މެދުއުތުރު ޕްރޮވިންސްގެ ކ.މާފުށީ ގައި އެމްޑީޕީގެ އޮފީހެއް ހުޅުވައިފި

17 އެޕްރީލް 2010

sunlight-gofi-600-x-450

މެދު އުތުރު ޕްރޮވިންސްގެ މަރުކަޒީ ރަށް ކަމަށްވާ ކ.މާފުށީގެ އެމްޑީޕީ ސަންލައިޓް ގޮފީގެ އޮފީސް މިއަދު އެރަށުގައި ހުޅުވައިފިއެވެ.
މި އޮފީސް ހުޅުވުމުގެ ގޮތުން އެއޮފީހުގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ އެމްޑަބުލިއު އެސްސީގެ ފަރާތުން މާފުށީގެ ގޭގެއަށް ސާފު ބޯފެނުގެ ޚިދުމަތް ފޯރުކޮށްދިނުން އިފްތިތާޙް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު މާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި އެމްޑީޕީ ތ. ދާއިރާގެ ރައީސް، ހަސަން އަފީފް އެވެ.
ސަންލައިޓް ގޮފީގެ އޮފީހުގައި ދިދަ ނަންގަވައިދެއްވުމަށްފަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މާފުށީގައި މިހުޅުވުނު އޮފީހަކީ ރާއްޖޭގެ ރަށްރަށުގައި އެމްޑީޕީއަށް އޮތް ސަޕޯޓް ރަމްޒުކޮށްދޭ ފުރިހަމަ ދަލީލެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއީ މިޕްރޮވިންސްގެ ކާމިޔާބީ އަށް ހުޅުވުނު ދޮރެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާފުށީގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިފަހަކަށް އައިސް އެމްޑީޕީއާ ގުޅެމުންދާކަން ފާހަގަކުރެވިފައިވެއެވެ. އަދި މާފުއްޓަކީ މިހާރުވެސް މެދު އުތުރު ޕްރޮވިންސްގެ ނިސްބަތުން އެމްޑީޕީގެ މެންބަރުން އެންމެ ގިނަ އެއް ރަށެވެ.