ދިވެހިރައްޔިތުންނަކީ އެމްޑީޕީ ކަމަށާއި އެމްޑީޕީ އަކީ ދިވެހިރައްޔިތުން ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވިދާޅުވެއްޖެ

24 އެޕްރީލް 2010 (ހޮނިހިރު)

ހއ. ވަށަފަރު ފަދަ ރަށެއްގައި އެމްޑީޕީގެ ހުޅުކޮޅު ދިއްލުނީމާ މުޅި ރާއްޖޭގައި އެހުޅުކޮޅުގެ ރީނދޫ އަލިހުންނާނޭ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވަށަފަރު އެމްޑީޕީ ގޮފި ހުޅުވުމުގެ ގޮތުން ހުކުރު ދުވަހު ހަވީރު ވަށަފަރު ސްކޫލުގައި ބޭއްވި ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި މޫސަ ވިދާޅުވީ ވަށަފަރަށް މީގެ އަހަރު ތަކެއް ކުރިން އެމްޑީޕީން ކުރި ދަތުރުގައި އެ ރަށުން އެމްޑީޕީއަށް އެއްވެސް ތާއީދެއް ލިބިފައި ނުވާ ކަމަށާއި އެހެން ނަމަވެސް މިހާރު މަންޒަރު މުޅިން ބަދަލުވެ ވަށަފަރުގެ ގިނަ ބަޔަކު އެމްޑީޕީއާ ގުޅިފައިވާ ކަމުގައެވެ. އަދި އިދިކޮޅު ޑީއާރުޕީ އަކީ ރައްޔިތުންނާ ގުޅުމެއް އުފެއްދޭނެ ބައެއް ނޫންކަން ރަށް ގިރުމުގެ ސަބަބުން ވަށަފަރާއި ވަކިވެފައިވާ އެރަށުގެ ފާލަން ރަމްޒުކޮށްދޭ ކަމުގައި މޫސަ ވިދާޅުވިއެވެ.
މިކަމަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ، ” 30 އަހަރުގެ ދިގު ވެރިކަމެއް ނިމިގެންދިޔަ އިރު ރަށާ ފާލަމާ ގުޅުވާލަން ނޭނގުނު ބަޔަކަށް ރައްޔިތުންނާ ގާތް ގުޅުމެއް ނުއުފެއްދޭނެ.” ކަމުގައެވެ.
ޑީއާރުޕީގެ ލީޑަރޝިޕްގައި އެތައް މަސައްކަތެއް ކުރި މީހުންނަށް ގޮންޖެއްސެވުމަށްފަހު، ކުރީގެ ރައީސް މައުމޫން “ޑީއާރުޕީ އަކީ މައުމޫނޭ، މައުމޫނަކީ ޑީއާރުޕީއޭ” ވިދާޅުވިޔަސް، އެމްޑީޕީ އަކީ ވަކި މީހަކަށް ނިސްބަތްވާ ޕާޓީއެއް ނޫން ކަމަށާއި، އެޕާޓީއަކީ ދިވެހިއެންމެހާ ރައްޔިތުންގެ ޕާޓީ އެއް ކަމަށާއި، އެއްވެސް މީހަކަށް އެމްޑީޕީ އަކީ ތިމަންނާގެ އެކަނި ޕަޓީ އެކޭ ބުނުމުގެ ފުރުޞަތު ނުދޭނޭ ކަމުގައި މޫސަ ވިދާޅުވިއެވެ.
ދިވެހިރައްޔިތުންނަކީ އެމްޑީޕީ އަދި އެމްޑީޕީ އަކީ ދިވެހިރައްޔިތުން ކަމުގައި ވިދާޅުވަމުން ” އެމްޑީޕީ އަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން. އެއްވެސް މީހެއްގެ ނިތްކުރީގަ އެމްޑީޕީގެ ސިއްކަ ޖެހިޔަކަ ނުދޭނޭ ” ކަމުގައި މޫސަ ވިދާޅުވިއެވެ. އަދި ވަކި ފަރާތަކަށް ދާއިމީ ގޮތެއްގައި ޒައީމްކަން ދިގެން ދިވެހިރައްޔިތުންގެ ނަން ލައިގެން ޕާޓީ އެއް ހިންގަމުން ދާތީ ޑީއާރުޕީ އަށް މޫސަ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ވަށަފަރު އެމްޑީޕީ ގޮފި އިފްތިތާހް ކުރުމުގެ ގޮތުން މިބޭއްވި ޖަލްސާގައި، ގޮފި އިފްތިތާހް ކޮށްދެއްވައި އެގޮފީގެ ހިންގާ ކޮމިޓީގެ މަގާމްތަކަށް ހޮވުނު ބޭފުޅުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކެވެ.
ހއ. ދިއްދޫގެ ގިނަ އަދަދެއްގެ ޒުވާނުން ވެސް ބައިވެރިވި މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު އަސްލަމް އާއި އަހުމަދު އަބްދުﷲގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، އަދި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރުވެސް ވާހަކަފުޅު ދެއްކެވިއެވެ.