މެދު ޕްރޮވިންސްގެ އެމްޑީޕީ އިސް މެންބަރުންނާއެކު އެޕާޓީން ބައްދަލުވުމެއް ބާއްވައިފި

18 އެޕްރީލް 2010

18042010866-600-x-450

މެދު ޕްރޮވިންސްގެ ރަށްރަށުގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސް މެންބަރުންނާއެކު އެޕާޓީން މިއަދު ހަވީރު ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓް ގައި ބޭއްވި މި ބައްދަލުވުމުގައި މެދު ޕްރޮވިންސްގައި ހިމެނޭ 3 އަތޮޅު ކަމަށްވާ މ،ފ އަދި ދ އަތޮޅުގެ ރަށްރަށުގެ ގޮފިތަކުގެ ގިނަ އަދަދެއްގެ ރައީސުންނާއި އެމްޑީޕީ ކެމްޕެއިން ކޮމިޓީގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. މި ޚާއްސަ ބައްދަލުވުމުގައި، މެދު ޕްރޮވިންސްގައި ޕާޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމުގައި ހުރި ދަތިތަކާއި، މެންބަރުން އިތުރުކޮށް އެމްޑީޕީ ޕްރޮމޯޓް ކުރުމުގައި ދިމާވާ ދަތިތަކާއި އެދަތިތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ އިތުރުން ރަށްރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކާ ބެހޭގޮތުން ވާހަކަދެކެވުނެވެ.
މި ޖަލްސާގައި ވާހަކަ ދެއްކެވި ބައިވެރިން ޕާޓީގެ އާންމު ޖަލްސާއެއް މި ޕްރޮވިންސްގައި ބޭއްވުމުގެ މުހިއްމު ކަމާއި ބެހޭގޮތުން ވާހަކަދެއްކެވިއެވެ. އަދި ކުރިޔަށް އޮތް އެމްޑީޕީ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި ގޮފިތައް އިތުރުކުރުމާއި، މިހާރު ހުރި ގޮފިތަކުގެ ތެރެއިން މެންބަރުން މަދު ގޮފިތަކަށް މެންބަރުން ލުމާއި، ހިންގާ ކޮމިޓީގައި މެންބަރުން ހަމަނުވާ ގޮފިތަކުގެ ބައި އިލެކްޝަން ބާއްވައި އެގޮފިތަކުގެ ހިންގާ ކޮމިޓީތައް އަލުން އިންތިޚާބު ކުރުމަށް މިބައްދަލުވުމުގައި ބައިވެރިވެލެއްވި މެދު ޕްރޮވިންސްގެ އެމްޑީޕީގެ އިސް މެންބަރުންގެ އަރިހުން ކެމްޕެއިން ކޮމިޓީގެ މެންބަރުން އެދުނެވެ.