މެންބަރުންގެ ޚިޔާލު: އަދިވެސް ވެރިކަމާ ބަގުޑި ބައްދަނީއެވެ!!!

ފުނަމާ

ބައެއްގެ ތެރޭގައި އެބައެއްގެ ވެރިކަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ނުވަތަ ބިރުގަންނަވައިގެން ނަމަވެސް ގިނަދުވަސްތަކަކު މީހަކު އަނިޔާވެރި ވެރިކަމެއް ކުރަމުން ގެންދާނަމަ އެތަނެއްގެ ރައްޔިތުން ހަގީގަތުގައިވެސް ތިބެނީ ވެރިމީހާ ދެކެ ބިރުންނެވެ. ވޯޓުލާ ފޮށިތަކުގައި ބަޔަކު ބަނޑުއަޅައިގެން ތިބެ ވެރީން ބޭނުން ގޮތަކަށް ވޯޓު ލެއްވިޔަސް އަދި ފާޅުގައި ދިރިތިބީން މެރިޔަސް އެތަނެއްގެ ރައްޔިތުން ތިބެނީ ބިރުން އެވާހަކަވެސް ދައްކާން ނުކެރިފައެވެ. މިފަދަ ވެރިކަމެއްގައި އަނިޔާލިބި ބިރުގެންފައިވާ ބަޔަކަށްވެސް ހީވާނީ ތިމާމީހާހެން އެންމެންވެސް ތިބޭނީ އެބިރުގަ ހެންނެވެ. ނަމަވެސް އެފަދަ ތަންތަނުގައިވެސް އަނިޔާގެ ކުރިމަތީގައި ބޯނުލަނބައި ތިބޭމީހުން ތިބޭކަމީ ހަގީގަތެކެވެ. މިދެންނެވި ފަދަ ވެރިކަމަކީ މާކުރީގެ ގަބީލާ ތަކުގެ ތެރޭގައާއި ، ވިރާސީ ރަސްކަންތަކުން ފެނުނު މަންޒަރެއް ކަމުގައި އެކަނި ދެންނެވޭކަށް ނެތެވެ. އެހެނީ މިހާރުވެސް ދުނިޔޭގެ އެކި ގައުމުތަކުން އެފަދަ މަންޒަރުތައް ފެންނަމުން އެބަދެއެވެ. ރައްޔިތުން އެގައުމެއްގެ ސަރުކާރާއިމެދު ގިނަގިނައިން ފާޑުކިޔައި މިނިވަން ކަމާއެކު އުޅޭނަމަ ބައެއް މީހުން ދެކެނީ އެއީ އަނިޔާވެރި ސަރުކާރެއް ކަމުގައެވެ. އަދި ސަރުކާރަށް ފާޑުނުކިޔައި މަޑުމަޑުން ރައްޔިތުން ތިބޭ ގައުމު ތަކަކީ ހެޔޮވެރިކަން ކުރެވޭ ގައުމުތައް ކަމުގައި މީހުން ދެކެއެވެ. އެހެނަސް ހަގީގަތުގައި މިކަން އޮންނަނީ ހީކުރާ ގޮތާ މުޅީން އިދިކޮޅަށެވެ. މިސާލަކަށް ސައްދާމު ހުސައިންގެ ދައުރުގައި އިރާގުގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް ބަލާލަމާ ހިންގަވާށެވެ. ދުނިޔޭގެ ރެކޯޑެކެވެ. ސައްތައިން ސައްތަ ލިބުނީ ސައްދާމާއި އެއްކޮޅަށެވެ. ބައެއްމީހުން އެމީހުންގެ ލެއިންވެސް ވޯޓުކަރުދާހުގައި ފާހަގަ ޖަހާފައި ހުރިކަމުގައި ބުނެވެއެވެ. ނަމަވެސް މާގިނަދުވަހެއް ނުވެ ހުޅަނގުގެ ބާރުތަކުން އިރާގަށް އެރުމާއި އެކު ސައްދާމުއަށް އެގައުމުގެ ރައްޔިތުންގެ މެދުގައި ތާއީދުއޮތް މިންވަރު ދިޔައީ އެނގިގެންނެވެ. ގައުމުގެ އެތައް ލައްކަ ރައްޔިތުންނެއް މަރައި ވަޅުލައިފައި ވާކަމާ މިނޫންވެސް އެތަކެއް އަނިޔާ ރައްޔިތުންނަށް ދީފައިވާކަން އެނގި ހާމަވަމުން ދިޔައެވެ. ދާދި އެހަކަށް ދުވަހު މިސުރުންނާއި މިއަދު ލީބިޔާއާއި މިނޫންވެސް ގައުމުތަކުން އެފެންނަނީ މީގެ މިސާލުތަކެވެ. ސައްދާމާއި ހުސްނީ މުބާރަކާއި ، ގައްޒާފީވެސް ބުނީ އަދި ބުނަމުން ދަނީ އެގައުމުތަކުގެ ރައްޔިތުން ތިބީ ހަމައެމީހުންގެ ފަހަތުގައި ލޯބިން ފިރުމާލަ ފިރުމާލަ ކަމުގައެވެ. އެހެން ކަމުން އެނގޭ އެއްޗަކީ ރައްޔިތުން އެގައުމެއްގައި ދޫބަންދުވެ އެތިބެނީ އެގައުމެއްގައި ރައްޔިތުންނަށް މިނިވަންކަމެއް ނެތުމުން ކަމުގައެވެ. އަދި މިނިވަން ކަމާއެކު ސަރުކާރަށް ފާޑުކިޔައި އަޑުއުފުލައި އުޅޭ ގިނަ ގައުމުތަކަކީ ރައްޔިތުންނަށް މިނިވަންކަން އޮންނަ ގައުމުތައް ކަމެވެ. މިދިވެހި ރާއްޖެވެސް ދާދި އެހައް ދުވަހާއި ހަމަޔަށް އޮތީ ވަރަށް އެކުވެރި އެއްބައިވަންތަ ވެރީންނަށް ކިޔަމަންވާ ގައުމެއްގެ ގޮތުގައޭ ބުނެވެއެވެ. ރައްޔިތުންނަށް ނުލިބޭ ހައްގެއް ނެތޭ ، ރައްޔިތުން އުޅެނީ އުފާފާގަތި ކަމުގައި ގައުމުގެ ވެރީން އެންގެވި ކޮންމެ ގޮތަކާ ތަބާވެގެން ކަމުގައި ބުނެއުޅެއެވެ. އަދި މިކަމުން އޭރުގެ ވެރީން ދުނިޔެއަށް މިސާލު ދައްކަމުންވެސް ގެންދެއެވެ. ވެރިކަމުގައި ހުންނަ މީހަކަށް ކޮންމެ ފަހަރަކު ބާއްވާ އިންތިޚާބުގައި ނުވަދިހަ އިންސައްތައަށްވުރެ މަތީން ވޯޓުލިބެއެވެ. ވޯޓުލައި ނިމުމުން ހުދުފޮތިން ބަނދެގެން ފޮށިތައް ގެންދަނީ މާލެއަށެވެ. ގުނާނިމޭއިރު އެއިރު ހުރި މީހާއާއި އިދިކޮޅަށް އޮންނަނީ ދާދި މަދު ވޯޓުކޮޅެކެވެ. ބައެއް ރަށްރަށުން ސައްތައިން ސައްތަ ލިބުނު ކަމުގައި ބުނުމުން ” ބަލަ މަލީވޯޓު ވަނީ ކޮންތަނަކަށްހޭ ” ސިއްރު ސިއްރުން އަހާލާ މަދު ބައެއް މީހުން އުޅުނު ކަމުގައިވެސް ބުނެވެއެވެ. ފޮށްޓަށްލާ ވޯޓު ލެވެނީ ފޮށީގެ ވެރިމީހާއަށް ދައްކައިފައި ކަމުން ވޯޓުލާން ނުގޮސް ތިބޭ މީހުންގެ ވޯޓުވެސް އޮންނަނީ އޮޓަމެޓިކުން ލެވިފައި ކަމުގައި ބުނެވެއެވެ. ބައެއް ރަށްރަށުގައި ވޯޓު ފޮތްފޮތް ހުރިގޮތަށް