14 އެޕްރީލް 2010
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޓެކްސް ބިލްތަކާއި ޓުއަރިޒަމް އާއިބެހޭ ގާނޫނާއި ރައްޔިތުންނަށް ފައިދާހުރި އެހެންވެސް ބިލްތަކާއި ގާނޫނުތައް ވީހާވެސް އަވަހަކަށް ނިންމުމަށް ކުރަން ޖެހޭ މަސައްކަތްތައް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފަށައިފިއެވެ.
މިގޮތުން ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޔޮޓް މެރީނާ، ސިޓީ ހޮޓާ، ސަފާރީ އުޅަނދު އަދި ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން ކުންފުނިތަކުގައި މިހާތަނަށް މަސައްކަތްކުރުމަށް ހުއްދަދެވިފައިވާ ބިދޭސީންގެ އަދަދާއި، އަދި ދިވެހިންނާއި ބިދޭސީންނަށް ވަޒީފާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހުއްދަދީފައިވާ ގޮތްތަކުގެ މައުލޫމާތު ހޯދުމަށް މިއަދު ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވަނީ އެދިފައެވެ.
މި މައުލޫމާތުތައް ހޯދުމަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާޓްސް އެންޑް ކަލްޗަރ އަށް އެމް.ޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރ މޫސާ މަނިކު މިއަދު ފޮނުއްވި ސިޓީފުޅުތަކުގައި މިމައުލޫމާތުތައް ވީއެންމެ އަވަސް ފުރުސަތެއްގައި ފޮނުއްވައިދެއްވުމަށް ވަޒީރުންގެ އަރިހުން އެދިވަޑައިގެންފައި ވެއެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ހޯދުމާއި، ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ސަރުކާރުން އެންމެ ޒިއްމާދާރުކޮށް ކުރޭތޯ ބެލުމުގެގޮތުން އެމް.ޑީ.ޕީ ޕާލިމެންޓްރީ ގްރޫޕުން މިފެށި އާސިލްސިލާ މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް އެމް.ޑީ.ޕީ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވިއެވެ.