ޗެއަރަޕާރސަން އަށް ޕާރޓީގެ ރައީސް ޝުކުރު ދެންނެވުން.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރަކަށް މިޕާޓީގެ ޗެޔާރޕާސަން މާރިޔާ އަޙްމަދު ދީދީގެ ނަން ހުށައަޅަން ޕާލިމެންޓަރީ ގްރޫޕުން ނިންމެވުމުން އެކަމަނާ ޕާޓީގެ ޗެޔާޕާސަން ކަމުން އިސްތިއުފާ ދިނުމަކީ ޑިމޮކްރަޓިކް މިނިވަން އިންސާފުވެރި ޖުޑިޝަރީއެއް މިޤައުމުގައި ބޭއްވުމަށް އެކަމަނާ ވެވަޑައިގެންނެވި ޤުރުބާނީއެއް ކަމުގައި ދިވެހިރައްޔަތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޑރ.އިބްރާހިމް ދީދީ ދެކެވަޑައިގަންނަވައެވެ.
އެމް.ޑީ.ޕީ ގެ ފުރަތަމަ ޗެއަރޕާސަން އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވެސް ޕާރޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑަ އެޅުމަށް ބޭއްވުނު ޕްރައިމަރީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޑިމޮކްރެޓީކް ރިވެތިހަމަތަކުގެ މަތިން އެއިރު އިސްތިޢްފާ ދެއްވުމުން ޗެއަރަޕާރސަންގެ މަޤާމުގެ ދައުރުގެ ބާކީ ފުރިހަމަ ކުރުމަށް ބޭއްވުނު ބައި އިލެކްޝަންގައި ފުރިހަމަ ކާމިޔާބީ އަކުން ޗެއަރޕާރސަން ކަމުގެ މަޤާމަށް ހޮވިވަޑައިގެން ޕާރޓީގެ ޗެއަރޕާރސަންގެ ޙައިސިޔަތުން މިވޭތުވެދިޔަ މުއްދަތުގައި ޕާރޓީ އަށް އަގުހުރި ޚިދްމަތްތަކެއް ކުރައްވާފައިވާ ކަމީ ޕާރޓީގެ ލީޑަރޝިޕްއާއި ޕާރޓީގެ އެންމެހާ މެމްބަރުން ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމެކެވެ.
އެމްޑީޕީގެ ލީޑަރޝިޕާއި ކިތަންމެ ކުޑަކޮށްނަމަވެސް ދުރަށް މާރިޔާދީދީ ޖެހިވަޑައިގަތުމަކީ މިޕާޓީގެ އާންމު މެމްބަރުންނަށް ހިތާމަވެރި އަސަރެއް ކުރާނެކަމެއް ކަމުގައި ދަންނަވަމެވެ. އެމްޑީޕީން އެދެނީ އަބަދުވެސް މާރިޔާދީދީއަށް ހުރިހާ މައިދާނެއްގައިވެސް ފުރިހަމަ ކާމިޔާބީއަކަށެވެ. އަދި މިޕާޓީގެ އެދުމަކީ މާރިޔާދީދީ ޖުޑިޝަލްސާވިސް ކޮމިޝަނަށް ހޮވި މާރިޔާގެ އިލްމާއި ތަޖުރިބާގެ އަލީގައި މިޤައުމުގައި އިންސާފްވެރި ދެފުއްފެންނަ ރައްޔިތުން އިތުބާރުކުރާ ޝަރުޢީ ނިޒާމެއް ޤާއިމްކޮށްދިނުމެވެ.
ޗެޔާޕާސަންގެ މަޤާމުން މާރިޔާ އަޙްމަދުދީދީ އިސްތިއުފާ ދެއްވުމާއި ގުޅިގެން އަސާސީ ޤަވާއިދުގެ 87ވަނަ މާއްދާގެ (ޅ)ގައި ވާގޮތުގެ މަތިން ޗެޔަރޕާސަންގެ ހުރިހާ މަސްޢޫލިއްޔަތުތަކެއް އަދާކުރާނީ ޗެޔާފާސަން ނައިބް (އިދާރީ) އަލްފާޟިލް މުހައްމަދު އިމްތިޔާޒްއެވެ.