި މޫސާ މަނިކު ހަވާލުވެވަޑައިގަތުމާ ގުޅިގެން، މި ޕާޓީގެ އިދާރީ ކަންތައްތައް އިތުރަށް ހަރުދަނާވެ، ޕާޓީއަށް އިތުރު ކާމިޔާބީ އާއި ކުރިއެރުން ލިބިގެންދާނޭ ކަމަށް ވެސް ޕާޓީގެ ރައީސް ޑރ.ޑީޑީ އުއްމީދުކުރައްވައެވެ.
އެމްޑީޕީގެ އެންމެ ޅަފަތުގެ ދުވަސްތަކުން ފެށިގެން މިއަދާ ހަމައަށް ވެސް، ދިވެހި ލޮބުވެތި ރައްޔިތުންނަށް ފުރިހަމަ ޑިމޮކްރަސީއެއް ފައްކާވެފައިވާ، ދިވެހިރާއްޖެއެއް ހޯއްދަވައިދެއްވުމަށާއި، މި ޤައުމުގެ ދުސްތޫރީ ޙަޔާތަށް އެމަނިކުފާނު ކޮށްދެއްވަމުން ގެންދަވާ އަގުނުކުރެވޭ ލާމަސީލު މަސައްކަތްތައް ވެސް އެމްޑީޕީގެ ރައީސް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައެވެ.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން މޫސާމަނިކަށް ހުރިހާ މައިދާނެއްގައިވެސް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށާއި، އަދި އެމްޑީޕީއަށާއި، ޕާޓީގެ ލޮބުވެތި މެންބަރުންނަށް އަދަށްވުރެ މާ ފަހި، މާ އުފާވެރި މާދަމާއަކަށް ޕާޓީގެ ރައީސް ޑރ.ޑީޑީ އެދިވަޑައިގަންނަވައެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