މެންބަރުންގެ ޚިޔާލު: އިޒުރޭލާ ދިވެހީންގެ ގުޅުން.” އަރަތެއް!”

ފުނަމާ

އިޒުރޭލުގެ މޭވާ ވަރަށް ކަމުދެއެެވެ. ފެންޕްލާންޓުތައް މޮޅެވެ. ކިތަންމެ ހާލެއްގައިވެސް ބައެއް ދިވެހީން އެތަނަށް އެބަދެއެވެ. ދާދިފަހުން އިލްމުވެރިއެއް ކަމުގައި ބުނާ މީހަކު އަރައި ” އަހަރެމެން މިއުޅެނީ އިޒުރޭލުގެ ރައްޔިތުންނާއި ހަސަދަ ވެރިވެގެން ނޫންކަމުގައި ” ޓީވީ ޗެނެލެއްގައި ބުނިއަޑު އެހީމެވެ. އެހެންވީއިރު މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް އިޒުރޭލުގެ ސަރުކާރުތަކުން ކޮށްފައިވާ ، އަދި ކުރަމުންދާ އަނިޔާ ތަކަކީ އަހަރެމެން މުސްލިމުންނަށް ވީތީވެ އަބަދުވެސް ކުށްވެރި ކުރާނެ ކަންކަމެވެ. އެނޫނަސް ޕާކިސްތާނާ ، އަފުޣާނިސްތާނުގައި، ނުވަތަ މިނޫން ގައުމެއްގައި ނަމަވެސް މުސްލިމުންނަށް އަނިޔާ ކުރާނަމަ އަހަރެމެން އެކަމާ އިދިކޮޅު ހަދާނަމެވެ. ހަމަ އެހެންމެ ދުނިޔޭގެ މުސްލިމު ގައުމުތަކުގައާއި އެނޫން ގައުމެއްގައިވެސް ބަޔަކަށް ގަސްދުގައި ކުރާ ކޮންމެ އަނިޔާއަކާއި އަހަރެމެން އިދިކޮޅެވެ. އަހަރެމެންގެ ގައުމުގައި އެފަދަ ކަމެއް ހިންގިޔަސް އިދިކޮޅު ހަދާ ބީދައިންނެވެ. މިފަހަކަށް އައިސް އެންމެ ބާރަށް ދައްކާ އެއްވާހަކައަކީ އިޒުރޭލުގެ އެއާލައިން އަކަށް ދިވެހިރާއްޖެއަށް އުދުހުމުގެ އެއްބަސްވުމެއް އެކުލަވާލަން އުޅޭ ވާހަކައެވެ. މިކަމަކީ އެވަރުގެ ނުބައި ކަމެއް ނެއްވަރުގެ ކަމަކަށް ހަދާން ބަޔަކު އެބައުޅެއެވެ. ސުވާލަކީ އިޒުރޭލުގެ މަތިންދާ ބޯޓުތަކުން ރާއްޖެ އަންނާނީ ފަލަސްތީނުގެ ރައްޔިތުން ކަތިލަމުން ގެންދާ ސިފައިންނާއި އެގައުމުގެ ވެރީން ހެއްޔެވެ؟ ނޫނީ ފަތުރުވެރީންނާއި ވިޔަފާރި ވެރީން ހެއްޔެވެ؟ ތެދެކެވެ. ރާއްޖެ ދެކިލާހިތުން އެހެންވެސް ގައުމުތަކުން ނަސޯރާއިންނާއި ، ޔަހޫދީން އަންނަހެން އެބުނާ ބަޔަކުވެސް އަތުވެދާނެއެވެ. މިކަމަކީ އެހާ ނުބައި ކަމަކަށް ވީއިރު އިރާގުގެ މުސްލިމު ރައްޔިތުންގެ ބޮލަށް ބޮންއަޅާން ދިޔަ އެތަކެއް މަތިންދާ ބޯޓުތަކަށް ރާއްޖެއިން ތެޔޮއަޅައި ދިންއިރު އެއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ މިއަދު އެކަންކުރި މީހުން ސިޔާސީ ވެފައި ތިބިވަރުން ކުރެވުނު ކަމެއް ހަނދާނެއް ނެތެވެ. ދެން ބުނާންވީ އިޒުރޭލުން ފަލަސްތީނަށް އަރައި ތިބީތީވެ ތަފާތު ކަމުގައެވެ. އަފުޣާން ފަދަ މުސްލިމު ގައުމުތަކަށް އަރައިތިބި އެމެރިކާ މީހުން އެއީ އެނަޒަރުން ބަލައިފިނަމަ ވަކި ކޮންބައެއް ހެއްޔެވެ؟ އެމެރިކާ މީހުން ރާއްޖެ އަންނަން ވަނީ އެމީހުންނަކީ ޑޮލަރު ޖަހާ ގައުމުގެ މީހުންނަށް ވާތީހެއްޔެވެ؟ މުޅި ދުނިޔެ އެބަޔަކީ ޓެރަރިސްޓުން ކަމުގައި ބުނެއުޅޭ ޖަމާއަތަކުން ދާދި ފަހުން މިގައުމުގައި ބައްދަލުވުންތަކެއް ބޭއްވި ވާހަކަ މުޅިދުނިޔެވެސް އެހިއެވެ. އެކަމަކު މިރާއްޖެއަށް ބޮންއަޅާކަށް ނާދެއެވެ. އެބުނާ ބަޔަކު މިރާއްޖޭގައި އުޅެފައި ދިޔައިރު ޗުއްޕުވެސް ނުބުނެ ތިބީ އެމީހުންނަކީ އިސްލާމުން ކަމުގައި ވާތީވެ އެކަނި ހެއްޔެވެ؟ ގޮންޓަނާމޯބޭ ޖަލުގައި އަނިޔާލިބެމުންދާ މީހަކު ރާއްޖެ ގެންނަން އުޅުނު ކަމުގައި ބުނެ ތެޅިފޮޅުނީ އެމީހާއަކީ ކާފަރަކަށް ވާތީހެއްޔެވެ؟ ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ގަބޫލުކުރުމުން ބަޔަކު ހުންއައީ އެގައުމަކީ މުސްލިމު ނޫން ގައުމެއް ކަމުގައި ވާތީހެއްޔެވެ؟ ސައްތައިން ސައްތަ އިސްލާމީ މިގައުމުގައި އިއްޔެއާ ހަމަޔަށް އިސްލާމީ ބެންކެއް ނެތި މުޅިގައުމުގެ އެންމެން ރިބާގެ ޝިކާރައެއް ކަމުގައި ވެގެންދިޔައިރު އަޒުހަރުން އައިސްތިބި މުއްލާއިން ކޮބައި ހެއްޔެވެ؟ މުޅިގައުމުގެ އެންމެ ފުޅާ ސިނާޢަތު ނައްތާލައި ބަނގުރަލާއި އޫރުމަހުން މިގައުމު ދެން ދުވަހަކުވެސް ސަލާމަތް ނުވާ މިންވަރަށް މަޅީގައި ޖެއްސީ މިސަރުކާރުން ހެއްޔެވެ؟ ނޫނީ ފަތުރުވެރީންގެ ގޮތުގައި ރާއްޖެ އަންނަނީ ހުސް މުސްލިމުން ހެއްޔެވެ؟ މިމޭރުމުން ކުރާން ވެއްޖެނަމަ ކިތަންމެ ސުވާލެއްވެސް ކުރެވިދާނެއެވެ. ވީއިރު އިޒުރޭލުގެ މަތިންދާ ބޯޓެއް ރާއްޖެއަށް ޖެއްސުމަކީ އެކަމާ ގުޅިގެން ރާއްޖެއާއި އިޒުރޭލާ މިހާރުވެސް ކުރީގެ ސަރުކާރުން ވަގަށް އުފައްދައިގެން މޭޒުދަށުން ފައިސާ ބޮނޑި ބަދަލުކުރި ގުޅުން އޭގެ ޒާތުގައި ކުރިއެރުވުމުގެ ސަބަބުން ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށްވެސް ރާއްޖެއަށް އައިސްގޮސް އުޅުމުގައި ލިބިގެންދާނެ ފަސޭހަޔަކަށް ނުވެދާނެ ބާވައެވެ؟ އެކަމަކު އިޒުރޭލުގެ ބޯޓުތަކުން ޔަހޫދީން އައިސްދާނެތީވެ ކަންބޮޑުވާ ބަޔަކު ތިބިނަމަ އެމީހުންގާތު ބުނާންޖެހެނީ ކުރީޒަމާނުގައި ކަސްޓަމުން މުދާ ބާލާއިރު ދަނޑިކޮޅު ދޭހެން ރާއްޖެ އެތެރެވާ ކޮންމެ ޔަހޫދީއަކަށް ދަނޑިކޮޅެއް ދޭން ހުޅުލޭ އެއަރޕޯޓަށްގޮސް ހުރެބަލާށެވެ. އޭރުން އެވެރިން މިހާރުވެސް އެތެރެވާވަރު އެނގޭނެއެވެ. ބައިނަލް އަގްވާމީ ދުނިޔެއާއި އަޅުގަނޑުމެން ގުޅިގެން އުޅެ މިގައުމު ކުރިއަރާން އޮތީ އެގޮތުގައި ކަމުގައި ވާނަމަ ދުނިޔެއާއި ލާމެހިގެން އުޅޭން އެބަޖެހެއެވެ. ނޫންނަމަ މުސްލިމުނޫން ހުރިހާ ގައުމަކާއި ގުޅުން ކަނޑާލަމާ އުޅެބަލާށެވެ. މުސްލިމަކަށް މެނުވީ މިރާއްޖޭގެ ފަސްގަނޑުގައި ފައިވެސް ޖެއްސިޔަ ނުދީ ވޭތޯ ބަލަމާ ހިނގާށެވެ. މިގައުމަކީ ކާފަރަކު އަރައި ދައްކާލާހާ ޗަރުކޭހަކުން އިސްލާމްދީން ފޮހެވިގެންދާނެ ގައުމެއް ކަމުގައި ވާނެނަމަ ޕޯޗުގީޒުން މިގައުމުގައި ވެރިކަންކޮށް ނިމުނުއިރު އިސްލާމްދީނެއް މިގައުމަކު ނެތީސްތާއެވެ. ހީކުރަނީ އެހެން ކަމަށް ހެއްޔެވެ؟ މިގައުމުގައި މިތިބަ މުސްލިމުންނަކީ އަދި ތިހީކުރާވަރުގެ އަގީދާ ބަލިކަށި ބައެއްނޫނެވެ. މީގެތެރޭގައިވެސް އެކަހަލަ މީހުން ނޫޅެއެކޭ ނުބުނަމެވެ. ދަޅުދަޅުގައި ބަންދުކޮށްފައި ކުދީންއުކާވަރުގެ ހިތްހަރު މީހުން މިގައުމުގައިވެސް އެބަތިއްބެވެ. ހަމައެގޮތަށް އަވަށްޓެރި ގައުމުތަކުގެ ފަރުބަދަ ތަކުގެ ހޮހޮޅަ ތަކުގައި ބަޑިހިފައިގެން އުޅެއުޅެފައި ކޮންމެވެސް ތަނެއް ލޫޓުވާލައިގެން ލިބުނު ލާރިގަނޑު ހިފައިގެން، ފިލައިގެން އައިސް އެކިއެކި މަސައްކަތު މީހުންގެ ގޮތުގައިވެސް މިރާއްޖޭގައި ނޫޅޭކަމެއް ނޭނގެއެވެ. އެފަދަ މީހުންނަކީ ވަކި ސިފައެއްގައި ތިބޭ މީހުންނޫނީ އިންސާނުން ކަމުގައި ގަބޫލު ނުކުރާ ، ހަމައެހެންމެ އެމީހުންނާ އެއްބައިވާ މީހެއް ނޫނިއްޔާ އެއްވެސް ރަހުމެއް ނެތި މަރާލުމަށް ހުވާކޮށްގެން ތިބޭ ބައެކޭ ބުނާތީވެ އަޑުއަހަމެވެ. މިފަދަމީހުން އުޅޭނީ އެގައުމެއްގައި އުޅޭ ބައެއް މަހުޖަނުންގެ ފަހަތުގައި ފިލައޭ ބުނާ އަޑު އަހަމެވެ. މިފަދަ މީހުނާ ގުޅިގެންއުޅޭ މީހުން ދެމުން ގެންދާ އިންޒާރުތަކަކީ ބިރުވެރި އިންޒާރު ތަކެއްކަން ގަބޫލު ކުރާން ޖެހެއެވެ. ސަބަބަކީ އެމީހުންނަކީ އެމީހުންގެ ބަސްގަދަ ކުރުމަށް މަތިންދާ ބޯޓުފަހަރަށް ބޮންއަރުވައި ގޮއްވާލާއިރު ކިތަންމެ ބަޔަކު މަރުވިޔަސް އަސަރެއް ނުކުރާވަރުގެ ހިތްހަރު ބަޔެކެވެ. މިމީސްމީހުން އިޒުރޭލޭ ޕާކިސްތާނޭ އެމެރިކާއޭ ކިޔައިގެން ވާހަކަ ދައްކާނަމަ އެވާނީ އަރަތަކަށެވެ. ފަހަރެއްގައި މިއީ އެފަދަމީހުން ރާއްޖެކަހަލަ ގައުމެއްގެ ވެރިކަމަށް ނުފޫޒުހިންގައި އެމީހުންގެ ހައްދުފަހަނަ އަޅާފައިވާ ކަންކަން ހިންގުމަށް ރާވާ ރޭވުމަކަށްވެސް ވުމަކީ ދުރުކަމެއް ނޫނެވެ. ރާއްޖެއާއި އެހެން ގައުމުތަކާ ގުޅުން ބަދަހި ކުރާންޖެހޭ ހިނދުކޮޅު ތަކުގައި އެކަންކުރާނީ ސަރުކާރުގެ ޚާރުޖީ ސިޔާސަތާ އެއްގޮތްވާ ގޮތެއްގެމަތީން ލަފާހޯދަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހުގައެވެ. ގާނޫނީ ހަމަތަކުގެ މަތީންނެވެ.