މެންބަރުންގެ ޚިޔާލު: އެސޮރު ހައްޔަރުކުރުމުން ނިމުނީތަ؟

ފުނަމާ

އެސޮރުގެ ވެރިކަން ނިމުނު ދުވަހުއްސުރެ އޭނާ ހައްޔަރުކޮށް އޭނާގެ ވެރިކަމުގައި ހިންގާފައިވާ ކަމުގައި ތުހުމަތު ކުރެވޭ ބޮޑެތި ޖަރީމާތަކާ ގުޅޭ ތަހުގީގުތައް ކުރުމަށް ގިނަބަޔަކުދަނީ ގޮވާލަމުންނެވެ. ނަމަވެސް މި ހިތްތިރި ސަރުކާރުން މިހާތަނަށްވެސް ގެންދަވަނީ އެކަން ފަސް ކުރައްވަމުންނެވެ. ސަބަބެއް ކަމުގައި ވިދާޅުވަނީ ރާއްޖޭގެ ތާރީޚުގައި ވެރިކަންކުރި ގިނަވެރީން ވެރިކަމުން ދުރުވުމާއެކު ދެންއަންނަ ވެރިކަމަކުން ކުރީގެ ވެރީންނާއި މެދު ކަންކޮށްފައިވާ ގޮތަށް ބައްލަވައި އެތާރީޚު އަނބުރައި އިއާދަ ކުރައްވަން ބޭނުން ނުވާތީކަމުގައެވެ. ރައީސްގެ މިބަސްފުޅަކީ ވަރަށްގިނަ ބަޔަކު ހެޔޮހިތުން ނޫންނަމަވެސް ގަބޫލުކުރަށްވާ ބަސްފުޅެކެވެ. ސަބަބަކީ ގައުމުގެ ހަމަޖެހުމަށް ޓަކައި އެއެޅުއްވި ފިޔަވަޅަކީ އެންމެ ރަނގަޅު ފިޔަވަޅެއް ކަމުގައި ގަބޫލުކުރުމެވެ. އެހެނަސް އެސޮރުގެ ވެރިކަމުގައި ބޮޑެތި އަނިޔާތަށްލިބި އިންތިހާއީ ކެކުޅުންތައް ތަހަންމަލުކުޅަ ގިނަބަޔަކު މިތިބީކީ އެސޮރަށް މާފުކޮށްގެންނެއް ނޫނެވެ. ރައީސްގެ އެއެދިވަޑައި ގަތުމަށް ބޯލަނބައިގެންނެވެ. ކަންމިހެން އޮތްއިރު އެންމެފަހުން އެސޮރާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ އެސޮރު ހައްޔަރު ކުރާނަމަ ހައްޔަރު ކުރާންވާނީ ރާއްޖޭގެ ޝަރުއީ ހަމަތަކުގެ މަތީން އެކަށީގެންވާ ހެކިތައް ލިބިގެން ކަމުގައެވެ. އަދި އެފަދަ ކަމެއް ކުރެއްވޭނީ އެންމެ އަވަހަށްވެސް ދެހާސްތޭރައިގެ ފަހުން ކަމަށް މޭރުންވާ ގޮތަކަށް އެމަނިކުފާނުން ވާހަކަފުޅު ދައްކަވާފައިވެއެވެ. ފަހަރެއްގައި މިހާރުވެސް ރައީސް އެވިސްނައި ވަޑައިގަންނަވަނީ އެސޮރަކީ އުމުރުން ދުވަސްވެފައިވާ މީހަކަށް ވުމާއެކު އެހާތަނަށް މިކަން ފަސްކޮށް ލެއްވުމުން ދެން ދިވެހީން މިއަދު މިކުރާ ޝަކުވާތައް ހުއްޓާލައި އެސޮރަށް މާފުކޮށްފާނެ ކަމުގައި ކަމަށް ފެނެއެވެ. ރައީސް ގެންދަވަނީ އެސޮރަށް އެންމެ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަމާ ، އިނާޔަތްތައް ދެއްވަމުންނެވެ. ގައުމީ މުހިންމު ކަންކަމުގައިވެސް އެސޮރު ބައިވެރި ކުރެއްވުމަކީ ރައީސް ނުހަނު ބޮޑަށް ބޭނުންވެ ވަޑައިގަންނަވާ ކަމެކެވެ. ނަމަވެސް މިއަދުވެސް އެސޮރުގެ ހިތުގައި ރައީސް އާއި މެދު އޮތް ހަސަދަ ވެރިކަމަކީ ބަދަލެއް އައިސްފައިނުވާ ކަމެކެވެ. ވެރިކަން ކުރި ގިނަ ބަޔަކަށް ދިމާވި ކަންކަން އެސޮރަށްވެސް ދިމާވެދާނެ ކަމުގެ ބިރުގައި ، ޚާއްސަކޮށް ތިމާކޮށްފައިވާ ކަންކަން ތިމާއަށް އެނގޭތީވެ އެންމެ ފުރަތަމަ އެސޮރު މަޑުމަޑުން ހުރިތަން ފެނިފައިވެއެވެ. ވެރިކަން ހަމަ ނިމުމާއިއެކު އަވަސް އަވަހަށް ގާއިމް މަގާމްއެއްގެ ގޮތުގައި ވެރިކަމަށް ނެރުނު ކުޑަ މިނާ އާއި ޕާޓީ ހަވާލު ކޮއްލިއެވެ. އަދި އެސޮރުގެ ޒައާމަތުގައި މައި އިދިކޮޅު ޕާޓީ ދަރައިއޮތް ދަރަނިތަކާ ކުޑަމިނާ ޖާމިނު ކުރުވިއެވެ. ބައެއް މީހުން ބުނާގޮތުން މިކަމަކީވެސް އެސޮރު ހެޔޮހިތަކުން ކުރި ކަމެއްނޫނެވެ. ސަބަބަކީ އެސޮރު ވެރިކަމަށް ގެނައުމަށް ކުޑަމިނާ ކުރެއްވި ބޮޑު ޚަރަދު ތަކަކީ އެސޮރު ކޮންމެ އެއްޗެއް ބުނިކަމުގައި ވިޔަސް ދިވެހީންނަށް އޮޅުވާލެވޭނެ އެއްޗެއް ނޫނެވެ. އެއަކީ މިއަދަކު އެކަނި މީހުން ދައްކާ ވާހަކައެއް ނޫނެވެ. ވެރިކަން ލިބުމުން އަނބުރާ ދައްކާ ގޮތަށް އެކިމީހުން އަތުންނާއި ބޭންކުން ކުޑަމިނާގެ ނަމުގައި ނަގައިފައިވާ ލޯނުތަކުގެ ގާނޫނީ ޒިންމާ މިއަދު ކުޑަމިނާ އުފުއްލަން ޖެހިވަޑައި ގަތަސް އެފައިސާ ޚަރަދު ކުރެވުނީ ކާކު ކީއްކުރަންކަން ގިނަބަޔަކަށް އެނގެއެވެ. ކޮންމެއަކަސް އެސޮރަށް ރައީސް އެސޮރު ހައްޔަރު ނުކުރައްވާނެ ކަމުގެ ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް ލިބުނު ހިސާބުން އަނެއްކާވެސް ފާޅުގައި ސިޔާސީ މައިދާނަށް ނުކުމެ ތިމަންނާއަކީ މުސްކުޅިއެއް ނޫނޭ ބުނެ އެދަނީ ސިޔާސީ މައިދާނުގައި ކުޅިޖަހައި ކުޅިހަމަ ކުރެވޭތޯ ބަލަމުންނެވެ. އެޕާޓީގެ ގާނޫނީ ބެލެނިވެރިއަކީ ތިމަންނާއޭ ބުނެ ވެރިކަމުގައި ހުރިއިރުވެސް ހުކުމް ހިންގި ގޮތަށް ކަންކަން ކުރެވޭތޯ ބަލަމުންނެވެ. އޭނާއާއި އޭނާއަށް ސަނާކިޔާ މީހުންފިޔަވައި ދެން މިރާއްޖޭގައި މިތިބަ އެންމެންނަކީ މޮޔައިން ކަމުގައި ބުނެ މަލާމާތް ކުރަމުންނެވެ. ތިމަންނާ މިއުޅެނީ ޕާޓީ ތެރޭގައި ބައިބައިވުން އުފައްދާކަށް ނޫނޭ ބުނާއިރު ޒެޑުފެކްޝަން ހަދައި ޕާޓީ ބައިބައި ކޮށްލީ ސީދާ އެސޮރުކަން އެންމެންވެސް ދަނެއެވެ. ތިމަންނާ މިއުޅެނީ ލީޑަރުކަން ވަކިމީހަކަށް ދޭކަށް ނޫނޭ ބުނެ އަނގަ ފުޅާ ކުރާއިރު އެކަންވެސް ކުރީ އޭނާކަން އަމިއްލައަށް ބުނެ ފާޅުކުރުމުގެ ގޮތުން ތަބަކަކަށް ލާފައި ދިނީމައި ވީގޮތް މިއޮތީ ފެންނާށޭ ބުނެފިއެވެ. މިކަންކަމުން އެސޮރުގެ ދެފުށްދެގޮތް ކަން އިތުރަށް މިދަނީ ޔަގީންވަމުންނެވެ. ރާއްޖޭގެ ސިޔާސީވެށި ހަލާކުކޮށް މަލްޓިޕާޓީ ސިސްޓަމް ފުނޑާލުމަށް ގަސްދުގައި އެސޮރު ނުކުތުމުން އެސޮރާ މެދުގައި ކުރީންވެސް ހިތްބަރު ކޮށްގެންތިބި މީހުންގެ ރުޅި މިއަދުމިދަނީ އިންތިހާއަށް އަރަމުންނެވެ. އަދި އެސޮރު ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް އެސޮރަށް ތާއީދުކުރާ މީހުން ބުނަނީ މިހާދުވަހު އެސޮރުގެ މައްޗަށް ކުށެއް ސާބިތުކުރެވިފައި ނުވަނީ އެސޮރަކީ މައުސޫމު އަޅެއް ކަމުގައި ވާތީކަމަށާ އޭނާއަކީ ކުށެއް ކުރުން އޭނާގެ ތަބީއަތުގައިވެސް ނުލައްވާފަދަ ގޮތަކަށް ހައްދަވާފައިވާ އަޅެއް ކަމުގައެވެ. އަދި ދިވެހީންގެ ރޯދި ބަރަކާތާއި އުފެދުމާ ނިމުންވެސް އެއީ އެސޮރުގެ އަތްމަތީގައި ލައްވާފައިވާ ކަމެއްގެ ގޮތުގައި އޭނާއަށް ” އަޅުކަން ކުރާ ދަރަޖައަށް ” ވާވަދެފައިވާ މީހުން ބުނެއުޅެއެވެ. ނަމަވެސް ވެރިކަމުގެ ހުވާ އެންމެ ފުރަތަމަ މީގެ 33 އަހަރު ކުރިން އެސޮރު ކުރިއިރު އޭރުވެސް އަދި މިހާރުވެސް ރާއްޖޭގެ ގާނޫނުއަސާސީއާއި ޚިލާފަށް ހަތިޔާރު އަޅައިގެން ހުރިކަމުގައި އެސޮރުވަނީ އަމިއްލައަށް އެއްބަސްވެފައެވެ. ރައްޔިތުންގެ ކުރިމަތީގައެވެ. އަދި އޭނާގެ ގާތް ރަހުމަތްތެރީން ނަށްވެސް ހަތިޔާރު ދިންކަމުގައި ބުނެފައިވެއެވެ. އޭގެ ކުރީގެ ރައީސްގެ ވެރިކަމުގައި މަތިފަޑީގައި ހިމެނުނު އެތައް ބަޔަކަށް ނުހައްގުން އެތަކެއް އަނިޔާތައް ދީފައިވަނީ އެންމެންގެ ކުރިމަތީގައެވެ. ތެދެކެވެ. ކުރީންވެސް މިހާރުވެސް ކުށެއްކުރި ބަޔަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބެއް ދޭންޖެހޭނެއެވެ. ނަމަވެސް އޭގެ ބޭރުން ދެވޭ ކޮންމެ އަދަބަކީ ނުޙައްގުން ދިން އަދަބެއް ކަމުގައި ބަލަން ޖެހޭނެއެވެ. ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދޭން ލަންކާގެ ތަމަޅަ ޕްލޯޓު ޖަމާއަތުން އުޅޭކަމުގެ ފުރިހަމަ މައުލޫމާތު ލިބިހުރެމެ އެކަމާ އަޅާނުލައި ދޫކޮށްލައި އެކަމުގެ ސަބަބުން އެހަމަލާގައި މަރުވެދިޔަ ފަރާތްތަކާ ލިބުނު ގެއްލުންތަކުގެ ޒިންމާ އެސޮރު އުފުލާން ޖެހޭނެއެވެ. ރާއްޖޭގައި ދީނީ ބައިބައިވުންތައް އުފައްދައި ދީނީ އިލްމުވެރީންނަށް ދީފައިވާ ބޮޑެތި އަނިޔާތަކުގެ ޒިންމާ އެސޮރު އުފުއްލާން ޖެހޭނެއެވެ. ޖަލުތަކުގައި ވީނުވީއެއް ނޭނގި މަރުވެދިޔަ މީހުންނާއި ގެއްލުނު ކަމުގައި ބުނާމީހުންގެ މައްސަލާގައި ޖަވާބުދާރީ ވާންޖެހޭނެއެވެ. މާފުށީ ޖަލުގައި އެސޮރުގެ އޯޑަރަށް ބަޑިޖަހައި މަރާލި މީހުންގެ ޒިންމާ އެސޮރު އުފުލާން ޖެހޭނެއެވެ. ދައުލަތުގެ ފައިސާއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަ ތަކުގައި އެސޮރު ޖަވާބުދާރީ ވާން ޖެހޭނެއެވެ. މިބުނެވިދިޔަ ކަންކަމުގެ ތެރެއިން ގިނަ ކަންކަމަކީ މާބޮޑު ތަހުގީގެއް ނުކުރިއަސް އެސޮރުގެ މައްޗަށް ސާބިތު ކުރެވޭނެ ހެކި ދިމާލަށް ފެންނާން ހުރި ކަންކަން ކަމުގައި ވާހިނދު އެސޮރު ހައްޔަރު ކުރުމަކީ މައްސަލައިގެ ހައްލެއް ނޫނެވެ. އެސޮރަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާނަމަ ދަންޖައްސައި މެރުމުގެ ހުކުމްވެސް އިއްވެން ޖެހޭނެ ކަމުގައި ބުނާނެ މީހުން މަދެއް ނުވާނެއެވެ. ރައީސް އެވެ. ކެރިވަޑައިގެން އިންސާފު ހޯއްދަވާ ދެއްވާށެވެ. ދިވެހިރައްޔިތުން އުތުރި އަރައިގެންފިނަމަ ތާރީޚު އަނބުރާ އިއާދަ ވެދާނެއެވެ.