ޓެކްސްގެ ނިޒާމަށް ބަދަލުއައުމުން ސަރުކާރުން ހިންގާ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް އިތުރަށް ތަނަވަސްވެގެންދާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

112

ޓެކްސްގެ ނިޒާމަށް ބަދަލު އައުމުން، ސަރުކާރުން މިހާރު ރައްޔިތުންނަށްޓަކައި ހިންގަވަމުން ގެންދަވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް އިތުރަށް ތަނަވަސްވެ، ރައްޔިތުންނަށް ސަރުކާރުން އަނބުރާ ލިއްބައިދެވޭ މިންވަރު އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ޓެކްސްގެ ނިޒާމަށް ބަދަލުގެންނެވުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފްތާގައި 4 ބިލެއް ހުށަހަޅުއްވާފައިވުމާއެކު، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ 4 ބިލަކީ، މުދަލާއި ޚިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި، ފަރުދުންގެ އާމްދަނީއިން ޓެކްސް ނެގުމުގެ ބިލާއި، ޓެކްސް ނެގުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ބިލުތަކަކީ ދައުލަތުގެ އާމްދަނީ އިތުރުކުރައްވައި، ދައުލަތަށް އާމްދަނީ ލިބޭނެ ދެމެހެއްޓެނިވި ގޮތްތަކެއް ހޯއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި ހިމެނިގެން ހުށަހެޅުއްވި މުހިންމު ޤާނޫނީ އިޞްލާޙުތަކެކެވެ. މިބިލްތައް ޤާނޫނަށްވުމުން، ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެއެވެ. ބޭނުންތެރި އެތަކެއް މުދަލަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް މަގުފަހިވެގެންދާނެއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގައި މި ބިލްތަކާމެދު ބަޙުޘް ކުރައްވައި، އަވަސް މުއްދަތެއްގެ ތެރޭގައި ފާސްކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުގެ އަމާޒަކީ، ފަޤީރު ގޭބިސީތަކާއި މުއްސަނދި ގޭބިސީތަކުގެ ފަރަޤު، ވެވުނުހާ މިންވަރަކުން ކުޑަކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިހާރުގެ ހިސާބުތަކަށް ބައްލަވާއިރު، އާބާދީގެ ސައްތައަކުން ދިހަމީހަކު ދުވާލަކު ބާރަ ރުފިޔާ ޚަރަދުކުރާއިރު، އާބާދީގެ މުއްސަނދި ފަންތީގެ ސައްތައަކުން ދިހަ މީހަކު ދުވާލަކަށް ދުއިސައްތަ ތިރީހަކަށް ރުފިޔާ ޚަރަދުކުރާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ފޯރުންތެރި، މުއްސަނދި ފަރާތްތަކާއި، އެންމެ އާދައިގެ ރައްޔިތުމީހާއާ ދެމެދުހުރި ފަރަޤުތައް ކުޑަކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި، ދައުލަތަށް ލިބޭ އާމްދަނީ ރައްޔިތުންނަށް ބެހެވިގެންދާ މިންވަރު، ވީހާ ބޮޑަކަށް ހަމަހަމަކުރެއްވުމާއި، މެދުޖެއްސުމުގެ މަސައްކަތުގައި ދެމިތިއްބެވުން އެއީ، ސަރުކާރުގެ އަމާޒެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ހާމަކުރެއްވިއެވެ.