އެމްޑީޕީގެ ގޮފި ހެދުމުގެ މަސައްކަތް ރަށްރަށުގައި ވަރަށް ބާރަށް ކުރިޔަށްދާ ކަމުގައި އެޕާޓީން ބުނެފި

20 އެޕްރީލް 2010 (އަންގާރަ)
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ގޮފި ހެދުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިޔަށްދާ ކަމުގައި އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލް އަހުމަދު ޝާހިދު (ސާބެ) ވިދާޅުވީ މިހާރަކަށް އައިސް އެޕާޓީގެ މައި އޮފީހަށް ދުވާލަކު، އެވްރެޖްކޮށް 2 ގޮފި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަމުންދާ ކަމުގައެވެ. އަދި ގޮފި އުފެއްދުމުގެ ފޯރި މިހާ ގަދަވެގެން އުޅެނީ މިއަންނަ ޖޫން މަހުގެ 26 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ކޮންގްރެސް އަށް ތައްޔާރު ވުމުގެ ގޮތުން ކަމުގައިވެސް އެޕާޓީން މައުލޫމާތު ދެއެވެ.
އެކި ޕްރޮވިންސް ތަކުގައި އެމްޑީޕީ ކޮންގްރެސް އަށް ތައްޔާރު ވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، އެޕާޓީގެ މެންބަރޝިޕް އިތުރުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އެޕާޓީން މިހާތަނަށް 3 ޕްރޮވިންސެއްގެ ބޭފުޅުންނާ ބައްދަލުކޮށްފައިވެއެވެ.