މެންބަރުންގެ ޚިޔާލު: ކަންކަން ރަނގަޅުކުރަން ފުރުސަތުގެ ބޭނުން ކުރަމާހެއްޔެވެ.

ފުނަމާ

ދިވެހި ރާއްޖޭގެ ސަރުކާރާއި ދައުލަތް ހިންގުމުގެ ބާރު މީހަކަށް ދެނީ ރައްޔިތުންނެވެ. ރަށްޔިތުންގެ ތެރެއިން ވެރިކަން ކުރާން ހުންނަ މީހާއަށް ވޯޓުނުދޭ ބަޔަކު ތިބިނަމަވެސް ރައްޔިތުންގެ މެޖޯރިޓީންނެވެ. ހަމަމިއުސޫލުން ގާނޫނުހަދާ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަނީވެސް ހަމަ ރައްޔިތުންނެވެ. ޝަރިޢީ ދާއިރާ އެކުލަވާލަނީ ދައުލަތުގެ މިދެބާރު އެކުވެގެންނެވެ. އެދާއިރާއަށް މިކިޔަނީ ދައުލަތުގެ އަނެއް ބާރެވެ. ދައުލަތުގެ ދެބާރުކަމުގައިވާ ދައުލަތާއި ސަރުކާރު ހިންގާ ފަރާތަށް އިމެއްނެތި ފާޑުކިޔައެވެ. ގާނޫނުހަދާ މަޖިލީހަށް ފާޑުކިޔައެވެ. އެކަމަކު މިދެބާރު ކަނޑައަޅަނީ ސީދާ ރައްޔިތުންނެވެ. ޝަރުއީ ދާއިރާއަށް މީހުން ކަނޑައަޅަނީކީ ސީދާ ރައްޔިތުންނެއް ނޫނެވެ. ރައްޔިތުންނަކީ ގާނޫނު އަސާސީ ބުނާގޮތުން ދައުލަތުގެ އެންމެބާރުވެރި ފަރާތެވެ. ނަމަވެސް ގާނޫނެއްގައި ލިޔެގެން ޝަރުއީ ދާއިރާއަށް ވަނީ އަނެއް ދެބާރަށްވުރެ ބޮޑެތި ބާރުތަކެއް ލިބިދީފައެވެ. އެހެން ކަމަށްވާނަމަ އެކަން ގަބޫލުކުރުން ރައްޔިތުންނަށް ލާޒިމުވާނެތާއެވެ. ނަމަވެސް ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރު ބިނާކުރަނިވި ގޮތެއްގައި ދައުލަތުގެ ކޮންމެ ބާރަކަށްވެސް ފާޑުކިއުމުގެ ޙައްގު ރައްޔިތުންނަށް ލިބިދޭން ޖެހޭނެއެވެ. މިއަދުގެ ހާލަތަށް ބަލާއިރު ޝަރުއީ ކޯޓެއްގެ ކޯޓުރޫމުގެ ތެރޭގައި މީހެއްގެ އަންބަކާއެކު ފަނޑިޔާރަކު ނާޖާއިޒު ގުޅުމެއް ހިންގިޔަސް އެކަމާ ބެހުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫންކަމުގައި ބައެއް މީހުން ބުނެއުޅެއެވެ. ފަނޑިޔާރުން އެމީހުންގެ ކަންކަން ކޮންމެގޮތަކަށް ގެންދިޔަސް އާންމު ފަރާތަކުން ފާޑެއް ކިޔައިފިނަމަ އެދާއިރާގެ ހުރުމަތް ކަނޑައި ނުވަތަ ނުފޫޒު ހިންގުމުގެ ކުށުގައި ދައުވާ ކުރުމުގެ ބާރު ޝަރުއީ ދާއިރާއަށް ލިބިގެންވާކަމުގައި ބުނެވެއެވެ. އަދި މިފަދަ މައްސަލަތަކުގައި ދައުވާ ކުރެވޭ މީހާގެ މައްޗަށް ނިޔާކަނޑައަޅަން އިންނަވާނީވެސް ހަމައެދާއިރާގެ ފަނޑިޔާރެއްތާއެވެ. މިއީ ވިސްނާލަން ޖެހޭނެ ކަމެކެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީއިން ލިބިދީފައިވާ އެންމެފުޅާ ދާއިރާއެއްގައި އޮންނާން ޖެހޭނެ ކަމުގައި ގިނަބަޔަކު ގަބޫލު ކުރެއެވެ. މީގެ މިސާލެއްގެ ގޮތުން ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ބުނާއިރު