މެންބަރުންގެ ޚިޔާލު: ކުރީން ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ!

ފުނަމާ

ރާއްޖޭގައި އެތައް މިލިއަން ޑޮލަރެއް ހަފުސް ކޮށްލައިގެން ބޮޑުގަނޑުވަރެއް އަޅައި ، އެގަނޑުވަރުގެ އަޑީގައި ހަރުކޮނެގެން އޮތްބޯވަ އެތަނުން ނެރެ އެއްލާލުމުން ދެންގޮސް ވަދެއޮތީ ވޮށް އަލިނުވާ ގެއަކުތެރޭގައެވެ. އެތާއޮވެގެން އެންމެ ފުރަތަމަ ހަމަލާދީ އެންމެފުރަތަމަ ހައިޖާނު އުފައްދައި ފުނޑުފުނޑު ކޮށްލީ ރާއްޖޭގައި ކުރިއަށް ހިނގަމުން އައި އެއް ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ލީޑަރަށް ރިޝްވަތުދީގެން މުޅިޕާޓީގެ އެންމެހާ މެންބަރުން ބޯވައިގެ ހަރުތެރެއަށް ލުމަށް ކުރިމަސައްކަތް ނާކާމިޔާބުވުމުން ދެންއުޅުނީ އެޕާޓީގެނަން ދުނިޔެއިން ފޮހެލާށެވެ. ނަމަވެސް އެކަމެއް އިރާދަކުރެއްވީތީ ނުވިއެވެ. ޕާޓީގެ ލީޑަރު ސާހިބުގެ ބުމަރެއްހެން އެނބުރެމުން ބޯވައިގެ އަމުރަށް އެދަނީ ބޯވައަށް ނުރައްކާވެދާނެ ކޮންމެ ދިމާލެއް ހައިޖާނުކޮށް ސުންނާފަތި ކުރަމުންނެވެ. މިގޮތުން ބޯވައިގެ އަމިއްލަ ޕާޓީވެސް ހައިޖާނުކޮށް މިހާރުއެއޮތީ އައިސީޔޫޫގައި ހޮޅިގުޅައިގެންނެވެ. ބޯވައިގެ ކަޅުދިޔަގަނޑުން މުޅީން ތަޣައްޔަރުވެ އެބުނާ ވޮށް އަލިވާގެއިންވެސް ބޭރުކޮށްލުމުން މިހާރު އޮޅާލައިގެން އޮތީ އެންދެރި ގަހުގެ ބުޑުގައެވެ. ބޯވައިގެ ހާލުދެރަކަމުން ގޯންޏަކަށް ލައިގެން ނޫނީ ބޭރަށްވެސް ނުކުމެ ނޫޅެވޭކަމުގައި ވީހުން ބުނެއުޅެއެވެ. މިހާލުގައި އޮވެގެންވެސް ހުރިހާ އެއްޗެއްގެ މައްޗަށް ވެރިވާންވެގެން މިހާރު ބޯވަ މަސައްކަތް ކުރަމުން ގެންދަނީ އަހަރެމެންގެ ތެރެއަށް ފައިތައް ވައްދައި ވަކިހިއްޕޭތޯއެވެ. މިކަމުގައި ބޯވައާއި ވާގިވެރިވާން ” އެންމެ ބޮޑަށް އުޅެނީ ކޮންމެސް ” އުޗޭއެއްތޯ ، ބުޗޭއެއް ” ކަމުގައި ބުނެއެވެ. މިގޮތުން އެބުނާ އުޗޭއެއް ބޮޑުޚަރަދު ކޮށްގެން ބޮޑުތާޅަފިލިން އަބަދުމެ ގެންދަނީ އަހަރެމެންނަސް ފުރައްސާރަ ކުރަމުންނެވެ. މުޅި ކަނޑާއި ، ފަޅުތަކާއި ، ފަރުތަށް ފުނިކޮށްގެން އުޗޭ އުޅޭތީވެ ބުނާގޮތުން މިހާރުއޮތީވެސް ބޮޑުޖިޒީއެއް ދައްކާން ޖެހިފައެވެ. މިއުޗޭއަކީ އަހަރެމެންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ހިލޭސާބަހަށް އޭނާގެ ތާޅަފިލިތަކުން އަޑުގޮއްވަން ބޭނުން މީހުންނަށް ދާދި އެހައްދުވަހު ޖާގަދީ އޭނާގެ ފައިސާގަނޑުގެ ދަޅައިގައި އަހަރެމެންގެ ތެރޭގައި ފަސާދަ ކުރާނެ ބަޔަކު ހޯދުމަށް ދުވެއުޅުނު މީހެއް ކަމުގައިވެސް ބުނާތީ އަޑުއިވެއެވެ. އެކަމަކު އަހަރެމެންގެ ތެރޭގައި މިއޮންނަ އުސޫލުތައް ވަރުގަދަކަމުން އުޗޭއާ ބޯވައަށް އަދި މިއުޅެނީ އަހަރެމުންނާއި ކުޅެނުލެވިގެންނެވެ. އެކަމަކު ބައެއް މީހުން ބުނާގޮތުން މިހާރު ކޮންމެވެސް ވަރަކަށް އަހަރެމެންގެ މަތިފަޑީގައި ބޯވައާއި އުޗޭއަށް ވިކިގެން ތިބި އަޅުން އުޅޭކަމުގައި ބުނާތީ އަޑުއިވެއެވެ. އެހެން ކަމުގައި ވާނަމަ މިކަމަކީ އަހަރެމެން ވަރަށް ސަމާލުވެ ވިސްނައިގެން ތިބޭން ޖެހޭނެ ކަމެކެވެ. އެހެން ނޫނީ ބޯވައިގެ ފައިތަކުގެ ބާރުގައި ކުޑައޮޑި ފައްތާލައި ބޮޑުއޮޑީގެ ދިޔަހަލުވާލި ގޮތަށް އަހަރެމެންވެސް ހަލާކުކޮށްލާ ފާނެއެވެ. ބޯވައިގެ ސިހުރު ޖެހިގެން ބޯވައަކީ ކަލާނގެ ކަމުގައި ބުނެ ދައުވާ ކުރާ މީހުންވެސް މިގައުމުގައި އެބައުޅެއެވެ. ބޯވަ ބަލަނީ ކޮންމެހާލެއް ގައިވެސް ދެހާސްތޭރަ އަންނާންދެން ދިރިއޮވެވޭތޯއެވެ. އެހާތަނަށް އޭނާގެ އަޅުން ކަމުގައި ވެގެން އެއުޅޭ ބައިވަރުގަނޑުު މުޅިމިގައުމު ގެ ކަނޑުތަކާ އެއްގަމާއެކު ތަޣައްޔަރުކޮށް ބޯވައިގެ ކަޅުދިޔަގަނޑުން ކުލަޖައްސާ ލެވޭތޯ ކުރެވުނު ކޮންމެ މަސައްކަތެއް ކުރާނެއެވެ. މިކަން ކާމިޔާބު ވެއްޖެނަމަ އަހަރެމެން މިހީކުރާވަރަށްވުރެ މާނުރައްކާތެރި އެތައް ކަމެއް ހިނގައިގެން ދާނެކަން ހަނދާންކޮށް މިކަން ވިޔަނުދިނުމަށް އަޅާންއޮތް ކޮންމެ ފިޔަވަޅެއް މިއަދު މިވަނީ އަޅާން ޖެހިފައެވެ. ބޯވައިގެ ސިހުރުގައި ޖެހިފައި ތިބި މަޖުނޫނުން މިޕާޓީގެ ތެރޭގައި ތިބިނަމަ އަވަހަށް ހޯދައި ނެރެ ބޭރުކުރާން އަވަސްވާން ވެއްޖެއެވެ. އެހެންނޫނީ އަހަރެމެންނަށްވެސް ޖެހޭނީ ކުޑައޮޑިއާ ބޮޑުއޮޑީގެ ފަޅުވެރީންވެސް އެއުޅޭހެން ކަނޑު ފަތާށެވެ. މިއަކީ އަހަރެމެން މިވަރުން މިކުރި މަސައްކަތް މިހިސާބަށް ގެނެސްފައި ދެން ދެކޭން ބޭނުންވާނެ ދުވަހެއް ނޫނެވެ. މިހާރު އަހަރެމެންގެ ބައެއް މީހުންވެސް ހަމަ ކަމެއް ވާއިރަށް ބާރުލާފައި ނުކުމެ މީހުންގެ ތެރޭގައި އަހަރެމެން ބަދުނާމު ކުރަމުން ދުވެވޭތޯ އެބައުޅެއެވެ. ދައްކާނެ ނުދައްކާނެ ވާހަކައެއް ނެތިގެން ރަނބަ ހަލުވަމުންވެސް އެބަގެންދެއެވެ. މިކަމަކީ ބޯވައިގެ އަސަރުގަދަ ކަޅިގަނޑުގެ ދިޔަބޮވިފައި ތިބި ބަޔަކުނޫނީ ނުކުރާނެ ކަމެއްކަން އަހަރެމެންނަށް އެބައެނގެއެވެ. އެހެންކަމުން ވީއެންމެ އަވަހަކަށް އެމީހުން ދުރުކޮށް އަހަރެމެންގެ ސަލާމަތްކަން ޔަޤީންކުރާން އެބަޖެހެއެވެ. މިކަމުގައި އަހަރެމެންގެ ކުޑަކުއްޖެއް ، ބޮޑުމީހެއް ތަފާތުނުވެ މަސައްކަތް ކުރުން އަވަސްވާން ވެއްޖެއެވެ. ނޫނީ ވިއްޔާ ފަހުން ޖެހޭނީ ހިތާމަ ކުރާށެވެ. މިއަކީ މިހެން ދޫކޮށްލައިގެން ތިބޭވަރުގެ ކަމެއް ނޫނެވެ. މަޑުމަޑުން ފެންނާންފެށި މިބަލިގަނޑުގެ އަސަރު މިހާރުމިދަނީ ބޮޑުވަމުންނެވެ. އަވަހަށް ބޯވައިގެ ފައިތަކަށް މިޕާޓީގެ ތެރެއަށް ވެއްދޭފަދަ ގޮތަކަށްހުރި ހުރިހާ ބާގަނޑުތަކެއް ބައްދައި މިޕާޓީ ސަލާމަތް ކުރެވޭތޯ ބަލަމާ ހިނގާށެވެ. ކުރީންނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.