މެންބަރުންގެ ޚިޔާލު: ކޮންމެކަމެއް ” އޯކޭ” ވެގެން ނުވާނެއެވެ!!!

ފުނަމާ

އެމްޑީޕީއަކީ ސިޔާސީ ޕާޓީއެކެވެ. ޑިމޮކްރެސީގެ ހުރިހާ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ހިނގަމުން އަންނަ ޕާޓީއެކެވެ. މިޕާޓީގެ އެންމެ ފުރަތަމަ ބިންގަލުން ފެށިގެންވެސް މިގެންދަނީ މިހަމަތަކުގެ މަތީގައި ކަތިނުކޮށް އިމާރާތް ކުރަމުންނެވެ. އޭގެ ނަތީޖާ މިއަދު މިދަނީ ފެންނަމުންވެސް މެއެވެ. މީގެ އަހަރުތަކެއް ކުރީން އެމްޑީޕީގެ ފިކުރުއޮތީ ފިލައޭ ދަންނަވަން ޖެހެއެވެ. ޚުދުމުޚުތާރު ކަމާ ދެކޮޅަށް ބަސްބުނާ ކޮންމެ މީހަކަށް ކަންހިނގާގޮތް އެނގޭތީވެ ތިބޭންޖެހުނީ ދުލުގައި ތަޅުލައިގެންނެވެ. ނަމަވެސް އެފިކުރައިގެން މަދުބަޔަކު ފިސާރި ކެރިގެން ނުކުމެ ކުރިމަތިވި ގޮންޖެހުންތަކާއި ކުރިމަތިލައި މިފިކުރު ފާޅުކަންބޮޑު ގޮތެއްގައި ގާއިމް ކުރުމުން މިއަދު މިފިކުރަކީ އެންމެންވެސް ބަލައި ގަންނަ ފިކުރަކަށް މިވަނީ ވެފައެވެ. ކޮންމެ ކަމަކާ ގުޅިގެންވެސް ތިމާމެންގެ ވިސްނުން ފާޅުކުރުމުގެ މިނިވަންކަން މިވަނީ އެމްޑީޕީއިން ދިވެހި ރާއްޖެއަށް ގެނެސްދީފައެވެ. މިކަން ހަޖަމު ނުކުރެވިގެން އިސްލާހީ އެޖެންޑާއޭ ، ގުޅިޔޭ ކިޔަކަސް މިއަދަކު މީހުންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. އަދި މިފިކުރުގެ ނަހަމަ ބޭނުން ކޮންމެ ކޮންމެ ގޮތަކަށް ކުރުމުން އެކަން ބޮޑުވަރިހަމަޔަކަށް ހަދާލައި މިހާރުގެ ބަހުންނަމަ “އޯކޭ” އެކޭ ބުނެ ނިންމާލައިގެން ފަރުޖެއްސޭކަށްވެސް ނޯންނާނެއެވެ. އެންމެ ފުރަތަމަ ދެއަތުގެ އިނގިލިން ގުނާލެވޭ އަދަދެއްގެ ބަޔަކު އެމްޑީޕީގެ ފިކުރައިގެން ނުކުމެ އުޅުނެއް ކަމަކު މަޑުމަޑުން އަނިޔާވެރިކަމުގެ ބިރުފިލައި ކޯޅިކޯޅިއަށް ބައިބަޔަށް މިޕާޓީއަށް މެންބަރުން ދިޔައީ އިތުރުވަމުންނެވެ. އެންމެ ފަހުން މިފިކުރާ އެންމެ ހަތުރުވެރީންގެ ގޮތުގައި އޮތް ސަރުކާރަށް ޖެހުނީ ހަތަރު އަނގޯޅީގައި ގޮނޑި ބަހައްޓާފައި ފިލާށެވެ. ތިމާމެންގެ ފިކުރު ވިކިދާނެޔޭ ހީކޮށް