އެމްޑީޕީ އަންހެނުންގެ ރޫޙްގެ ނޫސްބަޔާން
އެމްޑީޕީ އަންހެނުންގެ ރޫޙުގެ ހިންގާ ޤަވާއިދުގެ ޑްރާފްޓު ނިމި މިހާރު ވަނީ އެމްޑީޕީގެ ޤައުމީ މަޖްލީހަށް ހުށަހަޅާފައެވެ.
އަންހެނުންގެ ރޫޙު އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ މައިދާނުގައި އަންހެން ބޭފުޅުން ހަރަކާތްތެރިވެ އުޅުން މިހާރަށްވުރެ އިތުރުކޮށް، ފުޅާދާއިރާ އެއްގައި އަންހެނުން މި މައިދާނަށް ނިކުތުމަށް ބާރު އެޅުމެވެ.
އަންހެނުންގެ ރޫޙުގެ ހިންގާ ގަވާއިދުގައިވާގޮތުން ކޮންމެ ރަށެއްގައި އަންހެނުންގެ ކޮމެޓީއެއް އޮންނާނެއެވެ. އަދި ކޮންމެ ދާއިރާއެއްގައިވެސް އަންހެނުންގެ ރޫޙުގެ ކޮމިޓީއެއް ނެގޭނެއެވެ.މިގޮތުން ކޮންމެ ދާއިރާއަކުން ނަގާ އަންހެނުންގެ ކޮމިޓީގައި ތިއްބަވާނީ 5 ބޭފުޅުންނެވެ. އެއީ ރައީސާ، ނައިބު ރައީސާ،ޚަޒަންދާރު، ސެކްރެޓަރީ އަދި ނާއިބު ސެކްރެޓަރީއެވެ.އަދި ކޮންމެ ރަށް ކުރިއަރުވާ ކޮމިޓީއެއްގައި މެންބަރުން ހޮއްވަވާނީ އެރަށެއްގައި ކައުންސިލް މެންބަރުން ތިއްބެވި ޢަދަދަށެވެ.މިގޮތުން އެއަދަދު ހޮވުމަށްފަހު އެމެންބަރުންގެ މެދުގައި ވޯޓުލައްވައި، ކޮމިޓީގެ ރައީސާ އާއި ނާއިބު ރައީސާ އަދި ކޮމިޓީގެ މަގާމްތަކަށް މެންބަރުން ހޮވުން އޮންނާނެއެވެ.
ގޮފިތަކުގައި ރައީސާއަކަށް އަންހެން ބޭފުޅުން ތިއްބަވާ، އަދި 25 މެންބަރުންނަށްވުރެ މަދުނޫން އަދަދަކަށް އަންހެން މެންބަރުން ތިއްބަވާ، ގޮފިތައް އަންހެނުންގެ ރޫޙުގެ ޤަވާއިދަށް އަމަލުކުރަން ފެށުމުން އެގޮފިތައް ހިނގަމުންދާނީ އަންހެނުންގެ ރޫޙުގެ ގޮފިތަކެއްގެ ގޮތުގައެވެ.
މީގެ އިތުރުން ކޮންމެ ސިޓީއެއްގައި އަންހެނުންގެ ރޫޙުގެ ރައީސާއެއް ހޮވޭނެއެވެ.މިމަޤާމަށް ރައީސާއަކު ހޮވާނީ އެދާއިރާތަކުން ހޮއްވަވާފައި ތިއްބެވި ރައީސާއިންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
އަދި ކޮންމެ ޕްރޮވިންސަކުންވެސް ރައީސާއަކު ހޮއްވަވަންޖެހޭނެއެވެ. މި މަޤާމަށް ރައީސާއަކު ހޮއްވަވާނީ އެޕްރޮވިންސެއްގައި ތިއްބަވާ ދާއިރާތަކުގެ ރައީސުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ އަމާޒަކީ ކުރިޔަށް އޮތް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމެވެ. މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން އަންހެނުންގެ ރޫޙުން މިތިބީ މިއަމާޒަށް ވާޞިލްވުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށެވެ.
ދިވެހިރާއްޖެއަށާއި، ދިވެހި އެންމެހާ ރައްޔިތުންނަށް، ޚާއްޞަކޮށް ދިވެހި އަންހެން ކަނބަލުންނަށް އަދަށް ވުރެ މާ ފަހި، މާ ފާގަތި މާދަމާ އަކަށް އެދެމެވެ.