ޑީއާރުޕީގެ ޒައީމާއި ޒައީމްގެ ފެކްޝަން އޮތީ އިސްލާހު ޖާޑިއާއަކަށްލާ އިސްލާހު ކުރަންޖެހިފައި ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ

އއ.ތޮއްޑޫން އިބްރާހީމް ރާމިޒް

– އަޅުގަނޑުގެ ސިޔާސީ ގިބުލައަކީ ރައީސް މައުމޫނެއް ނޫން. އަދި ތޮއްޑޫ ދާގަބާ އެއް ވެސް ނޫން. މި ދާއިރާގެ ރައްޔިތުންނާއި ދިވެހިރައްޔިތުން – އަލީ ވަހީދު

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ ސިޔާސީ ގިބުލައަކީ ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ނޫން ކަމަށާއި، އަދި އެއީ ތޮއްޑޫގެ ދާގަބާ އެއްވެސް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން ތޮއްޑޫ ދާއިރާ މެކުހަށް މި ނަމުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އޭނާގެ ސިޔާސީ ގިބުލައަކީ ތޮއްޑޫ ދާއިރާގެ ރައްޔިތުންނާއި، ދިވެހި ރައްޔިތުން ކަމަށެވެ. އަދި އެމްޑީޕީގެ އަޤްލަބިއްޔަތު އޮންނަ އެ އަތޮޅު ރަސްދޫގައި ޑީއާރުޕީއަށް ތާއީދުކުރާ މަދުބަޔަކު އޭނާއާ މެދު ނުރުހުން ފާޅުކޮށް، އެ ދާއިރާގެ ގޮނޑިން އިސްތިއުފާދިނުމަށް ގޮވާލި ގޮވާލުމަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އެމަނިކުފާނު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމުގެ ގޮނޑިން އިސްތިޢުފާ ދެއްވައިފިން ކަމަށާއި، ދާއިރާގެ ގޮނޑިއަކީ މިހާރު އެމްޑީޕީގެ ބޮޑު އަޤްލަބިއްޔަތެއް އޮންނަ މުޅި ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ އެއްޗެއް ކަމަށެވެ. “އަޅުގަނޑު ގޮނޑިން އިސްތިޢުފާދީފިން. ނަމަވެސް އަޅުގަނޑު އިސްތިއުފާދިނީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަމުގެ ގޮނޑިން. އެގޮނޑި އެއޮތީ. އެމީހުން (ރަސްދޫގެ ޑީއާރުޕީއަށް ނިސްބަތްވާ ބަޔަކު) އެރުޅިއާ އެކު އަޅުގަނޑާއި ރައީސް ނަޝީދާއި ކުރިމަތިލީ 30 އަހަރު ނުހެދުނު ރަސްދޫ ބަނދަރުގައި ކަމުގައިވާތީ އަޅުގަނޑު އުފާކުރިން. އެހެންވީމާ ބަދަލުގެންނަން ޖެހެނީ،” އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ މިސްރާބެއް، މަންޒިލެއް ނެތި، ދަތުރުކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި، ތިމާ ކުރާ ކަމަކުން ގައުމަށް ނުވަތަ ދާއިރާއަށް ފައިދާ ނުކުރާނަމަ، އަދި އެ މަސައްކަތުގައި ގައުމަށް މުސްތަގުބަލެއް ނެތްނަމަ އެއީ އިސްލާހީ މަސައްކަތް ކުރެވެނީ ނޫން ކަމަށާއި، އެ ވެވެނީ ރައްޔިތުންނަށް ހަރާންކޯރު ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ގެންނަން ޖެހުނު ކޮންމެ ބަދަލެއް ގެންނާނެ ބުންވަރާއި ފަންވަރު އޭނާގެ ކިބައިގައި އެބަހުރި ކަމަށެވެ.
އެމްޑީޕީ ފިކުރުގެ މީހުންގެ އުތުރިއެރުންތަކަށް ކެތްނުވެގެން ކުރީގެ ސަރުކާރުގެ ދުވަސްވަރު ނަމެއްގައި ގެނެސްފައިވާ އިސްލާހީ އެޖެންޑާއަށް އިއްޔެ ރޭ ހަތް އަހަރު ފުރުނުކަން ފާހަގަކުރައްވައި، އެ އެޖެންޑާ އަށް ހަތް އަހަރު ފުރުނުއިރު ވެސް ޑީއާރުޕީގެ ޒައީމާއި ޒައީމްގެ ފެކްޝަން އޮތީ އިސްލާހު ޖާޑިއާއަކަށްލާ އިސްލާހު ކުރަންޖެހިފައި ކަމަށް ވެސް ރޭގެ ޖަލްސާގައި އަލީ ވަހީދު ވިދާޅުވިއެވެ.
ފަންރިޔަލުގައި މަހަށްދެވޭތޯ “މިއަތުން އެ ފަންރިޔާ ނަގަން އުޅެއުޅެ މި އަތް ހަލާކުވެއްޖެ” ކަމަށާއި “ފަންރިޔަލުގައި މަހަށް ދުއްވާކަށް ދެން ނުދެވޭނޭ” ކަމަށް ވިދާޅުވަމުން އޭނާ އާއި ނުލާ އެފަންރިޔަލުގައި މަހަށް ނުކުތަސް ޖެހޭނީ “ފަޅުމަތީގައި އޮޑީގައި ފެހިބޯވެ، ފަރުމަތީގައި ތިބެން” ކަމަށެވެ.
އަދި އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް އޭނާ ނިންމެވި ނިންމެވުމަށް ޗެލެންޖުކުރަން ނިކުމެއްޖެ ނަމަ، އިދިކޮޅު ހުރިހާ މެންބަރުން އަތުރާލިޔަސް އެފަރާތްތަކާ ޗެލެންޖުކޮށް، އޭނާގެ ނިންމެވުމަކީ ރަގަޅު ނިންމެވުމެއްކަން ހެއްކާއި އެކު ލައިވް އިވެންޓެއްގައި ނަމަވެސް ސާބިތުކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ޖަލްސާގެ ރަސްމީ ބައި ނިންމުމަށްފަހު މިއުޒިކާއި ބޮޑުބެރާއި، ޖާދޫ އަދި އެމްޑީޕީގެ ސިޔާސީ އިސް ބައެއް ބޭފުޅުންގެ ލަވަކިއުމާއި، ނެށުން ފެނިގެންދިޔަ ރޭގެ ޖަލްސާ ގައި ތޮއްޑޫ ދާއިރާގެ ފަރާތުން އެމްޑީޕީގެ ސެކްރެޓޭރިއަޓާއި، 300 މެންބަރުން އެޕާޓީއަށް ސޮއިކުރައްވާފައިވާ މެންބަރޝިޕް ފޯމު ވެސް ހަވާލުކުރުން އޮތެވެ. މި ފޯމުތަކާ އެމްޑީޕީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ “މަންމަ” ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ، އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި، ޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީއެވެ.