18 އެޕްރީލް 2010
ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅުގެ ކުރީގެ މެންބަރު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ، ޢަބްދުﷲ ޖާބިރު އެޕްރީލް 14 ވީ ބުދަދުވަހުގެ ރޭ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މީޑިއާ އަށް ދެއްވި އިންޓަވިއު އެއްގައި ޖާބިރު ވިދާޅުވެފައިވަނީ އޭނާއަކީ އަބަދުވެސް އެމް.ޑީ.ޕީއަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށާއި، އެމް.ޑީ.ޕީ އާ ގުޅިވަޑައިގަތީ ހަމައެކަނި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރެއްވުމުގެ ނިޔަތުގައި ކަމަށާއި އަދި އެމްޑީޕީއަކީ ރައްޔިތުންނާއެކު ހެޔޮ ވެރިކަމެއް ކުރެވޭނެ ޕާޓީއެއްކަމަށް ގަބޫލުފުޅު ކުރެއްވޭތީކަމަށެވެ.
ޖާބިރު ސޮއިކުރެއްވި ފޯމް އެމްޑީޕީ ސެކެޓްރިއޭޓަށް ލިބިފައިވާކަން ކަށަވަރުކޮށްދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ ” ހެޔޮ ނިޔަތުގައި މިޕާޓީއާ ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް އެމްޑީޕީން މަރުހަބާ ކިޔާނޭ” ކަމުގައެވެ.
އެމް.ޑީ.ޕީ އާއި ގުޅިވަޑައިގަތުމުގެ ކުރިން ޖާބިރުވަނީ ދިވެހިރައްޔިތުންގެ ޕާޓީއާއި ޖުމްހޫރީ ޕާޓީގައިވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވެފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް އެމްޑީޕީ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން މައުމޫންގެ 30 އަހަރުގެ ޒަމާންވީ ވެރިކަން ބަދަލުކުރެއްވުމުގައި ޖާބިރު ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.