އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ޗެއަރޕާސަންގެ ނައިބު ހަވާލުވެ ވަޑައިގެންފި

inthi1

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމުން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން އެޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) މުހައްމަދު އިމްތިޔާޒު (ގައްދޫ އިންތި) ހަވާލުވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މުޙަންމަދު އިމްތިޔާޒް އެޕާޓީގެ ޗެއަރޕާސަންގެ އެންމެހާ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައި މިވަނީ، ޕާޓީގެ އަސާސީ ގަވައިދުގެ 87 ވަނަ މާއްދާގެ (ޅ) ގެ ދަށުން ނެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވީ ޗެއާޕާސަންގެ މަގާމު ހުސްވެފައި ވުމުން އެ މަގާމުގެ މަސްއޫލިއްޔަތުތައް ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ދެން އުފުއްލަވަމުން ގެންދަވާނީ އިންތި ކަމަށެވެ.

އަދި، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި އިންތިހާބެއް ބާއްވާނެ ކަމަށާއި މި އަންނަ ހޮނިހިރު ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގައި ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލުމަށް ވަކި މުއްދަތެއް ކަނޑައަޅާނެ ކަމަށެވެ.

އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އިންތިޚާބުވެވަޑައިގެންނެވީ 25 އެޕްރިލް 2008 ގައި ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 83 އިންސައްތައިގެ ތަނަވަސް އަޣްލަބިއްޔަތަކުންނެވެ. 9 ނޮވެމްބަރު 2005 ގައި އެމްޑީޕީއާއި ގުޅިވަޑައިގަތުމަށްފަހު އެކަމަނާ ގެންދަވަނީ ޕާޓީއަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުންނެވެ.