އެމްޑީޕީން ދެކުނު ޕްރޮވިންސް އަށް ޚާއްސަ ދަތުރެއް ކުރަނީ

14 އެޕްރީލް 2010

ކުރިޔަށް އޮތް އެމްޑީޕީ ކޮންގްރެސް އަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީ އިތުރަށް ޕްރޮމޯޓް ކުރުމަށް، 35 ބެފުޅުންގެ މައްޗަށް އެކުލެވޭ އެޕާޓީގެ ޚާއްސަ ވަފްދެއް މާދަމާ ހަވީރު ދެކުނު ޕްރޮވިންސަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ވަފްދު ދެކުނު ޕްރޮވިންސަށް ކުރާ ދަތުރުގައި ސ.ފޭދޫގެ އިތުރުން ފުވައްމުލަކުގައި އެޕާޓީގެ އާންމު ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ދަތުރުގައި ލާމަރުކަޒީ ބިލާ ބެހޭ މައުލޫމާތު ދިނުމަށް މި ދެ އަތޮޅުގައި ޚާއްސަ ފޯރަމްތަކެއް ބޭއްވުމާއި، މި ޕްރޮވިންސްގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ ބޭފުޅުންނާ ބައްދަލުކުރުން އޮންނާނެއެވެ.
ދެކުނު ޕްރޮވިންސަށް އެމްޑީޕީން މިކުރާ ދަތުރުގައި ސަރުކާރުގެ އިސްވެރިންނާއި، ބައެއް ވަޒީރުންނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
އެމްޑީޕީގެ އާންމު ޖަލްސާތައް މިއަހަރުގެ މިހާތަނަށް 6 ރަށެއްގައި ބާއްވާފައިވެއެވެ. އޭގެ ތެރޭގައި ށ. މިލަންދޫ، އއ.ތޮއްޑޫ، ރ.އަލިފުށި، ގއ.ކޮލަމާފުށި، ޅ.ހިންނަވަރު އަދި ބ.އޭދަފުށި ހިމެނެއެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ރަށްރަށުން އެމްޑީޕީގެ އާންމު ޖަލްސާ އެރަށް ރަށުގައި ބާއްވަން އެދެމުން އެބަދެއެވެ.