ރައީސުލްޖުމްހޫރިއްޔާ ރ.ވާދޫ އަދި އަނގޮޅިތީމު ކައުންސިލާ ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

ރައީސުލްޖުމްހޫރިއްޔާ ކ.މާފުއްޓަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް އެރަށުން މަރުހަބާ ދަންނަވަނީ .. އެމްޑީޕީ ފައިލް ފޮޓޯ
ރައީސުލްޖުމްހޫރިއްޔާ ކ.މާފުއްޓަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް އެރަށުން މަރުހަބާ ދަންނަވަނީ .. އެމްޑީޕީ ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، އެއަތޮޅު ވާދުއަށާއި އަނގޮޅިތީމަށް ވަޑައިގެން، އެ ދެރަށުގެ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވާދޫ ރަށު ކައުންސިލާ ބައްދަލުކުރައްވައި، ލާމަރުކަޒީ އުޞޫލުން، ކައުންސިލްތަކާ ހަވާލުކުރައްވައިގެން ސަރުކާރުން ހިންގަވަމުން ގެންދަވާ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ވާދޫގައި ހަރުދަނާކަމާއެކު ކުރިއަށް ގެންދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި، ރަށުގެ ތަޢުލީމީ ފެންވަރު ރަނގަޅުކަން ފާހަގަކުރައްވައި، ސްކޫލްގެ ހިންގުމާއި، ތަޢުލީމީ ފެންވަރު އިތުރަށް ރަނގަޅު ކުރެއްވުމަށް، ވާދޫ ރައްޔިތުންނާއި، ސްކޫލާ ގުޅިވަޑައިގެން ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ވާދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަން ކަނޑައަޅުއްވާފައިވާ ޕްރޮގްރާމްތަކާއި އަދި ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން ރަށު ކައުންސިލާއެކު މަޝްވަރާ ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ސްކޫލަށާއި، ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެރަށުގައި ދަނޑުވެރިކަން ކުރާ ސަރަޙައްދާއި، ވާދޫ ކުނިކޮށި ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަނގޮޅިތީމަށް ވަޑައިގެންނެވީ އިއްޔެ ވަރަށް ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނު އަނގޮޅިތީމު ރަށު ކައުންސިލާއެކު މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ޕަބްލިކް ހެލްތުގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގެވުމާއި، ކައުންސިލުން ރަށުގެ ރައްޔިތުންނާއި ސްކޫލާ ގުޅިގެން އަނގޮޅިތީމު ސްކޫލްގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރެއްވުމާ ބެހޭގޮތުންނެވެ. އަދި ރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ އަނގޮޅިތީމު ރަށު ކައުންސިލާ މަޝްވަރާ ކުރެއްވިއެވެ.

އަނގޮޅިތީމު ސްކޫލުން އިންތިޒާމްކުރި އުކާލެވޭ ތަކެތިން އުފެއްދޭ ތަފާތު ތަކެތި ދައްކާލުމުގެ މަޢުރަޟް ރައީސުލްޖުމްހޫރިއްޔާ ރޭ ހުޅުއްވައިދެއްވިއެވެ. އަދި، އެ ސްކޫލްގެ ރިހިޔޫބީލްގެ ހަނދާނީ ބިނާ އެމަނިކުފާނު ރޭ އިފްތިތާޙް ކޮށްދެއްވިއެވެ. އަދި އަނގޮޅިތީމު ޞިއްޙީ މަރުކަޒަށްވެސް އެމަނިކުފާނު ރޭ ޒިޔާރަތް ކުރެއްވިއެވެ.