މެންބަރުންގެ ޚިޔާލު: ޑިކްޓޭޓަރޝިޕްގެ އަސަރުތައް ފިލައި ދިޔުމަށް އެތައް އަހަރެއް ނަގައިފާނެތޯއެވެ؟

މުހައްމަދު މަމްދޫޙް ވަހީދު، މ. ބާންސާގެ

ޑިކްޓޭޓަރޝިޕަކީ ނުވަތަ ޚުދް މުޚްތާރު ވެރިކަމަކީ މިއަދުގެ ދުނިޔެއާއި އަދި ދިވެހީންވެސް ފާޅުގައި ބަލައި ނުގަންނަ ކަމެއްކަން މިއަދު މިދަނީ ހަރުއަޑުން ފާޅު ކުރަމުންނެވެ. އަދި އެންމެ ޙައިރާން ވާން ޖެހޭ ކަމަކީ، ދިވެހިރާއްޖޭގައި މި ދެންނެވި ފަދަ ޚުދްމުޚްތާރު ވެރިކަމެއް ކޮށްފައިވާ ފަރާތެއް، އަލުން އަނބުރާ ވެރިކަމަށް އައުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާކަމެވެ. މިއީ ރައްޔަތުންނާއި ދުނިޔޭގެ ކުރިމަތީގައި ކިލަނބުވެ، ވެއްޔާއި މޮޑެވިފައިވާ އަބުރުގައި ގިރިޓީ ޖެއްސުމަށްޓަކައި ކުރެވޭ ޚަރަދު ބޮޑު މަސައްކަތެއްގެ ގޮތުގައި ފެނެއެވެ.
ތެދެއް މެއެވެ. 30 އަހަރުގެ ވާހަކައާއި އެ ވެރިކަމުގެ އަނިޔާވެރިކަމުގެ ވެހާކަ އަދި އެ ވެރި ކަމުން ދިވެހި ޘަޤާފަތަށާއި ދިވެހީންގެ ދިރިއުޅުމަށް ކުރި އަސަރުގެ ވާހަކަ ތަކަކީ އަދިވެސް ގިނަ ދުވަސްތަކެއް ވަންދެން އަޑު އިވޭނެ އަދި އެވާހަކަތަކެއް ދައްކާނެ ވާހާކަތަކެއް ކަމުގައި ފެނެއެވެ. އެހެނިހެން އިންސާނީ މުޖްތަމަޢުތަކުގައިވެސް، އެހެނިހެން ޤައުމުތަކުގައިވެސް، ކަންވެފައި ހުރީ މިހެންނެވެ. ރަޝިޔާގައި ސްޓާލިންގެ ވެރިކަމުގެ އަނިޔާވެރި ކަމާއި ރައްޔިތުންގެ ސިކުނޑިތަކަށް ވެގެން ދިޔަ ގޮތުގެ ވާހަކަ ނުދައްކާތޯއެވެ؟ އިރުމަތީ ޔޫރަޕުގެ ޤައުމުތަކުގެ ކިތައް ލިޔުންތެރިންނާއި ފަންނާނުން ޤައުމު ދޫކޮށް ހުޅަނގު ޔޫރަޕުގެ އެހެނިހެން ޤައުމުތަކުގައާއި އެމެރިކާގައި ވަޒަންވެރިވި ތޯއެވެ؟ ޑިކްޓޭޓަރުންނަކީ އެއްގޮތެއް ނޫނީ އަނެއްގޮތަކުން، ރައްޔިތުންގެ ފިކުރާއި ވިސްނުމުގައި އޮބިއަޅައިގެން ނޫނީ އެމީހުންގެ ވެރިކަން ދެމި ނޯންނާނޭ ބައެކެވެ. އިރުމަތީ ޔޫރަޕުގައި 20 ވަނަ ޤަރްނުގެ ކުރީކޮޅާއި މެދު ތެރޭގައި އުފެދުނު ޚުދްމުޚްތާރު އަދި ކޮމިއުނިސްޓް ޑިކްޓޭޓަރޝިޕްތަކުގެ ތާރީޚަށް ބަލާލުމުން ވަރަށް ސާފުކޮށް މިކަން އެނގޭން އެބަ އޮތެވެ. އެތައް ހާސް އަހަރެއްގެ ތަޙްޒީބް ފަހަތަށްޖެހި ރައްޔެތުން ބިކަ ހާލުގައި ޖެހުނީއެވެ. 20 ވަނަ ޤަރްނުގެ މެދެއްހާ ތާނގައި ޑިކްޓޭޓަރޝިޕްތައް މެދުއިރުމަތީގައި އުފެދުނެވެ. އަދި ޖަމާލު އަބްދުއް ނާސިރުން ފެށިގެން އިހަކަށް ދުވަހު ރައްޔިތުން ނުކުމެ ދުރުކުރި ހުސްނީ މުބާރަކް އަކީވެސް އެއް ޕާޓީއެއްގެ، ޚުދްމުޚްތާރު ވެރިކަމެއް ކުރެއްވި ފަރާތެކެވެ. މިސްރުގެ އިތުރުން، ޑިކްޓޭޓަރޝިޕްތައް ވެއްޓެމުންދާ މަންޒަރުތައް އަޅުގަނޑުމެންނަށް މިހާރު ވަރަށް އާންމުކޮށް ފެނެއެވެ.
