ބިމާބެހޭ ޤާނޫނުތަކަށް ގެނެވޭ އިޞްލާޙުތަކާއެކު ދިވެހި ދައުލަތުގެ މުއްސަނދިކަން އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

president_nasheed

ރާއްޖޭގެ ބިމާބެހޭ ޤާނޫނުތަކަށް ގެންނެވުމަށް ސަރުކާރުން ހުށަހެޅުއްވުމަށް ހަމަޖައްސަވާފައިވާ އިޞްލާޙުތަކާއެކު، ދިވެހި ދައުލަތުގެ މުއްސަނދިކަން އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ބިމާބެހޭ މުޢާމަލާތްތައް ރާއްޖޭގައި ހިންގަމުންދާގޮތް ބަދަލުކުރެއްވުމަށް ސަރުކާރުން ހުށަހެޅުއްވުމަށް ހަމަޖައްސަވާފައިވާ އިޞްލާޙުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބިމާއި އަދި ބިމާ ގުޅިފައިވާ މުދަލާ ގުޅޭގޮތުން ގެންނަންޖެހޭ ޤާނޫނީ އިޞްލާޙުތައް ސަރުކާރުން ފާހަގަކުރައްވައި، މިމަހުގެ ތެރޭގައި، މި އިޞްލާޙުތަކުގެ ބިލްތައް، މަޖިލީހަށް ހުށަހެޅުމަށް ހަމަޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިއިޞްލާޙުތަކުގެ ތެރޭގައި، ބިންބިމާބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙާއި، އެއްމެދު މުދަލާބެހޭ ބިލަކާއި އަދި ރަހުނު ނުވަތަ މޯގޭޖާބެހޭ ބިލެއް ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބިމާބެހޭ މުޢާމަލާތައް ކުރެވޭގޮތަށް ގެންނެވުމަށް ސަރުކާރުން މިހުށަހަޅުއްވާ ބަދަލުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްވި ރޭޑިޔޯ ޚިޠާބުގައި ދެއްކެވި ވާހަކަފުޅުގައި، ބިންބިމަކީ އެއީ ހިފެހެއްޓިފައިވާ މުދަލެއްގެ ގޮތުގައި އޮތުމުން، ނުލިބިދާ ފައިދާއާއި އަދި އިތުރަށް ލިބޭ ގެއްލުން ރާއްޖެއިން ފެންނަމުންދާ ކަމުގައި ވިދާޅުވިއެވެ. އަދި އެއްވެސް މުދަލެއް ހިފަހަށްޓައިފިނަމަ، އެ މުދަލެއް ތާށިވާނެކަމީ ރަނގަޅަށް އެނގޭންއޮތް ޙަޤީޤަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރަށްރަށުގެ ތަރައްޤީ އެތައް ތަނަކުން މަޑުޖެހިފައި މިވަނީ، ބިމުގެ ތާށިކަން ބޮޑުވެފައި ހުރި މިންވަރާއި، ބިމުގެ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް މެދުވެރިވާ ހުރަސްތަކުގެ ސަބަބުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖޭގެ ރައްޔިތުންނަށް ލިބެވޭ އާމްދަނީއިން ބޯހިޔާވަހިކަމެއް ހޯދުމަށް އިސްނަގައި އުޅެވޭނެ އެންމެ ފަސޭހަ އެއްމަގަކީ، ޤައުމުގެ މާލިއްޔަތަށާއި، އިޤްތިޞާދާއި، ފުއްދުންތެރިކަމުގެ ތެރެއަށް، ބިމުގެ އަގު ގެންނެވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ، ބަންޑާރަ ބިން ރައްޔިތުންނަށް ބަދަލުކުރައްވައި، ބިމަކީ ދިވެހި ކޮންމެ ރައްޔިތަކަށް މިލްކު ކުރެވޭނެ އަދި އެއީ އެމުދަލުން މުޢާމަލާތްކޮށްގެން، މުއްސަނދިކަން އިތުރުކުރެވޭނެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރްޞަތު ހުޅުވައިލެއްވުން ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، އެއް ޢިމާރާތެއްގައި ހުންނަ އެކި ފްލެޓް ނުވަތަ އެކި ބޯހިޔާވަހި، ތަފާތު މީހުންގެ މުދަލުގެ ގޮތުގައި މިލްކު ކުރެވޭނެ އުޞޫލުތަކެއް، އެއްމެދު ޢިމާރާތާބެހޭ ޤާނޫނުން ކަނޑައެޅިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ބިމުގައި އަޅާފައި ހުންނަ ޢިމާރާތުގެ ބައިބައި، ވަކިން މީހުންނަށް މިލްކު ކުރެވޭނެ ގޮތެއް މެދުވެރިކުރެއްވުން ސަރުކާރަށް މުހިންމުވަނީ، ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ނިޒާމް ފަހިކުރުމަށްޓަކައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ހަމަޖައްސަވާފައިވާ ރަހުނާބެހޭ ބިލަށް އިޝާރާތް ކުރައްވައި، ރަހުނު އެކުލެވިގެންވަނީ ބިމުގައި އެކަނި ކަމަށް ބެލެވިގެން، ވިޔަފާރީގެ މުޢާމަލާތް ހިންގޭ ގޮތަށް އޮތުން އެއީ މިއަދުގެ ރާއްޖޭގައި އެއްގޮތަކަށްވެސް ދެކޮޅުޖެހޭ ކަމެއް ނޫންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްވި ރޭޑިޔޯ ޚިޠާބުގައި، ސްކޫލްތަކުގެ އަހަރު މެދުތެރޭ ޗުއްޓީ ނިމި، އަންނަ އާދީއްތަ ދުވަހު ފެށޭކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ފިލާވަޅުތަކާމެދު އިތުރު ސަމާލުކަންދީ، ފަރުވާތެރިކަން ބެހެއްޓުމަށާއި، ދެން އޮންނަ އިމްތިޙާނުގައި ރަނގަޅު ކާމިޔާބެއް ހޯދުމަށް ހުރިހާ ކިޔަވާ ކުދިންވެސް ޢަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ހަނދާން ކޮށްދެއްވިއެވެ. އަދި ކިޔަވާ ކުދިންނަށް ހިތްވަރު ދެއްވުމުގައި މައިންބަފައިންނާއި، ބެލެނިވެރިންނާއި، ޓީޗަރުން ކުރައްވަމުން ގެންދަވާ މިންނެތް ބުރަ މަސައްކަތްޕުޅަށް، އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އެހުރިހާ ބޭފުޅުންވެސް ކުރައްވާ މަސައްކަތްޕުޅުތައް ގުޅިފައި ހުރީ، މިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއާ ކަމުގައި ވިދާޅުވިއެވެ.