އަޅާލާ ކަމުގައިވެސް ބުނެވެއެވެ. އެކަމަކު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްކަލަހެން ބިރުކަނޑާލާ ބަޔަކު ނުކުމެ އަޑުހަރު ކުރާން ފެށުމުން އެއިރުގެ ސަރުކާރުން ދެންވެސް އުޅުނީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ބޮޑުކަން ދައްކާށެވެ. އިސްލާހީ ބައިވެރީންނަކީ ރައްޔިތުންގެ ތާއީދެއް އެއްގޮތަކަށްވެސް އޮތް ބައެއް ނޫންކަމުގައި ބުނެ ބޭރުގެ ދުނިޔެއަށް ދައްކާން އުޅުނެވެ. އެކަމަކު އެންމެ ފަހުން އެތެރެޔާ ބޭރުގެ ޕުރެޝަރު ބޮޑުވެގެން ދެން ހަދާނެގޮތެއް ނޭނގި އިސްލާހީ އެޖެންޑާއެކޭ ކިޔާ އެއްޗެއް ހެދިއެވެ. ކުރީގައި އެބުނާ ސަތާރަ އަހަރުން ވެރިމީހާގެ ގަޔަށް ހެޔޮވަރުކޮށް ފެހި ލިބާހެއްފަދަ ގާނޫނުއަސާސީ ހައެއްކަ އަހަރު ނުވަނީސް އިސްލާހުކުރާން ޖެހުނެވެ. ވެރިކަމުގައި ފަސްއަހަރުގެ ދެދައުރަށްވުރެ ދިގުމުއްދަތަކަށް އެކަކަށް ނުހުރެވޭނެ ކަމުގައި ބުނެއުޅުނެވެ. ނަމަވެސް އެއިރު ހުރި މީހާ ވެރިކަމާއި ހަސްގަނެފައިވާ މިންވަރާއި މަކަރުވެރިކަން ހާމަވެގެން ދިޔައީ އިސްލާހު ކުރެވުނު ގާނޫނުއަސާސީއަކީ އާގާނޫނުއަސާސީއެކޭ ބުނެ އަލުން ވެރިކަމާ ކުރިމަތިލުމުންނެވެ. ތިމާގެ ބަތާ ކައިގެން ކޮލިފުފިފައިތިބި މީހުން ލައްވައި އެކަމަށް އެއްބަސް ކުރުވައިގެން ނުކުމެ މިނިވަން އިންތިޚާބެއްގައި އެއްކަލަ އެބުނާ ރައްޔިތުން ބަލައިނުގަންނަ ކަހެރަވަކުން ކަމުގައި ބުނި މީހުންނާއި ވާދަކޮށްލުމުން ކޮއްތުދަރު ބޯފެން ފޮދުވެސް ލިބުނީ ކަނޑެއް ބައްދާލާހާ މިންވަރަށެވެ. ދެވަނަ ބުރުގައި އެއްކަލަ ރައްޔިތުން ބަލައިނުގަންނަ އަދި ، ތިމާ އެންމެ ނުރުހޭ ސޮރާ ކުރިމަތިލުމުން ވެއްޓި ޖެހުނީ އަނގަވަތަށް ބިންމައްޗަށެވެ. މުޅި ދުނިޔޭގެ ކުރިމަތީގައި ފަޟީހަތްވެ ކެނޑިހާ ބައިސާތައް އެރީ ދުމަށެވެ. އެދުވަހު ތިމާހުރީވެސް މަހަކު ދެއިންޖެކްޝަން ޖަހައިގެން ތަންކޮޅެއް ސަމައްތަރު ހެޔޮކަމަށް ދައްކައިގެންވެސް މެއެވެ. އެކަމަކު އޭގެ ދެއަހަރެއް ފަހުން ” ވާހިތަށް ލުންތުރާ” ގޭގައި ނޯވެވިގެން އަނބިދަރީން ނާއިއެކު ނުކުމެ އަނެއްކާވެސް މަށޭ ގޮވާން ފަށައި، ވެރިކަމާ ބަގުޑި ބައްދަން ފަށައިފިއެވެ.