ދިވެހިރާއްޖެއަށް ނަޒަރު ހިންގާލާއިރުގައި، ސިޔާސީ ޕާޓީ ހެދުމުގެ ހުއްދައެއްވެސް ފުރަތަމަ މި ލިބުނީ 2005 ގައެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެންމެ ފުރަތަމަ ރާއްޖެއިން ބޭރުން އިޢްލާން ކުރެވި އަދި ފުރަތަމަ އިންތިޚާބު އިންޓަރނެޓުގައި ބާއްވަން ޖެހުނީ މި ސަބަބަށްޓަކާ އެކަންޏެއް ނޫން ކަމުގައި ވެދާނެއެވެ. އޭގެ އިތުރުން، 2005ގައި، އޭރުގެ ވެރި މީހާ ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނަތާ 27 އަހަރު ވެފައިވާ ކަމާއި، އެ މުއްދަތުގައި ގިނަ ދުވަހު ހުންނެވީ ދައުލަތުގެ ގިނަ ބާރުތަކެއް ހިފައިގެން ކަންވެސް މިވާހަކަ ދައްކާއިރު އަޅުގަނޑުމެން ހަނދާން ކުރަން ޖެހެއެވެ. އޭގެ ތެރޭގައި، ސިފައިންގެ ޖަލުތަކުގެ ބާރާއި، މާލީ ވުޒާރާގެ ބާރުވެސް ހިމެނެއެވެ. އަދި މި ނޫންވެސް، މިއަދު ދިވެހި ރައްޖޭގައި ހުރި އެތައް މުއައްޞަޞާ ތަކަކާއި އަދިޤާނޫނު އަސާސީން ލިބިދޭ އެތައް އެތައް ޙައްޤެއް މީގެ 10 އަހަރު ކުރީގައިވެސް ދިވެހީންނަށް ލިބިފައެއް ނުވެއެވެ. އަދި ވަކީން ޚާއްޞަކޮށް، ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ، ކުރީގެ ސަރުކާރުގައި ހަމައެކަނި މަޖުބޫރުން ރައްޔިތުންނަށް ދިން ޙައްޤެކެވެ. އެއީވެސް، ރައްޔިތުންނާއި ބައިނަލްއަޤްވާމީ މުޖްތަމަޢު އެކަމަށް ކުރު ނުކޮށްގެން ދެވުނު ޙައްޤުތަކެއްކަން ވަރަށް ރަނގަޅަށް ފެންނާން އެބައޮތެވެ. މީގެ އިތުރުން،ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ މިއަދު މިއޮތް ސަރުކާރުން އެހެން ހުރިހައި ޙައްޤަކަށްވުރެ،ޚިޔާލު ފާޅު ކުރުމުގެ ޙައްޤު ރައްޔެތުންނަށް ފޯރުކޮށްދީފައިވާލެއް ފުޅާވެފައި ފުރިހަމަ ޙައްޤެކެވެ.
*
ޚުދްމުޚްތާރު ވެރިކަންތައް ހިންގާފައިވާޤައުމުތަކަށް ބަލާއިރު، މިފަދަ ވެރިކަންތައް ބަދަލުވުމަށްފަހު، ވަކި ހަމައަކުން، ވަކި ތަރުތީބަކުން، ކަންކަން ނުކުރެވިއްޖެނަމަ، މުޖްތަމަޢުއާއިޤައުމު ސިޔާސީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓި، ދާޚިލީ ކޯޅުންތަކާއި އަދި ހަނގުރާމަތައް އުފެދި އެތައް އަހަރަކަށް ދެމިގެން ގޮސްފައިވެއެވެ. 1990ގެ އަހަރުތަކުގެ ތެރޭގައި އެފްރިކާގެ ބައެއްޤައުމުތަކުގައި ހިނގި ހަނގުރާމަތަކާއި އަދި އުތުރު ޔޫރަޕުގެޤައުމުތަކުގެ ކޮމިއުނިސްޓް ޚުދްމުޚްތާރު ވެރިކަންތައް ނިމިގެން ދިޔައިރުގައި އެސަރަޙައްދުގައި ހިނގާ ދިޔަ އަދި މިހާރުވެސް ހިނގަމުންދާ ހާދިޘާތަކަކީ ރަނގަޅު މިސާލުތަކެކެވެ.
ދިވެހިރާއްޖޭގައި ‘ދިވެހީންގެ’ ވެރިކަމެއް ކުރެވޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންނަމަވެސް، ސީދާ އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށަށް، ނުވަތަ އިނގިރޭސީންގެ ކޮލޮނީއަކަށް ރާއްޖެ ވެފައި ނުވުމާއެކު، ވެރިކަން ހިންގުމުގެ ކަންކަން ދާދި ފަހަކާ ޖެހެންދެން ބައްޓަންވެގެން އައިސް މިވަނީ ދިވެހީންގެ ތެރޭގައި އެކަމަށް އުފެދިފައި އޮތް ތަރުތީބަކުންނެވެ. (އެހެންނަމަވެސް، މިތަރުތީބަކީވެސް ދުނިޔޭގައި ޖެހޭ ވަޔާއި އޮއިގެ ނުފޫޒުން އެއްކިބާވެފައިވާ ތަރުތީބެއް ނޫނެވެ. 20 ވަނަ އަހަރުގެ ކުރީކޮޅު، ދިވެހިރާއްޖޭގެ ރަސްކަމުގައި ހުރި ބޭފުޅަކު ހިތްޕުޅު ހަމަނުޖެހޭ ފަރާތްތަކާއި ދޭތެރޭ ކަންކަން ކުރައްވާލެއް އަނިޔާވެރިކަމުން، އިނގިރޭސީންގެ ކޮލޮނީއެއްގެ ގޮތުގައި އެއިރުގެ ސިލޯނުގައި ހުންނެވި އިނގިރޭސީންގެ ވެރިޔާ ރާއްޖެއަށް ޒިޔާރަތް ކުރައްވާ ރަސްގެފާނަށް ނަސޭހަތްތެރިވެލެއްވި ކަމަށް ތާރީޚީ ލިޔުންތަކުން ފެންނަން އެބަހުއްޓެވެ.) މިނޫން ގޮތަކަށް މިކަމާ ދޭތެރޭ ވިސްނުމަކީ އެކަމުން އެހާ ފައިދާ ކުރާނެ ކަމެއް ކަމަކަށް ނުފެނެއެވެ. ސަބަބަކީ، ކޮންމެޤައުމެއްވެސް، ކޮންމެ އިންސާނީ މުޖްތަމަޢުއެއްވެސް، ތަޙްޒީބުވެފައި ވަނީ އެބައެއްގެ ތެރޭގައި ހަމަހަމަ ކަމާއި އަދި އިންސާފުގެ އިތުރުން، ހަރުދަނާ އުޞޫލުތަކަކާއި ގޮތްތަކެއް އަށަގަންނަވައިގެން ކަމުގައި ފެންނާތީއެވެ.
ކޮލޮނައިޒް ކުރި ނުވަތަ އިސްތިޢޫމާރީ ވެރިކަންތައް ހިންގުނު ގިނަ ޤައުމުތަކުން އިނގިރޭސީންނާއި އެހެނިހެން އިސްތިޢުމާރީ ބާރުތަކުން ފައިބައިގެން ދިޔައިރުގައި، އެ ޤައުމުތަކުގެ ގިނަ ވިސްނުންތަކެއް އެމީހުން ދިޔައީ ކުރީން އަޅުވެތި ކުރުވި މުޖްތަމަޢުތަކަށް ދޫކޮށްފައެވެ. އެހެންނަމަވެސް، މި ގޮތްތައް އެޤައުމުތަކުން ބަލައިގެންފައިވާ ކަމީ، އެ މުޖްތަމަޢުތަކުން، އެކަންކަމަކީ، ނުވަތަ ކުރީން އަޅުވެތި ކުރި ފަރާތްތަކުން ދޫކޮށްފައި ދިޔަ ކަންތައްތަކަކީ ފައިދާ ހުރި އަދި ބުއްދީގެ ހަމަތަކުން ބަލައިގަނެވޭ ކަންކަން ކަމުގައި ޤަބޫލުކުރީ ކަމަށް ބެލެވިދާނެއެވެ. މިކަންކަމުގެ ތެރޭގައި ޑިމޮކްރެސީއަށް މަގުފަހިވާނެ ގިނަ ކަންތައްތައްވެސް ހިމެނެއެވެ. ދިވެހިރާއްޖެއާއި އެންމެ ކައިރީގައި މިއޮތް އިންޑިއާއަށާއި ސްރީލަންކާއަށް، އިނގިރޭސިން އެޤައުމުތަކުގައި ތިބި ޒަމާނުގައި ރައްޔެތުންގެ މަޖިލީހާއި ކޯޓުތަކާއި، ނޫސްތައް އަދި މިނޫންވެސް، ޒަމާނީ ޑިމޮކްރެޓިކް މުޖްތަމަޢުއަކަށް ބޭނުންވާނޭ ޤާނޫނުތަކާއި އަދި ބައެއް މުއައްޞަޞާތައްވެސް ވަނީ އުފައްދާފައެވެ. (ނުނިމޭ)