ފަސް ހަމެންބަރުން ހިމެނިގެން އުފައްދާ މިނިވަން މުއައްސަސާތަކުން ހިތުހުރި ކޮންމެ ވަގުތަކު ކޮންމެ ގޮތަކަށްވެސް ރައީސުލް ޖުމްހޫރިއްޔާއަށް ރައްދުދީ ފާޑުކިޔަމުން ގެންދާތަން އެބަފެނެއެވެ. މިސާލަކަށް ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާކަން ހާމަކުރުމަށް ނޫސްވެރީންގެ ބަޔަކު ލިޔުނު ލިޔުންތަކަކީ އެނުބައި އަމަލު ހިންގި މީހުން އެހިންގާ އަމަލުތަކަށްވުރެ ނުބައި އަމަލު ތަކެއް ކަމުގައި ހަދައިގެން އެންމެފަހުން އެނޫސްވެރީންނާއިމެދު ފިޔަވަޅުއަޅާން ކަމާބެހޭ މުއައްސަސާއިން ނިންމި ނިންމުމާ ގުޅިގެން ރައްޔިތުންގެ މެދުގައިވެސް ތަފާތު ޚިޔާލުތައް ވަނީ އުފެދިފައެވެ. އެލިއުން ތެރީން ލިޔެފައިވާ ލިޔުންތަކަކީ އިސްލާމީ މުޖުތަމައެއްގައި ބަޔަކު ލިޔެގެން ނުވާނެ ލިއުންތަކެއްގެ ގޮތުގައި ގިނަބަޔަކު އެއްބަސްވާއިރު ، މިކަމަކީ މިފަދަ ނުބައި އަމަލުތައް ހުއްޓުވުމަށް ކުރަންޖެހި ކޮށްފައިވާ ކަމެއް ކަމުގައިވެސް ބަޔަކު ބުނެއުޅެއެވެ. ހަމައެހެންމެ ކޮންމެ ކަމެއްގައިވެސް ސިޔާސީ ކަންކަން ވައްދާ ބީދައިން މިކަމާ ސަރުކާރުން އަޅާނުލާ ކަމުގަޔާއި މިކަންކަން މިހިނގަނީ ހަމައެކަނި މިސަރުކާރު އައުމުން ކަމުގައި ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސިޔާސީގޮތުން މިސަރުކާރަށް ފާޑުކިޔުމުގެ އިތުރު ފުރުސަތަކަށް މިކަންވަނީ ހަދާފައެވެ. ކަމާ ގުޅޭގޮތުން ސަރުކާރުގެ އެންމެ އިސްފަރާތުން މިކަމުގައި ދެކޭގޮތް ހާމަކުރުމަށް ބަހެއް ކިއުމުން އެކަމާ އިދިކޮޅަށް ބޭނުން އެއްޗެއް ބުނުމުގެ ޙައްގުވެސް އެވަނީ އެއްކަލަ މުއައްސަސާއިން ލިބިގެންފައެވެ. މިއަކީ މިކަހަލަ ޑިމޮކްރެޓިކް ވެއްޓެއްގައި އައިބުކަމެއް ކަމުގައެއް ނުދެކެއެވެ. ސަރުކާރަކީ އެންމެހާ ރައްޔިތުން އެކުލަވާލާ ބާރަކަށް ވާއިރު މިގޮތައް އުފެދިފައި ހުންނަ މުއައްސަސާތަކުން ސަރުކާރާ އިދިކޮޅަށް ބަސްބުނެ ، ފާޑުކިއުމުގެ ޙައްގު އޮންނަ ކަމުގައި ވާއިރު ދައުލަތުގެ އެއްބާރު ކަމުގައިވާ ޝަރުއީ ދާއިރާގެ ކަންކަމާ ގުޅިގެން އެކި ފަރާތްތަކުން ފާޑުނުކިޔާނެ ކަމުގައި ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. އެހެނަސް ދެބަހެއްނެތި ގަބޫލުކުރާން ޖެހޭ ކަމަކީ ފާޑުކިއުމުގައި އިމެއް އޮންނާން ޖެހޭނެ ކަމެވެ. އެއްވެސް ކަމެއް ހުދޫދުން ބޭރުވެގެން ނުވާނެއެވެ. ބައެއްމީހުން ޝަރުއީ ދާއިރާއިން ބައްލަވަމުން ގެންދަވާ މައްސަލަ ތަކުގެ އެންމެފަހުގެ ނިޔާއަކީ ކޮބައިކަން އެމީހުންނަށް އެނގޭ ކަމުގައި ބުނެ އާންމު ކުރުމުން އެކަމަކީ ސީދާ ޝަރުއީ ދާއިރާއިން އެމީހަކާ ނުވަތަ އެބަޔަކާއެކު އެކަންކަން ހިއްސާ ކުރަނީ ކަމުގައި ޝައްކު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންނަމަ ޝަރުއީ ދާއިރާއާއި މެދު އޮންނާންޖެހޭ އިތުބާރު ގެއްލުމަކީ ވެދާނެ ކަމެކެވެ. ހަމައެހެންމެ މިކަމަކީ މާބޮޑު ކަމަކަށް ނުހަދައި ހަމައެކަނި ބަހަކުން ނިންމާލުމުން މިކަން ކޮންމެސް ބަޔަކު މާނަބަދަލުކޮށް ހެދުމަކީވެސް ވެދާނެ ކަމެކެވެ. ހަމައެހެންމެ ޝަރުއީ ދާއިރާއިން އުސޫލުތަކާއި އެއްގޮތައް ކަންކަން ނުކުރާނަމަ ވިސްނާން ޖެހޭނެއެތަކެއް ކަންކަން މިމުޖުތަމައުގައި އެބަހުއްޓެވެ. އެންމެ ދެރަކަމަކީ އިސްލާމީ ޝަރީއަތުގެ އިތުބާރު އިސްލާމީ މުޖުތަމައެއްގައި ގެއްލުވާލުމެވެ. މިއަކީ ހަމައެކަކަށްވެސް ކުރެވިގެން ވާނެ ކަމެއްނޫނެވެ. މިއަދުވެސް އިސްލާމީ ޝަރީއަތް އެންމެ ފުރިހަމަ ގޮތުގައި ރާއްޖޭގައި ގާއިމު ނުކުރެވޭ ކަމުގައި ބަޔަކު ގަބޫލުކުރާއިރު އަދި އަމުދުން އޮތް ކަންފުޅުވެސް ޝައްކުގެ ނަޒަރަކަށް ބަދަލު ކުރުމަށް އެދާއިރާއިންވެސް އަދި އެހެންމީހުންވެސް މަސައްކަތް ކުރާނަމަ އެކުރެވެނީ ބަޔަކު ކުރާނެ އެންމެ ނުރައްކާތެރި މަސައްކަތެވެ. ރާއްޖޭގައި އިތުބާރު އޮތީ ކޮންބަޔަކަށް ކިހާވަރަކަށްކަން މިއަދު އެބައެނގެއެވެ. ސަރުކާރަކަށް އިތުބާރެއް ނެތެވެ. ސަރުކާރު ހިންގާން ތިބި މީހުންނަކީ މަސްތުވެފައިތިބޭ ބައެއްކަމުގައި އެބަބުނެއެވެ. އިސްލާމުން ނޫންކަމުގައި މޭރުންވާގޮތައް ފާޅުގައި ވާހަކަ ދައްކައެވެ. ރައްޔިތުންގެ މަޖުލީހުގައި އެތިބީ ރިޝްވަތާ ފަސާދައިން ފުރިފައިވާ މީހުންކަމުގައި ޚޮދު އެމީހުން އެމީހުންނަށްވެސް ގޮވާ ހަދައެވެ. ހަމައެހެންމެ ޝަރުއީ ދާއިރާ އާއި މެދުވެސް ޝައްކުގެ ނަޒަރުން ގެންދަނީ ބަލަމުން ފާޅުގައި އަޑުއުފުލަމުންނެވެ. ސުވާލަކީ މިމުޖުތަމައު މިވަނީ ޝައްކާ ވަހުމާ އެކުވެ އެކަކު އަނެކެއްގެ އުނުއޮރިޔާން ނިވާނުކުރެވޭ ހިސާބަށް ގޮސްފައި ހެއްޔެވެ؟ އެހެންނަމަ ތަހުޒީބު ދިރިއުޅުމަކަށް އަޅުގަނޑުމެންނަށް ދެން ދެވިދާނެ ހެއްޔެވެ؟ ގެއްލިގެން މިއުޅެނީ އިތުބާރެވެ. ސިޔާސީ ބޭނުންތަކުގައި މިގައުމުގެ އެންމެހާ ކަންކަން އެއްދުވަހުން އަނެއްދުވަހަށް ގަޑުބަޑުކުރުމަކީ މިއަދުގެ މީހުންނަށް މާދަމާގެ ޖީލުން މާފުނުކުރާނެ ކަމެއް ކަން ގަބޫލުކުރާން ޖެހޭނެއެވެ. ކޮންމެ ދާއިރާއަކަށް ފާޑުކިޔައިގެން ނަމަވެސް ކަންކަން ރަނގަޅު ކުރުމަށް ހެޔޮގޮތުގައި މަސައްކަތް ކުރަމާތޯއެވެ