މަޖުބޫރުން ގިނަކުރި ނަންތަކުން ދިން ރިޝްވަތަކުން ކުރި ފައިދާއެއް ނުފެނުނެވެ. އާޚިރުގައި މިތުރުންވެސް މިވީ ހަތުރުންނަށެވެ. އެމްޑީޕީގެ ސަރުކާރު އުފެދި އާނދެން މިއަމާންވީއޭ ބުނެ ނުކެރިތިބި ބަނޑުތަކުންވެސް މިފިކުރު ވިހާންފެށީއެވެ. ކުރީގެ ބޮޑުޕާޓީ ފަހަތައް ޖައްސާލައި ކުރިއަށް އަރައިގެން ދިޔައީ ހީނުކުރާހާ ހަލުއިކޮށެވެ. މިކަން މިގޮތައް ވެގެންދިޔައީ ކޮންމެ ކަމެއް އޯކޭކޮށްނުލައި ފިސާރި ރޭވުންތެރިކަމާއި ބަދަހި އެކުވެރި ކަމެއް އަޅުގަނޑުމެންގެ ކިބައިގައި ހުރުމުންނެވެ. ކާމިޔާބުގެ ކޮންމެ ހަރުފަތަކަށް އެންމެން ގުޅިގެން ފިޔަވަޅު ނެގީމައެވެ. މިއަދަކީ އަޅުގަނޑުމެން ކާމިޔާބީގެ އެތަކެއް މަންޒިލްތަކަށް ވާސިލްްވެވިފައިވާ ދުވަހެކެވެ. އެކަމަކު ގަބޫލުކުރާން ޖެހޭނެ ހަގީގަތަކީ ކަމެއް ހާސިލް ކުރުމަށްވުރެ އެކަމެއް ދެމެހެއްޓުން މާމުހިންމުވެފައި އެހެނަސް އުނދަގޫކަމެވެ. މިހާރުދެން މިފުދުނީ ކަމުގައި ހީކުރެވި އޯކޭ ކޮށްލައިފިނަމަ ޝައްކުލާ ރައްދެއްނެތި ބުނާމީ މުޖައްރިބު ފަންޑިތަ ބަހެކެވެ. ފުރަތަމަ އެޅި ފިޔަވަޅުވެސް ހަނދާންނެތި އަވަދިވާ ހިސާބަށް ފަހަތަށް ސޮއްސާލައިގެން ވެއްޓިދާނެއެވެ. އަބަދުވެސް ހަގީގަތަކީ ހިތި އެއްޗެކެވެ. ގަބޫލުކުރުމަށް ފަސްޖެހޭ ބޭފުޅުން އަޅުގަނޑުގެ މިބަހާ އެއްބަސްވެ ވަޑައި ނުގަތުމަކީ އަޅުގަނޑުގެ އިސްކޮޅު ކުރުވީތީވެ ވެދާނެ ކަމެކެވެ. ނަމަވެސް އިޚުލާސްތެރި ހިތަކުން މިއަދު ދަންނަވަން ޖެހެނީ ކަންކަން ފުރިހަމަވެ ކާމިޔާބީތައް މަތިމައްޗަށް ލިބޭން ފެށުމުން އަޅުގަނޑުމެންގެ ތެރެއިން މަދުބަޔަކު ނަމަވެސް މިއަދު ފުރިތަން ހަނދާން ނެތެމުން އެބަދާވާހަކައެވެ. ދޭތެރެއަކުން ކޮންމެވެސް އެކަކު އަނެކަކާ ޖަދަލުކޮށް އިމުންބޭރުވެ ތަފާތު އަޑުތައް އަރުވަމުންދާކަމެވެ. މިފަދަ އަޑުތަކުގެ ފަހަތުގައި ފޮރުވިފައި އަބަދުވެސް އޮންނާތީވެ މިފެންނަނީ ތިމާއެންމެ އެދޭ ގޮތައް ތިމާގެ ކަންކަން ހާސިލު ނުކުރެވުމުން ނުވަތަ ތިމާއަކީ އެންމެ ބާރުގަދަ މީހާ ކަމުގައި ނުވެވުމުން ނުވަތަ ، ތިމާއަށް ވަކިކަހަލަ މަންފާތަކެއް ލިބުމަށް މަގުނުކޮށިގެން އުޅޭކަމުގެ ހެކިތަކެވެ. ވަކިމަގާމެއް ނުލިބިގެން ނޫނީ ހުރިމަގާމުން ބޭނުންވާ ވަރުގެ ޕުރޮމޯޝަންއެއް ނުލިބިގެން ނޫންނަމަ ކޮންމެވެސް ކޮންޓްރެކްޓްއެއް ނުލިބިގެން ދެންނޫނީ ކޮންމެވެސް ކަމަކުން ސަލާމަތް ކޮށްނުދީގެން އުޅޭ އުޅުމެވެ. ދަންނަވާލަން ޖެހެނީ އެއްވެސް މީހަކީ ވަކި އެވެނި މީހާއަށްވުރެ މުހިންމު މީހެކޭ އަމިއްލަޔަށް ހީކޮށްގެން މިފަދަ ކަންކަން ކުރުމުން އާޚިރުގައި އަގުވެއްޓި ކުލަފިލައި ދަނީ ތިމާކަމެވެ. މީހެއްގެ ޚިދުމަތް އަބަދުވެސް ވަޒަންކުރާނީ އަނެކުންނެވެ. މަމީ ހަމައެކަނި މޮޅުމީހާ ކަމުގައި ދެކޭނަމަ އިސާހިތަކު އޭނާގެ އެމޮޅުކަން ފައިދަށުވެ ފުނޑިގެން ހިނގައިދާނެއެވެ. އަޅުގަނޑުމެންނަކީ ޕާޓީއެކެވެ. އެއްފިކުރެއްގެ އަހުލުވެރީން ކަމުގައި ވެގެން އުޅެމުންގެންދާ ތަފާތު ވިސްނުމުގެ އަހުލުވެރީން ތަކެކެވެ. ކޮންމެ ދެމަފިރިއެއްގެވެސް ހުންނަނީ އެއްވިސްނުން ނޫންކަން ގަބޫލުކުރާއިރު ފަންސާހަކަށްހާސް މީހުން އެތަކެއް އަހަރު އެއްވިސްނުމެއްގައި އެއްއަމާޒަކަށް ދަތުރުކުރުމަކީ ހާދަހާވާ ބޮޑުކަމެކެވެ. އެކަމަކު ދާއިމީ ގޮތެއްގައި ކަމެއް ދެމެހެއްޓުމަށް އެންމެންގެ ވިސްނުން އަބަދުވެސް ކޮންމެވެސް ހިސާބަކުން އެއްގޮތްކޮށް އެކަށައެޅުމަކީ ލާޒިމުކަމެއްކަމުން ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް މެޖޯރިޓީއަށް ތަބާވުމަކީ ކާމިޔާބުގައި ދެމިތިބުމަށް ހަމައެކަނި އޮތްމަގެވެ. ނަމަވެސް މިކަން މިގޮތައް ނުހިނގައި ބައެއް މީހުންގެ އަމިއްލަ އެދުންތަކުގެ ސަބަބުން ކަނޑައެޅިގެން ބޭނުންނުވާ ނަތީޖާތަށް ނުކުންނަމުން ދާކަމުގައިވާނަމަ އެކަމާމެދު ފިޔަވަޅު ނާޅައި ” އޯކޭ ” ކޮށްލައިގެން ތިބެފިނަމަ ފަހުން އޭގެ ހިތިރަހަ އަޅުގަނޑުމެންގެ އަރުގައި ނުލާނެ ކަމުގައި ހީކުރުމަކީ ކުރެވޭނެ އެންމެ މޮޔަ އެއްކަންތައް ކަމުގައި ދަންނަވާން އެބަޖެހެއެވެ. އިދިކޮޅު ފަރާތްތަކުގެ ނުބައި ރޭވުންތަކުން ކިރިޔަ ކިރިޔާ ސަލާމަތް ވެދާނެހެން ހީވާއިރަށް އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުން އަޅުގަނޑުމެން ފިހޭވަރަށް ހޫނުފެން ޖަހާން ވެއްޖެނަމަ މިކުރެވެނީ އަދި އެންމެ ރަނގަޅު ކަމެއް ނޫނެވެ. މަޖުލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް ކުރަމުން ގެންދިޔަ ހީލަތްތެެރި މަސައްކަތުގެ ސަބަބުން އަޅުގަނޑުމެން ނޭވާ ހޮޅިއަށް ނޭޅި މިދިޔައީ ކިރިޔަ ކިރިޔާއެވެ. މިއަދު މެޖޯރިޓީ ލިބިއްޖެ ކަމުގައި ހިންހަމަ ޖައްސާލަން އުޅެނިކޮށް އަޅުގަނޑުމެންގެ ބައެއްމީހުން އަޅުގަނޑުމެންގެ ލިބާސްލައިގެން ތިބެމެ މިއުޅެނީ އެކަން ބަދަލު ކުރުމަށް ފޫގަޅައިގެންނެވެ. މިއަކީ ހަމަ އޯކޭ ކޮށްލައިގެން ތިބެގެން ވާނެ ކަމެއްނޫނެވެ. އިދިކޮޅު އެބުނާ ވަރުގަދަ ޕާޓީ އިނދަޖެހިގެން އެދާގޮތް އަޅުގަނޑުމެންގެ ކުރިމަތީގައި ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް މިދަނީ ފެންނަމުންނެވެ. އެކަމުން އިބުރަތް ލިބިގަތުމުގެ ބަދަލުގައި އަޅުގަނޑުމެން ޣާފިލްވެ އަމިއްލަ އެދުންތަކާއި ޒާތީ ހަސަދައިގައި ވެކޭން ވެއްޖެނަމަ އަޅުގަނޑުމެންނަށްވެސް އެދުވަސް އަތުވެދާނެކަން ދަނެ ރައްކާތެރި ވުމުގެ ގޮތުން އަޅާންޖެހޭ ފިޔަވަޅުތަށް އަބަދުވެސް ރަނގަޅު ވަގުތުގައި އެޅުމަކީ މުހިންމު ކަމެކެވެ. ތިމާގެ ހަށިގަނޑުގައި ނަމަވެސް ފާރުގަނޑެއް އުމަގުވެ ކެންސަރަށް ބަދަލުވުމުގެ ކުރީން ފިޔަވަޅު އަޅާން ޖެހޭނެއެވެ. ހިތާމަޔަކީ މިއަދު އަޅުގަނޑުމެންގެ ބައެއްމީހުން މާޒީގެ އަނިޔާވެރި ކަމުގައި ތިމާގެ އަނބި ދަރީންނާއިއެކު މަގުމަތި ކުރެވުނު ހަނދާންވެސް ނެތި ހިންހަމަ ނުޖެހޭ ކަންކަމުގައި ހިނގާންވީ މަގު ދޫކޮށް މާއަވަހަކަށް ކަތުރުފަނީގެ މިސާލުގައި އަތުޖެހުން ތަނެއް ކައި ހުސްކުރާން އުޅޭކަމެވެ. މިފަދަ ކަންކަން މިކުރަނީ ވަކިމީހަކަށް ވާތީވެ ހަމަ ” އޯކޭ ” އޭ ބުނެ ދޫކޮށް ލުމަކީ ފަހުން ފޫނުބެއްދޭފަދަ ގެއްލުމެއް މެދުވެރިވެދާނޭ ކަމެކެވެ.