ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، މިއަދު ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ވާދޫއަށެވެ. އަދި އެއަތޮޅު އަނގޮޅިތީމަށާއި، ހުޅުއްދުފާރަށްވެސް މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މި ރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، ކައުންސިލްތައް މެދުވެރިކުރައްވައި، ސަރުކާރުން ރަށްރަށުގައި ހިންގަވާ ޕްރޮގްރާމްތައް ހިންގެވުމުގަޔާއި، ރަށްރަށުގައި ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށްޓަކައި، ކައުންސިލްތަކުގައި ހަމަޖެހިފައިހުންނަން ޖެހޭ އިންތިޒާމްތަކާ ބެހޭގޮތުންވެސް ކައުންސިލްތަކާ މަޝްވަރާ ކުރައްވާނެއެވެ. އަދި، މި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ހަމަޖައްސަވާފައިވާ ޕްރޮގްރާމްތަކާބެހޭގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ.