ނޫސް ބަޔާން: އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމުން އަލުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިއަދު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ޕާޓީގެ އެންމެ އިސް ލީޑަރ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ދެއްވި ބަޔާން

ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ދިވެހިރާއްޖެ ފުރޮޅާލުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެއް ސަބަބަކީ ޑިމޮކްރަސީގެ ރީތި މިސާލެއް ދައްކަވަމުން މިއަދު މަޤާމުން އިސްތިޢުފާ ދެއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަން އަލުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކަމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ދެކެވަޑައިގަންނަވައެވެ.
ރައްޔިތުންގެ ފަރާތުން އުފުލިގެން އަންނަ މާނަވީ ޑިމޮކްރަޓިކް ވެރިކަމަކަށް ބޭނުންވެ، ދިވެހި ރައްޔިތުންގެ ތެދުވި ހިނދު، ކުރިމަތިވި ގޮންޖެހުންތަކާ ހުރަސްތައް ގިރާކޮށް ހައްޤުތައް ލިބިގަތުމުގެ މަސައްކަތުގެ ތެރެއިން އެކަމަނާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއާ ގުޅިވަޑައިގަތީ، 9 ނޮވެމްބަރު 2005 ގައެވެ. އެދުވަހުން ފެށިގެން މާރިޔާ އަޙްމަދު ދީދީ ކެނޑިނޭޅި ގައްތަވަމުން ގެންދެވި ޚިދުމަތުގެ ސިލްސިލާ މިއަދާ ހަމައަށް ދެމިގެން ގޮސްފައިވަނީ އަންނަނިވި ޖީލުތަކަށާއި، އެންމެހާ ދިވެހިން އަދި ވަކިން ޚާއްޞަކޮށް ދިވެހި އަންހެން ކަނބަލުން ފަޚުރުވެރިވާ ފަދައިން ނަމޫނާ ދައްކަވަމުންނެވެ. 2005 ވަނަ އަހަރުގެ ޖެނުއަރީ 22 ގައި ބޭއްވުނު ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބު ގައި 60 އިންސައްތައިގެ ކާމިޔާބީއަކުން، މާލެ އަތޮޅުގެ ގޮނޑި ކާމިޔާބު ކުރައްވާ، އިސްލާޙު ކުރެވުނު ޤާނޫނު އަސާސީ އަށްޓަކާ ރައްޔިތުންގެ ޚާއްޞަ މަޖްލީހުގައި އެކަމަނާ އަދާކުރެއްވި ފުރިހަމަ ރޯލު ފާހަގަކުރެވެއެވެ. 2005 ވަނައަހަރު އެކުލަވަލެވުނު އެމްޑީޕީގެ ފުރަތަމަ ހިޔަނި ކެބިނެޓްގެ ޖަސްޓިސް މިނިސްޓަރގެ ހައިސިއްޔަތުން އެކަމަނާ ކޮށްދެއްވި ފުރިހަމަ ޚިދުމަތާއި، 24 ޖެނުއަރީ 2006 ގައި އެމްޑީޕީ އިން ބޭއްވި ފުރަތަމަ ޤައުމީ މުޒާހަރާގެ ޖަޑިބުގެ ގޮތުގައި ހުންނަވާ ދެއްކެވި ހިތްވަރާ، 30 މާރޗް 2006 ގައި ބޭއްވުނު އަންހެނުންގެ މުޒާހަރާގެ މުގުލުގައި ހުންނަވައިގެން ހޯއްދެވި ކާމިޔާބީގެ ސަބަބުން މިއަދު ލިބިފައިމިވާ އެއްވެ އުޅުމާ، ޚިޔާލުފާޅުކުރުމާ، މުޒާހަރާކުރުމުގެ ހައްޤު ލިބިގަތުމަށް ދިވެހިން ކުރި މަސައްކަތަށް އެކަމަނާގެ ފަރާތުން ވެދެއްވާފައިވަނީ އަގުނުކުރެވޭނެ ޚިދުމަތް ތަކެކެވެ. މާރިޔާދީދީގެ މިދެންނެވުނު ޚިދުމަތުގެ އަގު ވަޒަންކުރައްވާ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދޭ، “ވިމެން އޮފް ދަ ކަރޭޖް” ނުވަތަ “ހިތްވަރު ގަދަ އަންހެނާ” ގެ އެވޯޑް 2007 ވަނަ އަހަރު ލިބިވަޑައިގެންނެވި ކަމީ ހުރިހާ ދިވެހި އަންހެން ކަނބަލުންނަށް ލިބިފައިވާ ފަޚްރެކެވެ.
ޑިމޮކްރެޓިކް ދިވެހިރާއްޖެއެއް ލިބިގަތުމަށް ދިވެހިން ކުރި ދަތުރުގައި އެކި ފަހަރު މަތިން ހައްޔަރުވެ، ޤައިދީންގެ ގޮތުގައި ނިކަމެތި ކުރެވުނު އެމްޑީޕީގެ މެންބަރުންނާ އެތަކެއް ދިވެހި ދަރިންނަށް އެހިނދު ބޭނުންވި ޤާނޫނީ އެހީތެރިކަން އަވަދިނެތި ހިލޭސާބަހަށް ފޯރުކޮށްދެއްވުމުގައި ސާބިތު ކަމާއެކު ދެމިހުންނަވާ 25 އެޕްރިލް 2008 ގައި ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 83 އިންސައްތައިގެ ތަނަވަސް އަޣްލަބިއްޔަތަކުން އެމްޑީޕީގެ ޗެއަރޕާސަންކަން ކާމިޔާބު ކުރެއްވި ޝަޙްސިއްޔަތަކީ އަލުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ސިޔާސީ ޕާޓީގެ މުޅި ނިޒާމަށާއި، ޤައުމުގެ ދުސްތޫރީ ޙަޔާތަށް، އަދި ވަކިން ޚާއްޞަކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އަލުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކޮށްދެއްވި އެފަދަ ދެވަނައެއް ނުވާ ލާމަސީލް ޚިދުމަތަށްޓަކާ، ޕާޓީގެ އެންމެ އިސް ލީޑަރ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ވަރަށް އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވައެވެ.

12 ރަޖަބް 1432
14 ޖޫން 2011
__________________________________________
ބަޔާން ނެރުއްވީ: އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު