ޒެމްބިޔާގެ ކުރީގެ ރައީސް އަވަހާރަވުމާގުޅިގެން، އެ ގައުމުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

president-nasheed1

ޒެމްބިޔާގެ ކުރީގެ ރައީސް ފްރެޑްރިކް ޗިލޫބާ އަވަހާރުވަމާ ގުޅިގެން، އެ ގައުމުގެ ރައީސް ރުޕިޔަ ބަންޑާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޒެމްބިޔާގެ ރައީސް ރުޕިޔަ ބަންޑާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، އެޤައުމުގެ ކުރީގެ ރައީސް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރައީސް ފްރެޑްރިކް ޗިލޫބާއަކީ، ޒެމްބިޔާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، އަދި ޚާއްޞަގޮތެއްގައި ޒެމްބިޔާއަށް ޑިމޮކްރަސީ ގެންނެވި، ޑިމޮކްރަސީގެ އުޞޫލުތައް އެޤައުމުގައި އަށަގެންނެވި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒެމްބިޔާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި،ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޒެމްބިޔާގެ ރައީސް ރުޕިއަ ބަންޑާއަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި ރައީސް ޗިލޫބާގެ އާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ޒެމްބިޔާގެ ކުރީގެ ރައީސް ފްރެޑްރިކް ޗިލޫބާ އަވަހާރަވީ، ހިތުގެ އާލާސްކަންފުޅެއްގައި އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 68 އަހަރެވެ. ފްރެޑްރިކް ޗިލޫބާއަކީ، ޒެމްބިޔާގައި ޑިމޮކްރެޑިކް ހަމަތަކުގެ މަތިން އިންތިޚާބު ކުރެވުނު ފުރަތަމަ ރައީސެވެ.