އެމްޑީޕީގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް އެޕާޓީގެ ވަގުތީ ޗެއަރޕާސަން ނިންމަވައިފި

އިބްރާހީމް ރާމިޒް

moosa-staff-meeting-450-x-284

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިދާރީ ހިންގުމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ޕާރޓީގެރައީސް ގެ މަޝްވަރާ އާއި އެކީ އެޕާޓީގެ ވަގުތީ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ނިންމަވައިފިއެވެ.
މިއަދު ހެނދުނު އެޕާޓީގެ އިދާރީ މުވައްޒަފުންނާއެކު ވަގުތީ ޗެއަރޕާސަން ބޭއްވި ބައްދަލުވުމުގައި، ޕާޓީގެ އިދާރީ ހިންގުން 3 ޑިޕާޓްމަންޓަކަށް ބަދަލުކުރުމަށް މޫސަ ވަނީ ނިންމަވާފައެވެ. އެ ގޮތުން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރާނޭ ވަކި ޑިޕާޓްމަންޓަކާއި، ޕާލަމެންޓްރީ ގްރޫޕާ ގުޅިގެން މަސައްކަތްކުރާނޭ ވަކި ޑިޕާޓްމަންޓަކާއި، އާންމު މެންބަރުންނާ ގުޅިގެން މަސައްކަތްކުރާނޭ ވަކި ޑިޕާޓްމަންޓެއް އުފެއްދެވުމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން މިއަދު ނިންމެވިއެވެ.
މި ބައްދަލުވުމުގައި އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ އެމްޑީޕީގެ ދާއިރާތަކާއި ގޮފިތަކާއި ޕާޓީގެ ސެކްރެޓޭރިއަޓްއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ މުހިންމުކަން ވަގުތީ ޗެއަރޕާސަން ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި އަތޮޅުތަކާއި ޕާޓީގެ މައި ސެކްރެޓޭރިއަޓާއި ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެޕާޓީގެ އިދާރީ ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރައްވަންޖެހޭ ފަރާތަކީ އެޕާޓީގެ ޗެއަރޕާސަނެވެ. އަދި ޤައުމީ މަޖިލީހާއި، ޤައުމީ ހިންގާ ކޮމިޓީގެ މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތައް ތަންފީޒްކުރުމާއި، އުމީ މަޖިލީހާއި، ޤައުމީ ހިންގާ ކޮމިޓީގެ ލަފަޔާއެކު ސަރުކާރާއި، ސިޔާސީ ޕާޓީތަކާއި، އެހެނިހެން ފަރާތްތަކާއެކު މުޢާމަލާތްކުރުމުގެ ޒިންމާ އުފުއްލަވަން ޖެހޭ ފަރާތަކީ ވެސް ޗެއަރޕާސަން އެވެ.