ވ.އަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސްފަރާތްތަކާ އެކު އެޕާޓީން ބައްދަލުވުމެއް ބާއްވައިފި

14 އޭޕްރީލް 2010

ވ.އަތޮޅުގައި މިވަގުތު އެންމެ އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ މެންބަރުންނާއެކު އެޕާޓީން ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ބުދަ ދުވަހު ހަވީރު އެމްޑީޕީ މައި އޮފީހުގެ ކޮންފަރެންސް ހޯލުގައި ބޭއްވި މިބައްދަލުވުމުގައި ވ.އަތޮޅުގެ ރަށްރަށުގައި އުފެދިފައިވާ ގޮފިތަކުގެ ރައީސުންނާއި، އެމްޑީޕީ ކެމްޕެއިން ކޮމިޓީގެ މެންބަރުން ބައިވެރިވެ ވ.އަތޮޅުގައި އެޕާޓީ ޕްރޮމޯޓް ކުރުމުގައި ހުރި ދަތިތަކާއި، އެދަތިތައް ހައްލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ކުރިޔަށް އޮތް އެމްޑީޕީ ކޮންގްރެސް އަށް އެއަތޮޅުން ތައްޔާރުވުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި، އެއަތޮޅުގައި އުފެދިފައިވާ ގޮފިތަކަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރުމުގައި ހުރި ހުރަސްތަކާ ބެހޭގޮތުން ވެސް ވާހަކަދެކެވުނެވެ.
ސިލްސިލާ ބައްދަލުވުންތަކެއް ގޮތަށް ކުރިޔަށްގެންދާ މިބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން އަމާޒުކުރެވުނީ މާލެއަތޮޅުގެ ރަށްރަށުގެ އިސް ހަރަކާތްތެރިންނަށެވެ.މި ސިލްސިލާގެ ދަށުން ދެން އެންމެ އަވަހަށް ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ ދެކުނު ޕްރޮވިންސްގެ އެމްޑީޕީގެ އިސް މެންބަރުންނާއެވެ. ފުވައްމުލަކާއި އައްޑޫގައި ވަކިން ބާއްވާ މި 2 ބައްދަލުވުން އޮންނާނީ މި ހަފްތާ ބަންދުގައި އެމްޑީޕީން އެ ޕްރޮވިންސަށް ކުރާ ދަތުރުގައެވެ. އޭގެ ފަހުން މެދު ޕްރޮވިންސްގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސް މެންބަރުންނަށް ބާއްވާ ބައްދަލުވުން މިމަހުގެ 18 ވާ އާދީއްތަ ދުވަހު އެމްޑީޕީ މައި އޮފީހުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.