ދިވެހިންނަކީ ބުނާ ކަމަކުން ނުވަތަ ކުރާ ކަމަކުން އެމީހުންގެ ޢަޤީދާ ގުޑާފަދަ ބައެއް ނޫން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

111-450-x-311

ދިވެހިންނަކީ ބުނާ ކަމަކުން ނުވަތަ ކުރާ ކަމަކުން އެމީހުންގެ ޢަޤީދާ ގުޑާފަދަ ބައެއް ނޫން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޤުރްއާން ކިޔެވުމުގެ 26 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރައްވައި އިނާމު ދެއްވުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއަކީ އިސްލާމީ ޢަޤީދާ ވަރަށް ވަރުގަދަ ޤައުމެއް ކަމަށާއި، އަދި އެހާމެ ދިގު، މުއްސަނދި އިސްލާމީ ތާރީޚެއް އޮތް ޤައުމެއް ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި އޮތް ދީނީ ހޭލުންތެރިކަމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި އިތުރުކޮށް، އިސްލާމީ ޢަޤީދާ ވަރުގަދަ ކުރެއްވުމަށް ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންނާއި ދަންނަ ބޭކަލުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ތާރީޚުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ އަދި އެދުމަކީ، އަޅުގަނޑުމެންގެ ހިތްތަކަށް އިސްލާމްދީނުގެ މަތިވެރި ނޫރު ލިބުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ޤުރްއާން ކިޔެވުމުގެ 26 ވަނަ ޤައުމީ މުބާރާތުން 1 ވަނަ، 2 ވަނަ، 3 ވަނަ ހޯދި ދަރިވަރުންނަށާއި، 1 ވަނަ، 2 ވަނަ، 3 ވަނަ ހޯދި މުއައްސަސާތަކަށް އިނާމު ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 26 ވަނަ ޤައުމީ ޤުރްއާން މުބާރާތުން ވަނަތައް ހޯދި ހުރިހާ ދަރިވަރުންނަށާއި، އެކިވަނަތައް ހޯދި މުއައްސަސާތަކަށާއި، ޙާފިޒު ކަމުގެ ސަނަދު ޙާޞިލު ކުރެއްވި ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ. މިއަހަރު 7 ފަރާތަކުން ޙާފިޒް ކަމުގެ ސަނަދު ހޯއްދަވާފައިވެއެވެ. އޭގެ ތެރޭގައި 11 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.