ނޫސް ބަޔާން: ހދ.އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރުމާ ގުޅިގެން މަރުހަބާ ދެންނެވުން

mari-225-x-286mdp-logo-446-x-466

ހދ.އަތޮޅު ކައުންސިލްގެ މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކައުންސިލުން ހުސްވެފައިވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އައްޔަން ކުރުމަށް މިއަދު އެ ދާއިރާގައި ބޭއްވި ވޯޓު ބޮޑު އަޤްލަބިއްޔަތަކުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް، ހދ.ކުޅުދުއްފުށީ އިރަމާގޭ ނަސްރުﷲ އިސްމާޢީލް ކާމިޔާބުކުރެއްވުމާ ގުޅިގެން އެމްޑީޕީގެ އާންމު މެންބަރުންނާއި، ޕާޓީގެ ގޮފިތަކާއި، ދާއިރާތަކުގެ ހިންގާ ކޮމިޓީތަކުގެ މެންބަރުންނާއި، ޕްރޮވިންސް ސެކްރެޓޭރިއަޓްތަކުގެ މެންބަރުންނާއި، ޕާޓީގެ ގައުމީ މަޖިލީހާއި، ސެކްރެޓޭޜިއަޓާއި، އެމްޑީޕީގެ ލީޑަރޝިޕާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އެ ގޮނޑި ކާމިޔާބު ކުރެއްވި ނަސްރުﷲ އިސްމާއީލަށާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރުންނަށާއި، ޖުމްލުކޮށް މުޅި އެމްޑީޕީއަށް ހޫނު މަރުހަބާއަކާއި ތަހުނިޔާއެއް ދަންނަވަމެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދެގުނަ ތަފާތު ބޮޑުކޮށް މި އިންތިޚާބުގައި ޑީއާރުޕީ އަނެއްކާވެސް ބަލިކުރެވުމުން، އެމްޑީޕީއަކީ ރައްޔިތުންގެ ރުހުން އިންތިހާއަށް ލިބިފައިވާ، އަދި އިންތިޚާބުގައި ނަތީޖާ ނެރެން އިނގޭ ޕާޓީއެއް ކަން މިއަދު ކުޅުދުއްފުށީގައި މިބޭއްވި އިންތިޚާބުން މިވަނީ ވަރަށް ފުރިހަމައަށް ސާބިތުވެފައެވެ.
އަދި މިއަދު މި ބޭއްވި ބައި އިލެކްޝަން އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް ކުޅުދުއްފުށީ ދާއިރާގެ މެންބަރު ޢަބްދުލްޤަފޫރު މޫސާ އާއި އެމްޑީޕީ ކުޅުދުއްފުށީ ދާއިރާގެ ހިންގާ ކޮމިޓީއާއި، މުޅި ކުޅުދުއްފުށީގެ އެމްޑީޕީ މެންބަރުން ކުރެއްވި ބުރަ އަދި އަގުނުކުރެވޭ ފަދަ މަސައްކަތްތައް މި ޕާޓީން ބަލައިގަނެ، އެ ހުރިހާ ފަރާތަކަށް ވެސް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
އެމްޑީޕީގެ މެންބަރުންނާއި، މި ޕާޓީއަށް އަދި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ މާ ފަހި އަދި މާފާގަތި މުސްތަޤްބަލަކަށް އެދެމެވެ. އެމްޑީޕީއަށް ލިބެމުންމިދާ ކާމިޔާބީތައް ފަށްފަށް ކުރައްވައި، އިތުރު ކާމިޔާބީދެއްވުން އެދި މާތްﷲ ގެ ޙަޟްރަތަށް ދުޢާ ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