ޖޭއެސްސީގެ މެންބަރުކަމުން ޑރ.އަފްރާޝީމް ބޭރުކުރުމަށް ފާސްކޮށްފި

އިބްރާހީމް ރާމިޒް

ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ޖޭއެސްސީގެ މެންބަރު ކަމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫނަށް ވާގިވެރިވާ ޑރ. އަފްރާޝީމް އަލީ ޖޭއެސްސީގެ މެންބަރުކަމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން އެގްރޫޕްގެ ރައީސް (ރީކޯ) މޫސާ މަނިކު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން މަޖިލީހަށް ހާޒިރުވި 73 މެންބަރުންގެ ތެރެއިން 38 މެންބަރުން ވަނީ އޭނާ ޖޭއެސްސީން ވަކިކުރެއްވުމަށް ވޯޓުދެއްވަފައެވެ. 34 މެންބަރުން ވޯޓް ދެއްވާފައި ވަނީ އޭނާ މެންބަރު ކަމުން ވަކިނުކުރުމަށެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ އިންނެވީ އެންމެ މެންބަރެކެވެ.
ޑރ.އަފްރާޝީމް އަލީ ޖޭއެސްސީން ވަކިކުރުމަށް އެދި އެމްޑީޕީން ހުށަހެޅީ ޖޭއެސްސީގެ ޤާނޫނާއި ޤަވައިދާ ޚިލާފަށް އެކޮމިޝަނުގެ ކަންތައް ގެންދިއުމުގައި ޑރ.އަފްރާޝީމް ޢަލީގެ ދައުރެއް އޮތަ ކަމަށާއި، އެކަންކަމުގައި ޑރ.އަފްރާޝީމް ޢަލީ ބައިވެރިވެވަޑައިގެންފައިވާތީ އާއި، ޖޭއެސްސީގެ މަސައްކަތްތާއި،އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އިޚްލާސްތެރިކަމާއެކު އަދާކުރައްވަމުން ނުގެންދަވާތީ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ފޮނުއްވި ސިޓީގައި ވެއެވެ.
މީގެ އިތުރުން ޑރ.އަފްރާޝީމް ޖޭއެސްސީން އިނާޔަތް ނަންގަވަމުން ގެންދަވާ މައްސަލަވެސް އެމްޑީޕީގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ޑރ.އަފްރާޝީމް ޖޭއެސްސީގެ މެންބަރުކަމުން ވަކިކުރުމަށް މިއަދު ނެގި ވޯޓުގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މިނިވަން މެންބަރު އިސްމާޢީލް ޢަބްދުލް ހަމީދާއި، ކުރެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަޙުމަދު މޫސާ އާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މިނިވަން މެންބަރު މުޙަންމަދު ނަޝީދު ވެސް އެމްޑީޕީގެ ފިކުރާ އެއްގޮތަށް ވޯޓުދެއްވާފައިވާކަން ފާހަގަކުރެވެއެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވަނީ ޑީއާރުޕީން މިހާރު ވަކިވެވަޑައިގެންފައިވާ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދެވެ.